ކޮވިޑަށް ފަހު، ވަޒީފާގެ ބާޒާރަށް ހުނަރުވެރި، ފަންނީ މީހުން ނެރުމާ މެދު މަޝްވަރާ ކުރައްވައިފި

ކޮވިޑް-19ގެ ހާލަތަށް ފަހު، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ހުނަރުވެރި، ފަންނީ މީހުން ނެރުމަށް ކުރެވިދާނެ ކަންކަމާ މެދު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.


އެ މިނިސްޓްރީގެ އިސްވެރިންނާ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މި ދުވަސްވަރު މެދުނުކެނޑުމެއްނެތި ކިޔަވައިދިނުން ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން އޮންލައިންކޮށް ހިންގޭނެ ކޯސްތައް ކަނޑައަޅައި އެ ކޯސްތައް އަވަހަށް ފެށުމުން، އަލަށް ވަޒީފާއަށް ނުކުންނަ މީހުންނަކީ "ސްކިލްޑް" ނުވަތަ "ސެމީ ސްކިލްޑް" ކެޓަގަރީގެ މީހުންނަށް ވެ އެ ދާއިރާތަކުގައި ގިނަ ދުވަހު މަސައްކަތްކޮށްފައި ތިބި މީހުން އަޕް ސްކިލް ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މިދިޔަ މާޗު މަހުގެ މެދެއްހާ ހިސާބުން ފެށިގެން ޔުނިވާސިޓީ އަދި ކޮލެޖުތައް ވަނީ ބަންދުކޮށްފަ އެވެ. ބައެއް ތަންތަނުގައި ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށައިފަ އެވެ. ނަމަވެސް ދެ މަސް ވެގެން ދިޔަ އިރު އެއްވެސް ގޮތަކަށް ކިޔަވައިނުދޭ ތަންތަން އެބަހުއްޓެވެ.

މިނިސްޓްރީގެ އިސްވެރިންނާއި ޓިވެޓް އޮތޯރިޓީ އާއި ޕޮލިޓެކްނިކް އަދި ވޯލްޑް ބޭންކުން ހިންގާ މީރީ ޕްރޮޖެކްޓުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި، ނިއު ނޯމަލް އަކަށް ދިރިއުޅުން ބަދަލުކުރާއިރު ޕޮލިޓެކްނިކް އިން އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އޭގެ އިތުރުން ވަޒީފާ ގެއްލިފައި ނުވަތަ މުސާރަ ނުލިބޭގޮތަށް ގޭގައި ތިބެންޖެހިފައިވާ ތިބި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ކޯސްތަކެއް ހިންގަން މަޝްވަރާކުރި އެވެ.

ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން، މިވަގުތު އެންމެ މުހިއްމުކަމެއް ދީގެން ކިޔަވައިދޭން ކަނޑައަޅާފައިވާ ޓޫރިޒަމް، އައިސީޓީ އަދި ދަނޑުވެރިކަމާ ބެހޭ ކޯސްތައް އޮންލައިން އަދި ބްލޮންޑެޑް މޯޑުތަކުގައި ހިންގަން ވާހަކަދެއްކެވި އެވެ.

ވޯލްޑް ބޭންކާއި ސަރުކާރާ ގުޅިގެން މޯލްޑިވްސް އެމްޕްލޯޔަބިލިޓީ އެންޑް ރެސިލީއަންސް އޮފް ޔޫތު ޕްރޮޖެކްޓަކީ ރާއްޖޭގެ ޒުވާނުންނަށް ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނު ހިންގުމާއި އަމިއްލަ ވިޔަފާރި ކުރަން ޝައުގުވެރިކަން އުފައްދައި ވިޔަފާރިތައް ކުރިއަރުވަން މަސައްކަތްކުރުމާއި ސަރުކާރުން ކަނޑައަޅާފައިވާ މުހިއްމު ސިނާއަތްތަކުގައި ޒުވާނުން ވަޒީފާތަކަށް ބިނާކުރަން ހިންގާ ޕްރޮޖެކްޓެކެވެ.