ކޮވިޑް-19: ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުން: އެޗްޕީއޭ

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ދިވެހިންނާއި ބިދޭސީންގެ އަދަދުތައް މިހާރު ހަމަހަމަ ވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަަރުގައި ބޭއްވި ޕްރެސް ބްރީފިންގައި އެޗްްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިހާރަކަށް އައިސް ދިވެހިންނާއި ބިދޭސީންގެ ކޭސްތަކުގެ އަދަދު ވަރަށް އެއްވަރު ކަމަށެވެ.

މާލޭގައި ބަލި ފެތުރެން ފެށިތަނާ ފުރަަތަމަ އެންމެ ގިނައިން ފެނުނީ ބިދޭސީންގެ ކޭސްތަކެވެ. އެގޮތުން އެންމެ ގިނައިން ފެނުނީ ބަންގްލަދޭޝް މީހުންގެ ޕޮޒިޓިވް ކޭސްތަކެވެ.

"ދިވެހިންނާއި ބިދޭސީންގެ ކޭސްތައް އަޅުގަނޑު ކުރިން ރޭތަކުގައި ވެސް ދެންނެވި ފަދައިން މިހާރަކަށް އައިސް، މިދުވަސްކޮޅު މިވަނީ ވަރަށް އެކު އެކުގައި ވަރަށް އެއްވަރު އެއްވަރު ލެވެލް އެއްގައި މިއުޅެނީ،" އަފްޒަލް ވިދާޅުވި އެވެ.

އޭނާ ރޭ ވިދާޅުވީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު މިހާރު މަދުވަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ޓެސްޓް ކުރެވޭ މިންވަރު މަދުވެގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ސާމްޕަލް ނެގޭ މިންވަރު ދުވަހުން ދުވަަހަށް އިތުރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުން މުހިއްމު

ކޮވިޑް-19 ފެެތުރުން ކޮންޓްރޯލް ކުރުމަށް އާއްމުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެން ދައްކަވާ ވާހަކަ އަފްޒަލް މިރޭ ވެސް ތަކުރާރުކުރެއްވި އެވެ. އެގޮތުން ގެތަކުގައި އުޅޭ އިރު ވެސް ގައިދުރުކަން ބެހެއްޓުމާއި އަތް ދޮވުން ފަދަ ކަންތައްތައްތަކަށް ސަމާލުވާން އޭނާ އެދިވަޑައިގެންނެވި އެވެ.

ކޮންމެ ގެއަކުން ވެސް ބާޒާރު ކުރުން ފަދަ ކަންތައްތަކަށް ގެއިން ބޭރަށް ދާން ކޮންމެ ވެސް އެކަކު ހާއްސަވެ ހުރުމަށާއި އެގޮތަށް ހާއްސަވާ މީހާ ގޭގެ އެހެން މީހުންނާ ވީހާ ވެސް ދުރުން އުޅުމަށް ދެއްވާ ނަސޭހަތް މިރޭ ވެސް އަފްޒަލް ތަކުރާރު ކުރެއްވި އެވެ.

ކޮވިޑްގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި މާބަނޑު މީހުން އަދި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނެވެ.

"މި އެންމެންނާ ވީހާ ވެސް ދުރުދުރުން މުއާމަލާތު ކުރައްވާށޭ. އެއީ އެބޭފުޅުންނަށް ހިދުމަތް ދިނުމުގައި ވަކިން އެ އުޅޭ، އެއްބަޔަކު އުޅޭށޭ. މާނަައަކީ ގޭގައި ދެން ތިބި މީހުން ވެސް ރަނގަޅުވާނީ އެ މީހުންނާ މިދުވަސްކޮޅު އިންޓަރެކްޓް ނުވިއްޔާ،" އަފްޒަލް ވިދާޅުވި އެވެ.