ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް ޑިފެންސް މިނިސްޓަރާއި ސިފައިންގެ ވެރިން ބައްލަވާލައްވަނީ-- ފޮޓޯ: ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ފޭސްބުކް
10 މެއި 2020 - 15:00
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި މެޑިކަލް ފެސިލިޓީ ހެދުމުގެ މަސައްކަތް ސިފައިން 24 ގަޑިއިރު ކުރާތާ 40 ދުވަސް ވެފައިވާއިރު ވަރަށް އަވަހަށް އެ ފެސިލިޓީ ހުޅުވާނެ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހަދާ އެ ފެސިލިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ ވެރިން އިއްޔެ ވަނީ ބައްލަވައިލައްވައިފަ އެވެ. އެ ފޮޓޯތައް ފޭސްބުކްގައި ޕޯސްޓް ކުރައްވައި ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ މިލިޓަރީ އިންޖީނިއަރުންނާއި އެކި ޔުނިޓްތަކުގެ ސިފައިން އެ ފެސިލިޓީ ހެދުމުގެ މަސައްކަތް ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި 24 ގަޑިއިރު ކޮށްފައިވާ ކަމަށެވެ.
އެ ފެސިލިޓީގެ މަސައްކަތުގައި އުޅުނު އާރުސީސީ ކުންފުނީގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެއީ ކުރިމަތިވި ގޮންޖެހުމެއް ކަމަށް ޝަމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަޔަކު ޕޮޒިޓިވްވިވެ ބަލި ޖެހުމުގެ ރިސްކު ބޮޑުވި ނަމަވެސް ސިފައިން ފަހަތަށް ނުޖެހި މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ.
"ސިފައިން މަސައްކަތް ކުރަމުން ދިޔައީ އެކުގައި. ސައިޓް މޮނީޓަރީންގެ ހާލަތަށް ގެނައުމުން އެ ތަނުގައި ލޮކްޑައުންވެ ތިބެ މަސައްކަތް ކޮށްފައި ވަނީ،" ޝަމާލް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް ޑިފެންސް މިނިސްޓަރާއި ސިފައިންގެ ވެރިން ބައްލަވާލައްވަނީ-- ފޮޓޯ: ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ފޭސްބުކް
އޭނާ ވިދާޅުވީ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 290 އެނދުގެ އެ ފެސިލިޓީ ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ހުޅުވޭނެ ކަމަށެވެ. އެ މަސައްކަތް ކުރި ސިފައިންގެ އަގު ވަޒަންކުރައްވައި އެ މީހުންނާ މެދު ފަހުރުވެރިވާ ކަމަށް ޝަމާލް ވިދާޅުވި އެވެ.
ޝާމާލް ވަނީ އެ ފެސިލިޓީގެ މަސައްކަތުގައި ސިފައިންނާއެކު އުޅުނު ފެނަކަ އާއި އަމިއްލަ ކުންފުނިތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހޭދަކޮށްގެން ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެމްއެންޑީއެފާއި ފެނަކަ އެވެ. އޭގެ އިތުރުން ވެސް ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ވެމްކޯ، އާރުސީސީ، އެލިއާ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން އަދި ލެއޯ ކޮންސްޓްރަކްޝަން ހިމެނެ އެވެ.
ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރާ ސިފައިންނާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ ވެރިން ބައްދަލު ކުރައްވަނީ-- ފޮޓޯ: ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ފޭސްބުކް
ވަގުތީ ހޮސްޕިޓަލްގައި ބައިތިއްބަނީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނެވެ. ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގެ އެހީ ބޭނުންވާ މީހުން ގެންދާނީ ކުރިމަތީގައި ހުރި ޓްރީ ޓޮޕް ހޮސްޕިޓަލެވެ. އެތަނުގައި 200 ވެންޓިލޭޓަރު ބަހައްޓަން ވަނީ ނިންމައިފަ އެވެ.
"ކޮވިޑް ވިލެޖް" ފެސިލިޓީ ހުޅުވަން ނިންމާފައިވާއިރު ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިހާތަނަށް 790 މީހުންނަށް ރާއްޖޭން އެބަލި ޖެހިފައިވާއިރު އޭގެ ތެރެއިން ރަނގަޅު ވެފައިވަނީ 28 މީހެކެވެ. ތިން މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
11 May 2020
ހެޔޮނުވާނެ ވަގުތީ ތަނެއް މީހެއްގެ ބިމެއްގައި ހަދަން. މިހާރު ތިޔަތަނުގެ އިންވެސްޓްމަންޓް ކިހާބޮޑުވީތި. ދައުލަތުން މީސްމީހުންގެ ބިމުގައި ނުހަދާ ދައުލަތުގެ ބިމެއްގަ ހެދިނަމަ. ނޫސްވެރިއަކު މިކަން ސާފުކޮށްލަދީބަލަ. މި ތަން ދައުލަތުން ބަދަލުދީފަ ނެގީތޯ.
މިވަރެއްނެތް
10 May 2020
ނިއުޔޯކާއި ލަންޑަންގައި ހެދި ވަގުތީ ހޮސްޕިޓާތަކަށްވުރެން ވަރުގަދައަށް ތިތަން ތިހެދިއިރު ތިތަނަކީ ލޯނުނުދައްކާއިގެން ބޭންކަކުން ނީލަންކިޔާއިގެން އުޅޭތަނެއްނޫންތޯ؟ގަންނާނެ ފަރާތެއްނުވެ އޮތްވާ ތިހާބޮޑު އިންވެސްޓްމަންޓެއް ތިތަނަށް ކުރުމުން ތިތަނުގެ އަގުމަތިވެ ވަލުދޮރޯށިން އަނެއްކާ ބަޔަކު ޑީލެއް ހަދަނީނޫންބާ؟ އެހެންނޫންނަމަ ތިތަނާ ޖެހިގެން ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓުތަކުގެ ތިރީގައި މާޚަރަދުކުޑަކޮށް އަދި މާތަަނަވަސްކޮށް ތިތަން ހެދޭނެނޫންތޯ؟
ތިލަފަޅު މޫސަ
10 May 2020
ރާއްޖޭ ގެ ފަސް ސަރަހައްދުން ޓެސްޓު ކުރެވޭނެ ކަމަށް ރައީސުލް ޖުމުހުރިއްޔާ ސަރުކާރު ވަޒީރެއް އަދި މަބުރޫކް ވެސް ވިދާޅުވި . ދުނިޔޭ ގެ އެހެންނިހެން ގައުމުތަކުން އިސްކަން ދެނީ ޓެސްޓަށް މި ގައުމުގައި އިސްކަން ދެނީ މަތިމައްޗަށް އިމާރްތްކުރަން
ތިލަފަޅު މޫސަ
10 May 2020
40 މިލިއަން ރުފިޔާ ގެ ޑިސްޕޮސިބަލް ޖީބަށް
މުދިމު ކަތީބު
10 May 2020
ބޭކާރު ހަރަދު . މާލެ އަތޮޅުގައި 290 އެނދުގެ އެތަކެއް ރިސޯޓެއް ހިލޭ ލިބެން އޮއްވާ އަދި މިހާލަތުގައި ދައުލަތަށް ބޭނުން ޖެހިއްޖެ ހިނދެއްގައި ރިސޯޓު ބޭނުންކުރެވެން އޮންނަ ގާނޫނުގެ ބޭނުން ނުހިފާ ދައުލަތް ހުސްކުރަން މި ޖަހާނީ ކޮން ސަކަރާތެއް!
ބޯގަޅި
10 May 2020
40 މިލިަން ދަރުމަވަންތަ ހޮސްޕިޓަލް ގެ 25 ފްލޯ އިން ހުސް 3 ފުލޯ އަށް ކުރިނަމަ ނަތީޖާ ރަގަލު ވެފައި ހަރަދު ކުޑަ ވާނެ ކަމަށް ފެނޭ
ދިވެއްސެއް
10 May 2020
"މަސައްކަތައް" ފަހު ލިޔެފައި ވަނީ ގޯސްކޮށް. ނިމޭ ތަނުގައި އޮންނަންވާނީ ށ ސުކުނެއް. މަސައްކަތް ގިނަ ކުރުމުގެ މާނައިގައެއް ނޫން އެތަނުގައި އެ ލަފުޒު އައިސްފައި އޮންނަނީ. ލިޔުންތެރިން މި ކަމަށް ސަމާލުކަން ދިނުން ރަނގަޅު.
ބޮޑުމީހާ
10 May 2020
40 މިލިއަން ހަރަދުކޮށްފަ ވަގުތީ ތަނެއް ހެދުމުގެ ބަދަލުގައި ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، ސެނެހިޔާ ކަހަލަ ތަނެއް އަޕްގްރޭޑްކުރިނަމަ ދާއިމީކޮށް ބޭނުން ކުރެވުނީސް
ފައްސި
10 May 2020
މިހާރު ތިހެން ބުނާނީ. މާދަމާ މާލޭގައި މީހުން ވައްދާނެ ތަނެއް ނެތިއްޖިއްޔާ ހަޅޭލަވަންވެސް ތިބޭނީ ކަލޭމެން. ސެނަހިޔާ، ހުޅުމާލެ، ވިލިމާލެ ހޮސްޕިޓަލްވެސް ފުރިގެން ހިނގައިދާނެ ހާލަތަކަށް މި ތައްޔާރުވަނީ. އިރާދަކުރެއްވިއްޔާ ރައްކާވެ ތިބިއްޔާ ދަތުރު.
ާއާރީ
10 May 2020
40 މިލިޔަން ހަރަދު ކޮށްގެން ރާއްޖެތެރޭ ސިއްހީނިޒާމް ރަގަޅު ކުރިނަމަ މާ ރަގަޅުވީ ހެންނު. ރަށްރަށުން އެ އުޅެނި އައިވީއެއް ގުޅާލާ ވަރު ނުވެގެން. ތީ ހަމަ ބޭކާރު ހަރަދެއް. ވަގުތީ ތަނަކަށް ކުރާ.
ނައްސި
10 May 2020
ބޭކާރޭ މިހާރު ބުނާނީ، މާދަމާ މީހުން ވައްދާނެ ތަނެއް ނެތިގެން ހަޅޭލަވާނީވެސް ކަލޭމެން. ކޮންމެ ގޮތެއް ވިޔަސް އާބާދީގެ ތިން ބައި ކުޅަ އެއްބައި މި އޮތީ މާލެއަށް އަޅާފައި. ރަން 30 އަހަރުގެ ފެއިލްޑް ޕޮލިސީތަކުގެ ސަބަބުން ވިޔަސް. އެހެންވީމަ މިވަގުތު އެ ހުރިހާ މީހުންނަށް ކޭޓަރ ކުރަން ޖެހޭނެ ގަބޫލުކުރިއަސް ނުކުރިއަސް.
ވިލާ އިބްރާހީ މް
10 May 2020
ބަލަ ކަ މެއްގޯސްކޮށްކުރީ މަ އެވާހަކަގޮވުމ މަކީ މައްސަލައެއްނޫން ސިފައިންލައްވާ ބަޔަކު އަޑީގަތިބެ ބަޤާވާތެއްކުރީ މަ އެވާހަކަގޮވާނެ. ދެންކުރާނެކަ މެއް ނެތް މިއަދު މާރިޔާ އަށް ސިފައިންގެ ބޭކަލުން ކުރަންޖެހިފަ މިއޮތީ ސެލިއުޓް .... އަހަރެން މިއަދު ސިފައިންނަށް ސެލިއުޓްކުރަން.