ގަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން އަނބުރާ ގެންދިއުމުގެ އެހީތެރިކަމަށް ރާއްޖެ އިން އެދިއްޖެ

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން އަނބުރާ ގެންދިއުމުގައި އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އެދިވަޑައިގެންފި އެވެ.


ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، އެ ކަމަށް ޝާހިދު އެދިވަޑައިގަތީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ މިއަދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކުގައި ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ. އަދި ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިއްޖެ ނަމަ، އެ ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވާނެ އެއް ބަޔަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުގެ އަރިހުގައި މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން އަނބުރާ ގައުމަށް ގެންދިއުމަށް ދިވެހި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ހަވާލާ ދީ، ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ގަަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދިވެހި ސަރުކާރުގެ ޚަރަދުގައި އަނބުރާ ފޮނުވައިލުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، މިހާތަނަށް 300 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ދާން ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން އަނބުރާ ފޮނުވައިލުމުގައި އަމަލުކުރާ އުސޫލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

.