ޔާމީން އެކަނި ޖަލަށް ލުމުގެ އިންސާފެއް ނުވިސްނޭ: ނަޝީދު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލައިގެން މާބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ، ޔާމީނަށް ތައުރީފް ކުރައްވާފައިވާ ޓްވީޓްތަކެއް ރީޓްވީޓް ކުރެއްވި ސަބަބު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފި އެވެ.


ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ 61 ވަނަ އުފަން ދުވަހާ ގުޅިގެން އެ މަނިކުފާނަށް ތައުރީފު ކުރައްވައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ޓްވީޓްތަކެއް ރޭ ރީޓްވީޓް ކުރައްވައިފަ އެވެ. މިއީ، ގިނަ ބަޔަކު ސުވާލު އުފެއްދި ކަމެކެވެ.

އެކަން ސާފުކޮށްދެއްވަން ނަޝީދުގެ ސަޕޯޓަރުންނަށް އެމަނިކުފާނު ފޮނުއްވި ނޯޓެއްގައި ވިދާޅުވީ ޔާމީންގެ އަމަލުތަކާއި ހިޔާލުފުޅުތަކާއި އުސޫލުތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ޔާމީން ޖަލުގައި ބޭންދުމުގައި މާބޮޑު އިންސާފެއް ލިބިދާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ކަންބޮޑުވުން މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ފާޅުކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ މި ސަރުކާރުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، އެ ޝަރީއަތަށް ހެކިންގެ ގޮތުގައި ދައުލަތުން ވަނީ އަދީބާއި ޒިޔަތު ހުށަހަޅައިފަ އެވެ. އެ ދެ ބޭފުޅުން ވަނީ ޔާމީންގެ އެންގެވުމުގެ މަތިން ހިޔާނާތްތެރިވި ކަމަށް ކޯޓުގައި ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބާއި ޒިޔަތު ޖަލަށްލާން ކުރިން ހުކުމް ކުރިޔަސް، ފަހުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އެކަމާ ގުޅިގެން އިތުރު ދައުވާތަކެއް އެ ދެ ބޭފުޅުންގެ މައްޗަށް ފަހުން ވަނީ އުފުލަައިފަ އެވެ.

ނަޝީދުގެ ނޯޓްގައި ދެން ފާހަގަކުރެއްވި އަނެއް ކަންބޮޑުވުމަކީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތުން ވެސް އިންސާފަށް ވާސިލްނުވެވުމެވެ. މި ސަރުކާރު ވެރިކަމަށް އައުމުގައި އެއީ ވައުދަކަށް ވާއިރު، ކުރާނެ ކަމަށް ބުނި ކަންކނަް ކުރަން ޖެހޭ ކަމަށް ވެސް ނަޝީދުގެ ނޯޓުގައި ވިދާޅުވި އެވެ.

ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭން އުފެއްދި މަރު ކޮމިޝަނާއި ކުރީގެ ސަރުކާރަށް ތުހުމަތުކުރި ކޮރަޕްޝަންގެ ބޮޑު މައްސަލަތައް ބަލައި ގެއްލުނު ފައިސާ ހޯދަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރި ނަމަވެސް މިހާތަނަށް ނަތީޖާ ނުނެރެވެ އެވެ. ދައުވާކުރަން ފޮނުވުމާ އެކު ބޮޑެތި ބާރުތަކެއް ދީފައިވީ ނަމަވެސް ދެ ކޮމިޝަނުން ބެލި އެއްވެސް މައްސަލައެއްގައި އަހަރެއްވީ އިރު ދައުވާކުރަން ފޮނުވައިފައެއް ނުވެ އެވެ.