ފުރުވާލާ ބަންގްލަދޭޝް މީހުން ހުޅުމާލެއަށް ގެންގޮސްފި

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން އެނބުރި ގައުމަށް ފޮނުވާލަން ނިންމާފައިވާ މީހުން ހުޅުމާލޭ ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފި އެވެ.


މިމަހުގެ ކުރީކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ބަންގްލަދޭޝްގެ 1،500 މީހުން އަނބުރާ ގައުމަށް ފޮނުވާލަން ނިންމާފައިވާ ކަމަށެވެ. ބަންގްލަދޭޝްގެ މީހުން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ގައުމަށް ފޮނުވާލާ ބިދޭސީންގެ ތެރެއިން ބައެއް މީހުން އެމްޕީއެލްގެ ބަސްތަކުގައި މިރޭ ވަނީ ހުޅުމާލޭގެ ފޭސް ދޭއްގައި ހުންނަ ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. ފުރަންވަންދެން އެމީހުން ތިބޭނީ އެތަނުގަ އެވެ.

ފުރުވާލުމަށް ނިންމާފައިވާ ބަންގްލަދޭޝްގެ މީހުން ހުޅުމާލޭ ފެސިލިޓީއަށް ގެންދަން ބަހަށް އަރުވަނީ-- ފޮޓޯ: އެމްޕީއެލް

އެ މީހުން ހުޅުމާލެއަށް ގެންދިޔައީ ކާނިވާ ސަރަހައްދުގެ ބަސް ސްޓޮޕް ކައިރިއަށް އެއްކުރުމަށް ފަހުގަ އެވެ. ފުރަން ތައްޔާރުވެގެން އެތައް ސަތޭކަ ބިދޭސީން އެތަނަށް ގޮސް ތިއްބެވެ. އެ މީހުން ބަސްތަކަށް އެރުވީ ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް ބަލައި ޔަގީން ކުރުމަށް ފަހުގަ އެވެ.

ބިދޭސީން ފުރުވާލުމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާއެއްގެ ބަހެއް އަދި ނުލިބޭތީ އެ މީހުން ގައުމަށް ފުރާނެ ދުވަހެއް އަދި ނޭނގެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 904 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އަދި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން މަރުވި ތިން މީހުންގެ ތެރެއިން އެކަކީވެސް ބަންގްލަދޭޝްގެ މީހެކެވެ.

ފުރުވާލުމަށް ނިންމާފައިވާ ބަންގްލަދޭޝްގެ މީހުން ހުޅުމާލޭ ފެސިލިޓީއަށް ގެންދަން ބަހަށް އަރުވަނީ: 1،500 މީހުން ފޮނުވާލަން ވަނީ ނިންމާފައި-- ފޮޓޯ: އެމްޕީއެލް

ބަންގްލަދޭޝްގެ މީހުންގެ މެދުގައި ކޮވިޑް-19 އާދަޔާ ޚިލާފު ބާރު މިނެއްގައި ފެތުރޭއިރު، އެ މީހުން ފޮނުވައިލުމަށް ސަރުކާރުން އަންނަނީ މި ދުވަސްވަރު މަސައްކަތްތަކެއް ކުރަމުންނެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ގުޅުއްވައި އެކަމާ މެދު މަޝްވަރާ ކުރެއްވި އެވެ. އަދި އެ ކަމުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ފަހުން ވަނީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ވަނީ 68 މީހަކު އަނބުރާ ގެންގޮސްފަ އެވެ. އެއީ އެ ގައުމާއި ނޭޕާލްގައި ތިބި ދިވެހިން ގޮވައިގެން ރާއްޖެ އައި މަތިންދާބޯޓެކެވެ.

ބަންގްލަދޭޝްގެ މީހުން އަނބުރާ ފޮނުވާލުމުގެ އިތުރުން ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެހެން ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް ހުޅުމާލެ އާއި ގުޅީފަޅުގެ ލޭބާ ކުއާޓާތަކަށް ބިދޭސީން ބަދަލުކޮށްފައިވެ އެވެ.