ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށަން ނިންމައިފި

އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ތައުލީމީ ދާއިރާ އަށް ގެނައި ބޮޑެތި ބަދަލުތައް ހިއްސާކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާން، އަންނަ އަހަރުގެ މެއި/ޖޫންގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން އަރަބިއްޔާ ސްކޫލުގައި މި އަހަރު ޝަހާދާ ސާނަވިއްޔާ ހަދަން ހަމަޖައްސާފައިވާ ދަރިވަރުންގެ އިމްތިހާނުތައް ނިމެންދެން އެ ދަރިވަރުން ތިބޭނީ، މިހާރު ކިޔަވަމުން އަންނަ ސްކޫލުގެ ދަރިވަރުންގެ ގޮތުގައި ކަމަށް ބުންޏެވެ.

ގްރޭޑް 10 ގައި މިހާރު ކިޔަވާ ދަރިވަރުން އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް ސްކޫލްތަކުގައި ތިބެން ޖެހުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމާއި ޓީޗަރުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިތަކުން އަރައިގަތުމަށް، އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން، އަހަރުގެ މެދުތެރޭގައި ފަށަން ސޯޝަލް ކައުންސިލްގެ ލަފައާ އެކު ނިންމާފައިވާ ކަމަށް ބުންޏެވެ.

"މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރެވެމުން އެބަދެ އެވެ. މަޝްވަރާތަކަށް ފަހު އެކަޑެމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ލަސްތަކެއް ނުވެ އިއުލާންކުރެވޭނެ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "މިހާރު" އަށް ވިދާޅުވީ މި އަހަރުގެ އެކަޑެމިކް ކަލަންޑަރާ އެއްގޮތަށް، ފުރަތަމަ ޓާމުގެ ޗުއްޓީ އަށް ފަހު ކިޔަވައިދިނުން ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންވެ އަންނަ ޑިސެމްބަރު ތިނެއްގައި، ސްކޫލުތައް ބަންދުކޮށް ޖެނުއަރީ 10، 2021 ގައި ކިޔެވުން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"އޭރަށް ހަމަ އެ ކުއްޖަކު ކުރިން ހުރި ގްރޭޑުގައި ހުންނާނީ. ގްރޭޑު އެކަކަށް ވެސް ކުދިން ވައްދާނީ ޖޫންގައި. އެ ދަރިވަރަކު ހުރި ގްރޭޑު ވެސް ބަދަލުވާނީ ޖޫންގައި،" އިހުސާން ވިދާޅުވި އެވެ. މިހާތަނަށް ރާއްޖޭގައި ދިރާސީ އަހަރުގެ ކިޔެވުން ފަށަނީ ޖެނުއަރީ މަހު އެވެ.