ދައުލަތުންދޭ އެއްވެސް މުސާރައެއް ސިއްރުވާކަށް ނުޖެހޭ: އައިކޮމް

ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާންޖެހޭ މަޢުލޫމާތެއް ނޫން ކަމަށް ބުނެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ސްޓެލްކޯ އަށް މިއަދު ފާޑުކިޔައިފި އެވެ.


ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ދޭ ފައިސާގެ އަދަދު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުކުރި މައްސަލަ ބަލައިދިނުން އެދި ސްޓެލްކޯއިން މަޖިލީހަށް ސިޓީއެއް ފޮނުވި އެވެ.

އައިކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާއްމުވެފައިވާ އެ މައުލޫމާތަކީ ހަގީގަތުގައި ސްޓެލްކޯއިން އިސް ނަަގައިގެން ހާމަކުރަން ޖެހޭ މައުލޫމާތެއް ކަމަށެވެ.

"...ސަރުކާރުގެ ސައްތައިންސައްތަ ޙިއްސާ އޮތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވާން ޖެހުނު ސަަބަބު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އެކަން ތަހުގީގުކުރެއްވުމުގެ ބަދަލުގައި ހާމަކަން ބޮޑު ހިންގުމުގެ ސަގާފަތެއް ގާއިމުކުރުމަށް މަސައްކަތްކުރެއްވުމަށް ގޮވާލަމެވެ،" އައިކޮމްގެ ބަޔާނުގައި ބުންޏެވެ.

ހިންގުމުގެ ނިޒާމުގެ ހާމަކަން ބޮޑުވުމަކީ ދައުލަތާއިި މެދު ރައްޔިތުންގެ އިތުބާރު ބޮޑުވެ އިދާރާތަކުގެ ތަސައްވުރު ރަނގަޅުވާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެެވެ. ދައުލަތުގެ ކުންފުނިތަކާއި އެހެން އިދާރާތަކުން އެ މަގަމަށް މަސައްކަތް ކުރަން ހަނދާންކޮށްދޭ ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.

ސްޓެލްކޯގެ އެމްޑީގެ މުސާރަ އޮޅުންފިލުވަން އެސްއޯއީ ކޮމިޓީގެ ޖަލްސާއެއްގައި ސުވާލު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ. އެއީ އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ދުވަހު މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބު މުޣުނީ ނުދެއްވަ އެވެ. އޭގެ އެތައް ދުވަހެއް ފަހުން ސްޓެލްކޯއިން ޖަވާބު ދިނީ ލިއުމުންނެވެ.

މާލިއްޔަތު ކޮމިޓީގެ އިއްޔެ ބައްދަލުވުމުގައި ބޮންޑޭ ވިދާޅުވީ ސްޓެލްކޯގެ ސިޓީ އަކީ ލީކްކޮށްފައިވާ ސިޓީއެއް ނޫން ކަމަށާއި އެއީ އާއްމުކޮށްފައިވާ ސިޓީއެއް ކަމަށެވެ. ރައްޔިތުންގެ މަސްލަހަތާ ގުޅޭ މައުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ވެސް ހާމަކޮށް އާއްމު ކުރަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޓީ ސޯޝަލް މީޑިއާއަށް ދިޔަގޮތް ބަލައިދޭން އެދި ސްޓެލްކޯއިން ސިޓީ ފޮނުވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ސްޓެލްކޯ އަށް ފާޑުވިދާޅުވި އެވެ.