23 މެއި 2020 - 09:29
ހޮލީވުޑްގެ ބަތަލާ އެންޖެލީނާ ޖޮލީއާ ވައްތަރު ގޮތެއް ހުރުމަކީ އަމިއްލަ އަށް ކުރި ކަމެއް ނޫން ކަމަށާއި އެކަމަކު އޭނާއާ ގުޅުވައިގެން ފާޑުފާޑުގެ ނަންނަމުން ގޮވާތީ ބައެއް ފަހަރު ވަރަށް ހިތްހަމަނުޖެހޭ ކަމަށް ބޮލީވުޑްގެ ބަތަލާ އީޝާ ގުޕްތާ ބުނެފި އެވެ.
ފިލްމު "ޖަންނަތު 2" އިން 2012 އިން އީޝާ ބޮލީވުޑަށް ނުކުތުމާ އެކު ވަރަށް ގިނަ ބަޔަކު އޭނާ އާއި އެންޖެލީއާ ވައްތަރުކަން ފާހަގަކޮށްފައިވެ އެވެ. އަދި އީޝާ ކުޅުނު ސާޖިދު ޚާންގެ 2014 ގެ ފިލްމު "ހަމްޝަކަލްސް" ގައި ވެސް އޭނާ އާއި އެންޖެލީނާއާ ގުޅުވައިގެން ޖޯކް ޖަހާފައިވެ އެވެ.
ސްޕެއިންގެ ވިޔަފާވެރިއަކާ މިހާރު ލޯބީގެ ގޮތުން ގުޅިގެން ބަތަލާ ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި ބުނީ އެންޖެލީނާއާ ވައްތަރު ކަމަށް ދުވަހަކު ވެސް އަމިއްލަ އަށް ގަބޫލުނުކުރާ ކަމަށެވެ. އަދި ވައްތަރުވާން އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ވެސް ބުންޏެވެ.
Esha Gupta admits she was annoyed when people called her 'Gareebon ki Angelina Jolie' [Exclusive]
— Bollywood Life (@bollywood_life) May 21, 2020
#AngelineJolie #EshaGupta #Jannat2 #Raaz3
https://t.co/Ew8XEnLuU2
އެކަމަކު ބައެއް މީހުން ދެ މީހުންގެ ފޮޓޯ ކޮލާޖްކޮށްފައި ހުންނަތަން ފެނުމުން މޫނުމަތީގައި އެއްގޮތް ކަމެއް ހުންނަ ކަމަށް ކޮންމެވެސް ވަރަކަށް ހިިތަށް އަރާ ކަމަށް ބުންޏެވެ.
"ތެދަށް ބުނަންޏާ އެންޖެލީނާއާ ވައްތަރުވާކަށް އަމިއްލަ އަށް އެއްވެސް ކަމެއް ކުރާ މީހެއް ނޫން އަހަންނަކީ. އަދި ދެ މީހުން ވައްތަރު ކަމަށް ބަޔަކު ކިޔަސް އެއަކުން އަހަންނަށް ލިބޭނެ ފައިދާއެއް އަދި ގެއްލުމެއް ވެސް ނެތް،" އީޝާ ބުންޏެވެ. "އެކަމަކު ބައެއް ފަހަރު އެންޖެލީނާއާ ގުޅުވައިގެން ދެރަކޮށްލުމުގެ ގޮތުން ބައެއް މީހުން ކިޔާ އެއްޗެހިން އުނދަގޫވެ، ދެރަވޭ."
އޭނާ ބުނީ އަމިއްލަ ސިފައާ ދޭތެރޭ ކުރާނެ ކަމެއް ނެތް ކަމަށާއި ވަކި މީހަކާ ވައްތަރުވުމަކީ އެ މީހަކު އަމިއްލަ އަށް ކުރާނެ ކަމެއް ނޫން ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެން ވައްތަރި އަހަރެންގެ މަންމަ. އަދި ޖެނެޓިކަލީ އަހަންނަށް ލިބިފައި ހުރި ހުރިހާ ސިފައެއް ގުޅެނީ އަހަރެންގެ މައިންބަފައިންނާ،" އީޝާ ބުންޏެވެ. "އެންޖެލީނާ އަކީ ވަރަށް ރީތި އެހާމެ ހުނަރުވެރި އަދި އެހާމެ ކުޅަދާނަ ބަތަލާއެއް. ދެން ދެރަކޮށްލުމުގެ ގޮތުން ވެސް އޭނާއާ އަހަންނާ ގުޅުވުމަކީ ހަގީގަތުގައި މައްސަލައެއް ނޫން ކަންނޭނގޭ. އެކަމަށް އަހަރެން މިހާރު އާދަވެސް ވެއްޖެ. އެހެންވެ މިހާރު މީސްމީހުން ކިޔާހާ އެއްޗިއްސަކަށް ފަރުވާލެއް ނުބަހައްޓަން."
އޭނާ ބުނިގޮތުގައި މީހުންގެ ސިފަ އަށް ފާޑުކިޔުމަކީ ކުރަން ޖެހޭ ކަމެއް ނޫނެވެ. އަދި މީހަކު ޖަޖްކުރަން ވާނީ އެ މީހެއްގެ ހުނަރަށް ބަލާފައި ކަމަށް ބުންޏެވެ.
"ރާޒް 3ޑީ" އާއި "ރުސްތުމް" އަދި "ބާދުޝާހޯ" ފަދަ ފިލްމުތައް ކުޅުނު އީޝާ އަކީ މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ލިބުނު ބަތަލާއެއް ނޫނެވެ. އޭނާގެ އެންމެ ފަހުގެ މަސައްކަތަކީ ޒީ5 އިން މިހާރު ސްޓްރީމްކުރާ ވެބް ސީރީޒް "ރިޖެކްޓްސް" ގެ ދެވަނަ ސީޒަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯބިރު
26 May 2020
އެންޖެލީނާ ޖޮލީއާ ވަތަރު ވާނެކަމެނެތް، އަހަންނާވަތަރުވޭ،