އަމިއްލަ ސަލާމަތަށް ވުރެ ސިފައިން އިސްކަން ދެނީ ރައްޔިތުންނަށް: ރައީސް

ދިވެހި ސިފައިންނަކީ އެ މީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ވެރިންނަށާއި ހުރިހާ ސިފައިންނަށް ތަހުނިޔާ ވިދާޅުވުމުގެ ގޮތުން ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ މި އަހަރުގެ ސިފައިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު ސިފައިން ތިބީ ގައުމީ ވަރަށް މުހިންމު މަސައްކަތެއްގައި ކަމަށެވެ.

"ކޮވިޑް-19 ގެ ނުރައްކަލުން ދިވެހި ގައުމު ރައްކާތެރި ކުރުމަށް މި ކުރާ ގައުމީ މަސައްކަތުގައި، ދިވެހި ސިފައިން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު ދައުރެއް. މި ނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް، ދިވެހި ސިފައިން ނުކުމެ އެ ތިބީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ވަރުގަދަ އަޒުމުގައި،" ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ވިދާޅުވި އެވެ.

"މިކަމުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ސިފައިންނަކީ އެ މީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއްކަން."

ކޮވިޑް-19 އިން ސަލާމަތް ވުމަށް ކުރާ މަސައްކަތުގައި ސިފައިންގެ ސަފުތައް ފެންނަނީ ބަދަހިކަމާ އެކު، ގައުމަށް ހިދުމަތް ކުރުމުގައި ވަރުބަލި ކަމެއް ނެތި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެކަމަށް ސިފައިންގެ އާއިލާތަކުން ދެއްވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި އަހަރުގެ ސިފައިންގެ ޝިއާރު ކަމަށްވާ "ސިފައިންގެ ހިތްވަރު–ގައުމުގެ ސަލާމަތް"، އެ ޝިއާރުގެ ތެދުކަން ސިފައިން އަންނަނީ ސާބިތު ކޮށްދެމުންނެވެ.

މިދިޔަ އަހަރަކީ ވެސް ރައްޔިތުންގެ ފުރާނަ އާއި މުދާ ރައްކާތެރި ކުރުމަށް ސިފައިން ގިނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން، މިދިޔަ ބޮޑު އީދު ބަންދު ތެރޭގައި ރާއްޖެ އަށް ކުރި ވިއްސާރަ އާއި ހދ. ނޮޅިވަރަންފަރު ލޯންޗެއް ބަންޑުން ޖަހައިލި ހާދިސާ އާއި މާލޭގެ އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި މާލޭގެ ހުޅަނގު ދެކުނު ބަނދަރުގައި ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އިން މީހުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމަށް ސިފައިން ކުރި މަސައްކަތް އަގު ވަޒަންކޮށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.

ކާމިޔާބީތައް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިިދޔަ އަހަރަކީ ދިވެހި އަސްކަރިއްޔާ އަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރި މަސައްކަތުގެ ފޮނި ނަތީޖާ ފެނިގެން ދިޔަ އަހަރެއް ކަމަށެވެ.

"އާންމު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާ މެދު އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުވެ، ސިފައިންގެ ގައުމީ ހިދުމަތް އިތުރަށް ފުޅާކުރެވި، ތަރުތީބު ކުރެވުނު އަހަރެއް. މިއީ، ވޭތުވެދިޔަ އަހަރުގެ ތެރޭ، ސިފައިންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.

ސިފައިންނަށް އިލްތިމާސް ކުރައްވަމުން ރައީސް ވިދާޅުވީ ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި ތާއަބަދު ހަރުލާފައި ހުންނަން ޖެހޭނެ ކަމަކީ، ސިފައިންނަކީ ދިވެހި ރައްޔިތުންގެ އުންމީދާއި މަސްލަހަތު އެބަޔަކާ އެންމެ ބޮޑަށް ގުޅިފައިވާ މީހުންކަން ކަމަށެވެ. އަދި ރައްޔިތުންނާއި ދައުލަތުގެ ފަހުރާއި ޝަރަފަކީ، ގައުމާއި ރައްޔިތުން ދިފާއު ކުރުމަށް، ސިފައިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ސާބިތުކަމާއި ވަރުގަދަ އަޒުމްކަން ހަނދާން ބެހެއްޓުމަށް ރައީސް އެދިވަޑައިގަތެވެ.

އަސްކަރިއްޔާ ޖަމާނީކޮށް ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް ސަރުކާރުން އެކަށައަޅާފައިވާ ތަސައްވަރު ހަގީގަތަކަށް ހެއްދެވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި ރައީސް ޝުކުރު އަދާ ކުރެއްވި އެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ ލީޑާޝިޕްގެ ދަށުން ސިފައިން ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަ ކުރެއްވި އެވެ.