ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ބްރީފިންގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ދިވެހިންނާއި ބިދޭސީންގެ ކޭސްތައް އެއްވަރުވަމުން އަންނަ ކަމަށް.
19 މެއި 2020 - 01:52
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ދިވެހިންނާއި ބިދޭސީންގެ އަދަދުތައް މިހާރު ހަމަހަމަ ވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަަރުގައި ބޭއްވި ޕްރެސް ބްރީފިންގައި އެޗްްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިހާރަކަށް އައިސް ދިވެހިންނާއި ބިދޭސީންގެ ކޭސްތަކުގެ އަދަދު ވަރަށް އެއްވަރު ކަމަށެވެ.
މާލޭގައި ބަލި ފެތުރެން ފެށިތަނާ ފުރަަތަމަ އެންމެ ގިނައިން ފެނުނީ ބިދޭސީންގެ ކޭސްތަކެވެ. އެގޮތުން އެންމެ ގިނައިން ފެނުނީ ބަންގްލަދޭޝް މީހުންގެ ޕޮޒިޓިވް ކޭސްތަކެވެ.
"ދިވެހިންނާއި ބިދޭސީންގެ ކޭސްތައް އަޅުގަނޑު ކުރިން ރޭތަކުގައި ވެސް ދެންނެވި ފަދައިން މިހާރަކަށް އައިސް، މިދުވަސްކޮޅު މިވަނީ ވަރަށް އެކު އެކުގައި ވަރަށް އެއްވަރު އެއްވަރު ލެވެލް އެއްގައި މިއުޅެނީ،" އަފްޒަލް ވިދާޅުވި އެވެ.
އޭނާ ރޭ ވިދާޅުވީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު މިހާރު މަދުވަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ޓެސްޓް ކުރެވޭ މިންވަރު މަދުވެގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ސާމްޕަލް ނެގޭ މިންވަރު ދުވަހުން ދުވަަހަށް އިތުރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19 ފެެތުރުން ކޮންޓްރޯލް ކުރުމަށް އާއްމުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެން ދައްކަވާ ވާހަކަ އަފްޒަލް މިރޭ ވެސް ތަކުރާރުކުރެއްވި އެވެ. އެގޮތުން ގެތަކުގައި އުޅޭ އިރު ވެސް ގައިދުރުކަން ބެހެއްޓުމާއި އަތް ދޮވުން ފަދަ ކަންތައްތައްތަކަށް ސަމާލުވާން އޭނާ އެދިވަޑައިގެންނެވި އެވެ.
ކޮންމެ ގެއަކުން ވެސް ބާޒާރު ކުރުން ފަދަ ކަންތައްތަކަށް ގެއިން ބޭރަށް ދާން ކޮންމެ ވެސް އެކަކު ހާއްސަވެ ހުރުމަށާއި އެގޮތަށް ހާއްސަވާ މީހާ ގޭގެ އެހެން މީހުންނާ ވީހާ ވެސް ދުރުން އުޅުމަށް ދެއްވާ ނަސޭހަތް މިރޭ ވެސް އަފްޒަލް ތަކުރާރު ކުރެއްވި އެވެ.
ކޮވިޑްގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި މާބަނޑު މީހުން އަދި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނެވެ.
"މި އެންމެންނާ ވީހާ ވެސް ދުރުދުރުން މުއާމަލާތު ކުރައްވާށޭ. އެއީ އެބޭފުޅުންނަށް ހިދުމަތް ދިނުމުގައި ވަކިން އެ އުޅޭ، އެއްބަޔަކު އުޅޭށޭ. މާނަައަކީ ގޭގައި ދެން ތިބި މީހުން ވެސް ރަނގަޅުވާނީ އެ މީހުންނާ މިދުވަސްކޮޅު އިންޓަރެކްޓް ނުވިއްޔާ،" އަފްޒަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބަންޑާ
19 May 2020
ކޮނަމެވެސް އެކައްޗެއްކިޔާބަލަ ، ބޭރުގައުމުތަކުން އެހީތައްލިބޭތީ ، ދޯ ދިގެދަންމަނީ
ސްކިޕަރ
19 May 2020
ލޮކްޑައުން އުވާލުމަށް ސަރުކާރުން ތައްޔާރުވަނީ. ބަލިޖެހޭ ދިވެހިން އިތުރުވަމުންދާކަމަށް ޑޮކްޓަރުން ވިދާޅުވަނީ. މަޖިލިސް ރައީސްއާއި މެމްބަރުންގެ އަރިހުން އާދޭހާއެކު ދަންނަވަން ތިޔަގޮތަށް ލޮކްޑައުންއާއި ދެކޮޅަށް ސަރުކާރަށް ޕްރެޝަރ ނުކުރުމަށް. މިއީ ރައްޔިތުންގެ ފުރާނައާއި ގުޅިފައިވާކަމެއް. ސިޔާސީ ފިލްމެއް ނޫން.
ޞިރުކުޑަ ބޭ
19 May 2020
ކޮން މެވެސް އެކައްޗެއް ކިޔާބަލަ ، އެއްފަހަރުބުނާނެ މިހާރު ހާއްސް ކަ މެއް ނެތޭ ، އަނެއްފަހަރު ބުނާނެ ނުރައްކާ ވަރައް ބޮޑޭ
ނާށިގަޑު
19 May 2020
ޑޮކްޓަރު އަފްޒަލް އަށް މާލޭ ގައި ރައްޔިތުން ދިރިއުޅޭ ތަންތަން ފެންނަނީ ރަސްރަސްކަލުން ދިރިއުޅޭ ގަޑުވަރުތަކެއް ފަދައިން އެހެންވެގެންތާ ދެބަހުން އެއްބަހަކަށް ކެޑިނޭޅި ގޭތެރޭގައި ގައިދުރުވާށޭ، ހޯމް ކަރަންޓީނު ކުރާވާހަކަ، ހޯމް އައިސޮލޭޓް ކުރާވާހަކަ ބުނަމުން ގެންދަނީ އަދި ކޮވިޑްގެ މުޅި ޓާސްކްފޯސްއަށް ހީވާކަހަލަ މި ބަލިމަޑުކަން މެނޭޖްކުރުމުގައި ދުނިޔޭގޭ އެންމެ މުއްސަދި ގައުމުތަކުން ޚަރަދުކުރާ ވަރަށްވުރެ ބޮޑުކޮށް ޚަރަދުވެސް ކުރެވިދާނެއޭ
ކަންނާޑި
19 May 2020
ކިހިނެއްވާ ކަމެއް؟ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު މަދުވާކަމަށް ހާމަކުރިތާ 24 ގަޑިއިރު ނުވަނީސް ޕޮސިޓިވްވާ މީހުން އަނެއްކާވެސް ގިނަވާ ކަަމަށް މިވަނީ ބުނެފަ
ހަސަދު
19 May 2020
އަފުޒަލު ހުންނަވައިގެން މިލޮކުން ސަލާމަތްވާނެބާ!!!. މިގައުމުން މިފެންނަނީ ޅީޑަރެއް ނެތް މައްޒަރު. ސިއްހީ މީހަކު ބުނާހާ ގޮތެއް ހަދަމުންދާ ތަން. ކަމެއް ނިންމާއިރު މާލޭގެ ހާލަތަށްވެސް ބަލަން ޖެހޭ. ގިނަ މީހުންނަކީ ކުޑަ ގޮޅިއެއްގައި އުޅޭ މީހުން. އެގޮޅީތެރޭގައި ލޮކް ވީމާ ދެން އަންނާނެ މައްސަލަ ތަކަށް ކުޑަކޮށްވެސް ވިސްނާލެވިފައެއް ނެތް. ސަރުކާރުން މިކަހަލަ ކުޑަގޮޅި ތަކުގައި ތިބީ ކޮންބަޔެއްތޯ ބަލާ ހާލުވެސް ބަލައިލެވިފައެއް ނެތް. ސަރުކާރު ހަމަ ފެއިލް.
ޣައިނު400
19 May 2020
އަފްޒަލް އެއް އިރެއްގާ ވެސް ފުޓުބޯޅަ ކޮމެންޓަރީ ދެއްވިންތޯ. އާދަ ވަރަށް ހަމަ ހަމަ ކުޅުމެއް ފެނިގެންދަނީ.