މާލޭގެ ގެއެއްގެ ބެލްކަނީގައި ބަޔަކު މަޑުކޮށްލައިގެން: ބައްޔަށް ހުށަހެޅިފައި ތިބި މީހުންގެ ތެރެއިން ހޯމް ކަރަންޓީން ވާން ބޭނުންވާ މީހުންނަށް ފުރުސަތު ދޭން ވަނީ ނިންމާފައި. - ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
24 މެއި 2020 - 01:17
ކޮވިޑް-19 އަށް ހުށަހެޅޭ އަލާމާތްތައް ނުފެންނަ މީހުންގެ ތެރެއިން ގޭގައި ކަރަންޓީނު ވާން ބޭނުންވާ މީހުން އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އެންގުމަށް މިރޭ އެދިއްޖެ އެވެ.
ހޯމް ކަރަންޓީނު ކުރުމުގެ އުސޫލް އާއްމުކޮށް އެޗްޕީއޭ އިން ބުނެފައި ވަނީ އެގޮތަށް އެކަހެރި ކުރެވޭނީ ކަނޑައަޅާފައިވާ ވަކި ޝަރުތުތައް ފުރިހަމަވާ ގެއެއް ނުވަތަ ތަންތަނުގައި ކަމަށެވެ. އެ ޝަރުތުތަކާ އެކު އެޗްޕީއޭ އިން ވަނީ ފޯމެއް އާއްމުކޮށްފަ އެވެ.
ގޭގައި ކަރަންޓީނު ވާން އެދޭ މީހުން އެ ފޯމު ފުރިހަމަކޮށްފައި ހުށަހެޅުމުން، ޝަރުތު ހަމަވާ ނަމަ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ. އެ ފޯމުގައި، ދިރިއުޅޭ ތަނާއި މީހުންގެ އަދަދާއި އެ ގެއެއްގައި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުން ތިބި ނަމަ އެކަން އަންގަން ޖެހެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ގޭގައި ކަރަންޓީީނު ކުރުމުގެ އުސޫލު:https://t.co/2DPYnZxnrN
— Health Protection Agency (@HPA_MV) May 23, 2020
ގޭގައި ކަރަންޓީނު ވުމަށް ބޭނުންވާ ފަރާތްތަކުން ލިންކުގައިވާ ޗެކްލިސްޓް ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ލުރަށްވާ:
https://t.co/n0sEsHf8lG
ކަރަންޓީން ކުރަން ވަކި ކޮޓަރިއެއް ހުރި ނަމަ އެކަން ނުވަތަ ގޭގައި ދިރިއުޅޭ ގިނަ ބަޔަކު ބޭނުން ކުރަން ހުންނަނީ އެއް ފާޚާނާއެއް ނަމަ އެކަން ވެސް އަންގަން ޖެހެ އެވެ. ގޭގައި ކަރަންޓީންވާން ބޭނުންވާ މީހުން ފޯމު ފުރާފައި ހުށަހަޅަން ޖެހެނީ ހެލްތު މިނިސްޓްރީގެ އެކަމާ ގުޅޭ އީމެއިލަށެވެ.
ގޭގައި ކަރަންޓީން ކުރަނީ އެ އުސޫލްގައިވާ ގޮތުން ބައްޔެއްގެ އަލާމާތެއް ފެނިފައި ނުވާ އެކަމަކު ބައްޔަށް ހުށަހެޅިފައިވާ މީހުން އެހެން މީހުންނާ ދުރުހެލިކުރާށެވެ. މިގޮތަށް ކަރަންޓީން ކުރުމުގެ ބޭނުމަކީ މިފަދަ މީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނޭތޯ ބެލުމާ އެކު ބަލި ހުރި ކަން އަވަހަށް ދެނެގަނެ ފިޔަވަޅު އެޅުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ގޭގައި ކަރަންޓީން ކުރާ ގޮތަށް ހަމަޖައްސާފައި ވަނީ 14 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫކޮށްލާނެ އެވެ.
- ކަރަންޓީން ކުރާ މީހާ ބެހެއްޓުން އެންމެ އެކަށީގެންވަނީ ފާޚާނާ އެކު ހުންނަ ކޮޓަރިއެއްގައި. އެތަނަކީ ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހުންނަ ތަނަކަށް ވާން ޖެހޭ.
- އެއް ކޮޓަރިއެއްގައި އެކަކަށް ވުރެން ގިނަ މީހުން ކަރަންޓީން ކުރާ ނަމަ ދެ އެނދު ދޭތެރޭގައި މަދުވެގެން ތިން ފޫޓު ހުރުން.
- ފާޚާނާގައި ސާފު ފެން ލިބުމާ އެކު ރައްކާތެރި ގޮތެއްގައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.
- އެކަކަށް ވުރެން ގިނަ މީހުން ފާޚާނާ ބޭނުންކުރާ ނަމަ ފާޚާނާގެ އިސްކުރާއި ދޮރުގެ ތަޅާއި ފާޚާނާ ތަށިގަނޑާއި މޫނު ދޮންނަ ތަށި ފަދަ ތަންތަން ޑިޓާޖަންޓް ބޭނުންކޮށްގެން މަދުވެގެން ދުވާލަކު ދެ ފަހަރު ސާފުކުރުން.
- ގޭގައި އުޅޭ އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުންނާ އެއް ފާޚާނާއެއް، ކަރަންޓީންގައި ހުންނަ މީހާ ބޭނުން ނުކުރުން.
- ކަރަންޓީންގައި ހުންނަ މީހާ ގެންގުޅޭ ތަކެއްޗާއި އަންނައުނު ވަކިން ގެންގުޅުމާއި ވަކިން ދޮވެ ހެދުން.
- އުމުރުން 60 އަހަރުން މަތީގެ މީހެއް ނުވަތަ ދާއިމީ ބައްޔަކަށް ބޭސްކުރާ މީހަކު ގޭގައި ކަރަންޓީން ކުރާނީ އޭނާގެ އެހީތެރިއެއް ހުރި ނަމަ. އެހީތެރިއަކު ނެތް މީހުން ކަރަންޓީން ކުރާނީ ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއެއްގައި.
- މީހަކު ކަރަންޓީންކޮށްފައިވާ ގެއަކަށް އެހެން މީހުންނަށް ޒިޔާރަތެއް ނުކުރެވޭނެ. އަދި ކަރަންޓީންގައި ހުންނަ މީހާ ވެސް ގެއިން ބޭރަށް ދިއުން މަނާވާނެ.
ހޯމް ކަރަންޓީންގައި ހުންނަ އިރު ރައްކާތެރިވުމުގެ ގޮތުން އަމަލުކުރާނެ ގޮތްތައް ޑޮކްޓަރުން ވަނީ ކިޔައިދެއްވައިފަ އެވެ.
އޭގެތެރޭގައި ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދީ، ބްލީޗް ސޮލިއުޝަނެއް ތައްޔާރުކޮށް، ފާޚާނާތަކާއި ގޭތެރެ އަދި ހިފައި ގެންގުޅޭ ތަކެއްޗާއި ގޭގެ ދޮރުތަކުގެ އަތްގަނޑު ދޮވުމާއި ކަރަންޓީންގައި ހުންނަ މީހާ ގޭގައި ތިބޭ އެހެން މީހުންނާ ބައްދަލުވެ ނުހެދުމާއި ބޭރަށް ދިއުމުގެ ބަދަލުގައި ޑެލިވަރީގެ ޚިދުމަތް ހޯދަން އެދިފައިވެ އެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ އެ ގެއެއްގައި ތިބޭ ހައި ރިސްކް މީހުން ބައްޔަށް ހުށަނޭޅޭ ގޮތަކަށް އަމަލުކުރަން ކަމަށް ޑޮކްޓަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
25 May 2020
ތި ޚަރަދު ކުޑަވާނެ. އަހަރެމެން ރަަށަށް ގެން ގޮސް އަމިއްލަ ގޭގައި ކަރަންޓީން ކުރޭ. ރަށަށް ދާން ބޭނުންވާ ޓިކެޓަށާ ހުރުމާއި ކެެއުމަށް ޚަރަދު ކުރަން ތައްޔާރު. ރަށްރަށު މީހުން ކާރި ބުނެބަލަ ތި މިންގަނޑަށް ފެތޭ ތަންތަން ދެއްކީމަ ރަށަށް ކަރަންޓީނަށް ފޮނުވާނަމޭ. ވަރަށްގިނަ މީހުން ތިބޭނެ ހުންނާނެ ތަންތަން ހަމަޖައްސައިގެން ދާން ބޭނުންވާނެ. ހަމަ ރާއްޖެތެރޭ މީހުން ފިއްތަނީ.
ނާޑުވާ
24 May 2020
ގޭގަ ބައިތިއްބަން އެއްވެސް ވަރަކަށް ތާއީދެއް ނުކުރެވޭ. ދިވެހިންނެއްނުން ހެނދުނު ގެއަށް ވައްދައިފިއްޔާ ހަވީރު ހުންނާނީ ކަންމަތީގަ. އަދި ތި ފޯރމިގަ ފުރާ މައުލޫމާތު ސައްޙަކަން ވެސް ޔަޤީން ނުކުރެވޭނެ.
ފޮނިޓައްޕު ހަސަނު
24 May 2020
މި ވެރިންނަށް ހޭވެރިކަމެއް މިއައީ ދައުލަތުން ބިލިއަނެއް ހައި ރުފިޔާ ރިޒޯޓް އޯނަރުންނަށް ދެވުނު ފަހުން. ބަލަގަ އެއޮތް މުއްސަދި އަދި ކުރިއަރާފައިވާ އިނގިރޭސިވިލާތުގައި ވެސް ކޮވިޑް19 އަށް ކަރަންޓީނު ކުރަމުން އެބައެއްގެ އަމިއްލަގޭގައޭ. މިހާރު ރިޒޯޓް އޯނަރުން ބުނާނެ ދައުލަތަށް ދައްކަން ޖެހޭ ކުލި މާފުކޮށްދޭށޭ.
ހަސަނު1
24 May 2020
ތިގޮތް އަސްލު ކުރިންވެސް އޮތް. ޚަރަދުވެސް ކުޑަވީސް. އެހެން ގައުމުތަކުގައިވެސް އަމަލު ކުރީ ތިހެން. ގޭގައި އެކަހެރި ކުރެވެން ހުރެ، އެކަމަކަށް އެދިއްޖިއްޔާ އެކަން ކޮށްދިނުން ހަމަ ރަނގަޅު. ޝުކުރިއްޔާ.
ކޮމެންޓޭ1
24 May 2020
ކޮބާ އަދިކިރިޔާ އުސޫލު ހެދުނީ ދޯ. ސިޔާސީ އިއްޒަތްތެރިންނާއި އެމީހުންގެ އާއިލާ އެކަހެރި ނުކުރެވޭނެ. ޢާދައިގެ މީހާ ގެންގޮސް މުގުރިހަ ކާންދީންގެން ގޮޅިއަށްލާފަ.
ނަންނާ
24 May 2020
ރިސޯޓު ގެސްޓު ރޫމްތައް އެއީ ގޮޅި!؟ މުގުރިހަ އެއީ ހަރާމް އެއްޗެއް!؟ ކަލޭމެންގެ ވިސްނުމަށް ތިހިރީ ވައިރަސްއެއް އަރާފަ.
ރަދީފްް
24 May 2020
ގެއެއް މިވގުތު ނެތުމުން ކާރުގައި ކަރަންޓީނު ކުރަން އޮންނާނިީ އެސިފައި. ފާހާނަ ތައްޓެއްވެސް ގަނެފިން ޑަސްޕިންކޮތަަޅުތަކާއި
އާހާ
24 May 2020
ނިމުމުގެ ކޮޅެއް ފެންނަން ނެތް ބައްޔެއްގައި ކަރަންޓީނުކުރަމުން ގެންދެވޭނީ ކިހާ ދުވަހަކު ބާއޭ ހިތަށްއަރާ. ބަޔަކު ރައްކާތެރިވެގެން ބަލިނުޖެހޭނެނަމަ ފްރަންޓްލައިންގަ މަސައްކަތްކުރާ މީހުންނާ ސިފައިންގެ މީހުންނާ ޑޮކްޓަރުންނާ ނަރުހުންނާ ޕޮޒިޓިވްނުވާނެ. އެމީހުންނަށްޖެހުމުން ސުވާލުއުފެދެނީ ދެންތިބި މީހުންނަށް އެމީހުންނަށްވުރެ ބޮޑަށް ބަލައިގެން އުޅެވޭނެބާއޭ؟ އެއް ކަރަންޓީން ނިންމާފަ އިތުރު 3،4 ކަރަންޓީން ނިމޭއިރު މީހާގެ ނަފްސާނީ ދުޅަހެޔޮކަން ހުންނާނެ ހިސާ
ޢެޑްމުންޑޯ
24 May 2020
ތިޝަރުތު ހަމަވާ އެއްވެސް ގެއެއް މާލޭގައި ނުހުންނާނެ ، މާލޭގެ މުއްސަދި މީހުންވެސް އެއްއެޕާރޓްމަންޓް ބަހައްޓާފައި ހުރިހާތަނެއް ހުންނާނީ ކުއްޔަށް ދީފައި ، އާއިލާ ނެތިއްޔާ ހުންނާނީ އެއްކޮޓަރި ، ދެންކިހިނެއް ހޯމްކަރަންޓީންވާނީ