މިނިސްޓަރު އަމީން މަޖިލީހުގެ ގަވައިދާ ޚިލާފުވެވަޑައިގެންފި: ނަޝީދު

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރު ގެންނަން ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުށަހެޅުއްވި މައްސަލައިގެ ނޯޓިހުގެ މުއްދަތު ހަމަވިއިރު ވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެ ސުވާލުތަކުގެ ޖަވާބު ނުފޮނުއްވާތީ، އޭނާ މަޖިލީހުގެ ގަވާއިދާ ޚިލާފުވެވަޑައިގެންފި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ އިދާރާ އިން ދެންމެ ބުނެފި އެވެ.


އެނގިފައިވާ ގޮތުގައި ސުވާލުތަކުގެ ޖަވާބު މަޖިލީހުގެ އިދާރާ އަށް، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން ފޮނުއްވީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ.

މަޖިލީހުގެ އިދާރާ އިން ނެެރުނު ބަޔާނެއްގައި ބުނީ، މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ސުވާލުތަކުގެ ޖަވާބު ހޯދުމުގެ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވީ އިއްޔެ ކަމަށެވެ. ލިޔުމުން ޖަވާބު ހޯދަން ބޭނުންވާ އެ ސުވާލުތައް އަމީނަށް ފޮނުވީ މަޖިލީހުގެ އިދާރާ އިން ބުނާގޮތުގައި މި މަހުގެ 14 ގަ އެވެ.

"ޖަވާބު ދެއްވުމަށް މިއަދު 14:00 ގެ ނިޔަލަށް އެ މަނިކުފާނަށް އެރުވިފައިވާ މުއްދަތު ހަމަވިއިރު ވެސް ޖަވާބު ފޮނުއްވާފައި ނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ މިނިސްޓަ އޮފް ހެލްތު އަބްދުﷲ އަމީން ހިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކިވަޑައިގަންނަވަ އެވެ،" މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެ އެވެ.

ހައިތަމްގެ ބައެއް ސުވާލުތަކުގެ ޖަވާބު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މީޑިއާ ބްރީފިންތަކުގައި ކޮންމެވެސް ވަރަކަށް ދީފައި ވެ އެވެ. އެގޮތުން ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ކުންފުނިތަކުގެ މައުލޫމާތު އެންއީސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކުރިން ވަނީ ދެއްވައިފަ އެވެ.

ހައިތަމް ހުށަހަޅުއްވާފައި ވަނީ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެކަން ކުރިއަށް ގެންދާ ގޮތަކީ ކޮބައިތޯ ބެލުމަށާއި އެކަން ކުރިއަށް ގެންދަނީ ބިޑް ކޮށްގެންތޯ އާއި އަދި ބިޑަށް ކުރިމަތިލީ ކިތައް ފަރާތުން ތޯ ވެސް ސާފުކުރުމަށެވެ. ވެންޓިލޭޓަރު ގެނައުމުގެ ބިޑް ކާމިޔާބުކުރި ފަރާތާއި ރާއްޖެ ގެންނަންޖެހޭ މުއްދަތާއި ރާއްޖެއަށް އެ ތަކެތި ލިބޭނެ ކަމަށް ލަފާކުރޭ ދުވަހާއި އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާ ބެހޭގޮތުން އަމީނާ ސުވާލުކުރަން ހައިތަމް ހުށަހަޅުއްވާފައިވެ އެވެ.