25 މާޗް 2020 - 20:02
ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އިތުރު ތިން މީހެއް ރަނގަޅު ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ތޭރަ މީހުންގެ ތެރެއިން ބަލި ރަނގަޅު ވެއްޖެ ކަމަށް ކުރިން އިއުލާން ކޮށްފައިވާ ފަސް މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ތިން މުވައްޒަފަކާއި ބަތަލާ ރިސޯޓަށް އައި ދެ ޓޫރިސްޓުންނެވެ. އޭގެ ތެރޭގައި ކުރެއްދޫ އައިލެންޑް ރިސޯޓަށް ޗުއްޓީ އަށް އައިސް ހުއްޓާ، ބަލީގެ އަލާމާތްތަކެއް ފެނިފައި ވަނިކޮށް، ރާއްޖެ އިން ފުރައިގެން ދިޔަ އިޓަލީގެ ޓޫރިސްޓް މީހާ އަށް ފަރުވާ ދިން އެ ރިސޯޓުގެ ޑޮކްޓަރު ހިމެނެ އެވެ.
ރައީސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖޭން އެ ބައްޔަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އަށް މީހަކު ރަނގަޅު ވެފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ފަރުވާ ދެމުން އަންނަނީ ފަސް މީހަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެން ތިބި ފަސް މީހުން ވެސް އެ އަންނަނީ އިރާދަކުރެއްވިއްޔާ ރަނގަޅު ވަމުން. އެކަމަކުވެސް މިއީ މިބަލި އަޅުގަނޑުމެންގެ ތެރޭގައި ނުފެތުރޭނެ ކަމަށް ނިންމަންވީ ވަގުތެއް ނޫން،" ރައީސް ވިދާޅުވި އެވެ.
މުޅި ދުނިޔެއިން މި ބަލި ކޮންޓްރޯލް ނުކުރެވެނީސް ރާއްޖެ އަށް މިބަލި ނާންނާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ މިބަލި ރާއްޖޭގައި އިތުރަށް ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޗައިނާގައި ބަލި ފެތުރެން ފެށުމާ އެކު ރާއްޖޭން ފިޔަވަޅުތައް އަޅަމުން އަންނަނީ ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދާ އެކު ކަމަށެވެ. މިކަމުގައި ރާއްޖޭން އަޅާ ފިޔަވަޅުތަކުގައި އެންމެ އިސް ބަހާއި ފަހު ބަސް ވެސް ބުނާނީ ސިއްހީ ތަޖުރިބާކާރުން ކަމަށް އެ މަނިކުފާން ވިދާޅުވި އެވެ.
"ސަރުކާރުން ކުރާ ކަމަކީ އެ ބޭފުޅުންގެ އިރުޝާދުތައް ތަންފީޒު ކުރުމަށް މަގުފަހި ކޮށްދިނުން. ދިވެހި ލޮބުވެތި ރައްޔިތުންނަށް ވެސް އަޅުގަނޑު ދަންނަވަން އޮތީ މިއަދު ތިޔަ ބޭފުޅުން ވެސް އަމަލު ކުރައްވަންވީ ސިއްހީ ތަޖުރިބާކާރުން އެދެއްވާ އިރުޝާދުތަކާއި ލަފަޔާ އެއްގޮތަށްށޭ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުން ކޮށްދޭންވީ ކަމަކީ ބޭރަށް ނުގޮސް ގޭގައި މަޑުކޮށް ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އާއްމު ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވާއިރު އެ ފިޔަވަޅުތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއްކަން ގަބޫލު ކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާ
26 March 2020
ޝުކުރިއްޔާ އިބޫ ސޯލިހް! ޝުކުރިއްޔާ ރާއްޖޭގެ އެންމެހާ ސިއްހީ ހިދުމަތްތެރިން! ތިޔަ ބޭފުޅުންގެ މަސައްކަތް މާތްﷲ ގެ ހެޔޮ ރަހްމަތްފުޅުން ކާމިޔާބުވާނެ!
ސަންް
25 March 2020
އަލްހަމްދުލިއްﷲ. މިކަމުގައި މި ގައުމުގެ ހެލްތު މިނިސްޓަރާއި އޭނާގެ ޓީމުން މިދަނީ މި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށްވެސް ނަމޫނާ ދައްކަމުން.
ފައްސި
25 March 2020
ޝުކުރިއްޔާ ހެލްތު މިނިސްޓަރ އެންޑް ޓީމް. ތިބޭފުޅުން ތި ކުރައްވާ މަސައްކަތުގައި ﷲ ބަރަކާތްލައްވައި މި ގައުމު މިކަމުން މިންގު ކުރައްވާށި.
ގެދާނޯމޮސް
25 March 2020
ތިޚަބަރު އެންމެ އުފަލާއެކު އައްސަވާ ހިތްވާނީ ކުރީގެ ރައީސްޔާމިނު ކަންޔަގީނެވެ. މީ އެބޭފުޅާ ގެނެސްދެއްވި ސިއްޚީ ދުޅަހެޔޮކަމުގެ ނަތީޖާއެވެ. ފޮނިކަނޑާނެ ކަމެއްނެތެވެ.
ބަލަ
26 March 2020
އެއީ ވައްކަން ކުރީ މަތަ؟