ގެއްލިގެން ހޯދި މީހަކު ގޭގެ ވައިގޮޅި ތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ

މާލޭގައި ގެއްލިގެން ހޯދަމުން ދިޔަ ދިވެއްސަކު، ގޭގެ ވައިގޮޅި ތެރޭގައި މަރުވެފައި އޮއްވައި މިރޭ ފެނިއްޖެ އެވެ.


ފުލުހުން ބުނީ މާފަންނު ގެއަކުން މިއަދު ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން، ފެނުނީ މިރޭ 10:17 ހާއިރު އެ ގޭގެ ވައިގޮޅި ތެރެއަށް ވެއްޓިފައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. ފުލުހުން ބުނިގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ.

މި ހާދިސާ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.