އެޗްއާރުސީއެމްގެ މެމްބަރުން ޒިންމާއަދާނުކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީމް)ގެ މެމްބަރުން ގާނޫނީ ޒިންމާ އަދާނުކުރުމުގެ އިތުރުން ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކޮށްފި އެވެ.


ކުރީގެ ސަރުކާރުގައި ކޮމިޝަނަށް އައްޔަންކުރި މެމްބަރުން ގާނޫނީ ޒިންމާއަދާކުރާ މިންވަރު ބަލާ މައްސަލައެއް ދިރާސާކޮށް، މަގާމުން ވަކިކުރަން ނިންމައި މަޖިލީހުގެ ތަޅުމަށް ކޮމިޓީން ފޮނުވި މައްސަލައިގައި އެ މެމްބަރުން މަގާމުގައި ބައިތިއްބައިގެން ނުވާނެ ގިނަ ސަބަބުތަކެއް ފާހަގަކޮށްފައިވެ އެވެ.

ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ނައިބު ރައީސް މުހައްމަދު ޒާހިދުގެ އިތުރުން މެމްބަރުން ކަމަށްވާ މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އައިޝަތު އަފްރީން މުހައްމަދެވެ.

މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފި ކަމަށް ނުވަތަ އެ ހައްގު ނިގުޅައިގަތުމުގައި ބައިވެރިވެއްޖެ ކަމަށް ނުވަތަ އެހީތެރިވެއްޖެ ކަމަށް މައްސަލަ ހުށަހަޅައިފި ނަމަ އަދި ކޮމިޝަނުގެ އަމިއްލަ އަށް އިސް ނަގައިގެން ވެސް މިފަދަ މައްސަލަތައް ބެލުމުގެ ގާނޫނީ ބާރު އެޗްއާރުސީއެމަށް ދީފައިވެ އެވެ.

އެކަމަކު އެ ޒިންމާ އަދާނުކުރުމާ އެކު ޖެންޑާ ކޮމިޓީން ފުރަތަމަ ކަމަކަށް ފާހަގަކޮށްފައި ވަނީ އެ ކޮމިޓީން ބެލި އެޗްއާރުސީއެމާ ގުޅުން ހުރި މައްސަލަތަކެއްގައި ކޮމިޝަނުން ކަނޑައެޅިގެން ދޮގު މައުލޫމާތުދީފައި ވުމެވެ. މިކަން މެމްބަރުން ކުރެއްވީ، މަޖިލީހުން ކުރާ ސުވާލުތަކަށް ތެދު ބަހުން ޖަވާބުދޭން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮއްވައި ކަން ވެސް ކޮމިޓީން ތަޅުމަށް ފޮނުވި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ކޮމިޓީގެ އަނެއް ކަންބޮޑުވުމަކީ އަނިޔާގެ މައްސަލަތައް ކޮމިޝަނުން އެކަށީގެންވާ ގޮތެއްގައި ނުބެލުމެވެ. އެއް މައްސަލައަކަށް ފާހަގަކޮށްފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުއްޖަކަށް އެ ތަނުގައި މަސައްކަތް ކުރި ބަޔަކު އަނިޔާކުރި މައްސަލަ ނުބަލަން ނިންމުމެވެ.

މިފަދަ މައްސަލަތައް ބަލައި ދައުވާކުރަން ފޮނުވުމަކީ އެޗްއާރުސީއެމްގެ މައްޗަށް ލާޒިމްކޮށްފައި އޮތް ކަމަކަށް ވި ނަމަވެސް އެކަން ނުކުރަން ނިންމި ކަން ކޮމިޝަނުގެ އަހަރީ ރިޕޯޓުން ފެންނަން އޮތް ކަމަށް ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.

ކޮމިޓީން ފާހަގަކުރި އެހެން މައްސަލަތައް:

- އަނިޔާވެރިކޮށް ޔާމީން ރަޝީދު މަރާލި މައްސަލައިގައި، އޭނާ އަށް ދީފައިވާ މަރުގެ އިންޒާރުގެ މައްސަލަތައް ފުލުހުން ނުބެލި މައްސަލަ އާއިލާ އިން އެޗްއާރުސީއެމަށް ހުށަހެޅުމުން އެކަން ނުބެލުމާއި އާއިލާއާ މެދު އިހުމާލުވުން.

- ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންގެ ތަހުގީގުގައި ވީ އިހުމާލުތަކާއި އާއިލާ އަށް ލިބުނު އަނިޔާތަކުގެ މައްސަލަ ހުށަހެޅުމުން އެކަން ނުބެލުން.

- ގާނޫނުއަސާސީން ކަށަވަރުކޮށްދިން އެއްވެ އުޅުމުގެ ހައްގުތައް ކުރީގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ހަނިކޮށްފައި ވަނިކޮށް، އެ ހައްގުގެ ބޭނުން ހިފި އެންމެންގެ މައްޗަށް ބާރުގެ ބޭނުންކޮށް ތަހުގީގުތައް ހިންގިއިރު އެޗްއާރުސީއެމުން ޒިންމާއަދާނުކުރުން.

- ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، ނޫސްވެރިންނަށް ބިރު ދައްކައި ތަހުގީގުތައް ހިންގައި ދައުވާ އުފުލަމުން ދިޔައިރު ވެސް އެޗްއާރުސީއެމުން ފިޔަވަޅު ނާޅައި ހަނު ތިބުން.

- ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން ފަނޑިޔާރުން 2018 ގައި ހައްޔަރުކޮށް، ގާނޫނުއަސާސީއާ ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުން ދިޔައިރު އެ މައްސަލަތައް ތަހުގީގު ނުކުރުން. އަދި އެ ދުވަސްވަރަށް ތާވަލްކޮށްފައިވާ އެ ކޮމިޝަނުގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ޒިޔާރަތް ހުއްޓުވާލުން.

- ކޮމިޝަންގެ މުއައްޒަފުންގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުން މަސައްކަތުގެ މާހައުލުގައި ބިރުވެރިކަން އުފެދި ބައެއް މުވައްޒަފުންގެ އިންސާނީ ހައްގުތައް ނިގުޅައިގަނެވިފައި ވުން.

ޖެންޑާ ކޮމިޓީގެ ނިންމުމުގައި ބުނެފައި ވަނީ ކޮމިޝަންގެ މެމްބަރުން ވަކިކުރަން ފެންނަނީ އެ ކޮމިޝަންގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނާ މަސްއޫލިއްޔަތުތަކާ ޚިލާފުވެފައިވާތީ އެވެ.

މަޖިލީހުގެ ގަވައިދުގެ 210 (ށ) ގައި ބުނެފައި ވަނީ މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުގައި ތިއްބަވާ ބޭފުޅުން، އެ މަގާމުތަކުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، އެ ކަން މަޖިލީހުގެ ރައީސް މަޖިލީހުގައި އިއުލާން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އޭގެ ފަހުން، މަޖިލީހުގައި އެކަމާ މެދު ބަހުސް ކުރުމަކާ ނުލައި، އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުއްވަން ވާނެ ކަމަށް ގަވައިދުގައި ބަޔާންކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޗްއާރުސީއެމްގެ މެމްބަރުން ޒިންމާއަދާނުކޮށްގެން ޝަކުވާތަކާއި ފާޑުކިއުން ވެސް އަމާޒުވި އެވެ.