ގެއެއްގެ ބެލްކަނީގައި ބަޔަކު މަޑުކޮށްލައިގެން. މާލޭގައި ހަލުވިކަމާ އެކު ވައިރަސް ފެތުރި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1000 އަށް އަރާފައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
16 މެއި 2020 - 00:24
މާލޭގައި، ކޮވިޑް-19 ބާރަށް ފެތުރި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ބަލިޖެހޭ ބައެއް މީހުން ގޭގައި ކަރަންޓީންކުރަން ފަށައިފި އެވެ.
ރާއްޖެ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،000 އަށް ވުރެ މަތިވެފައިވާ އިރު، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި، ބަލި ޖެހޭ މީހުން އިތުރުވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރިން ވެސް ނިންމާފައި އޮތީ އާއްމުންގެ ގިނަ ބަޔަަކަށް ބަލި ޖެހިއްޖެ ނަމަ ގޭގައި ކަރަންޓީން ކުރާށެވެ.
އެއީ، ބައްޔަށް ހުށަހެޅޭ އެންމެން ފެސިލިޓީތަކުގައި 14 ދުވަހު ބޭތިއްބުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ އެވެ.
އެޗްޕީއޭ އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި، އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ނަޒްލާ ރަގީފް ވިދާޅުވީ ބައެއް މީހުން މިހާރު ގޭގައި ކަރަންޓީން ކުރަމުން އަންނަ ކަމަށެވެ. މިގޮތަށް ގޭގައި ބައިތިއްބާއިރު، ސަމާލުކަން ދޭންވީ ކަންތައްތައް ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަތް ޑޮކްޓަރުން ވަނީ ކިޔައިދެއްވައިފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ނުވަތަ އައިސޮލޭޓްކުރަނީ އެ މީހަކީ ބައްޔަށް ހުށަހެޅި، ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހަކަށް ވާތީ ނުވަތަ އެ މީހެއްގެ ފަރާތުން އެހެން މީހަކަށް ވައިރަހުގެ ނުރައްކާ ކުރިމަތިވިޔަ ނުދޭށެވެ.
ކޮވިޑް-19 ގެ ރެޕިޑް ރެސްޕޯންސް ޓީމު މަސައްކަތުގައި: ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ ހޯމް ކަރަންޓީން ކުރަން ވަނީ ފަށާފައި.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ޕެނަލްގައި ބައިވެރިވެވަޑައިގަތް އައިޖީއެމްއެޗުގެ ޑޮކްޓަރު މުއާޒް މޫސާ ވިދާޅުވީ ކަރަންޓީން ކުރަނީ ބަލި ޖެހިފައިވާ މީހަކާ ގާތުން ބައްދަލުވެ، ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން ކަމަށެވެ. އެ މީހަކު އެކަހެރި ކުރަނީ ބަލީގެ އަލާމާތްތަކެއް ހުރެގެންނެއް ނޫނެވެ. އެކަމަކު އެއީ ފަހުން ވެސް ބަލީގެ އަލާމާތްތައް ފެނި އެހެން މީހަކަށް ބަލި ފެތުރުން ހުއްޓުވަން ކަން ފާހަގަކުރެއްވި އެވެ.
އައިސޮލޭޓް ކުރަނީ ބައްޔަށް ޕޮޒިޓިވް ނުވަތަ އަލާމާތްތައް ހުންނަ މީހުންނެވެ.
ޕެނަލްގައި ހިމެނިވަޑައިގެންނެވި ޑޮކްޓަރުން ވިދާޅުވި ގޮތުގައި ހޯމް ކަރަންޓީން ކުރަން ޖެހިއްޖެ ހާލަތެއްގައި އެންމެ ރަނގަޅު ގޮތަކީ އެ މީހަކު ވަކި ކޮޓަރިއެއްގައި ހުރުމެވެ. އަދި އެ މީހެއްގެ ކެއުމާއި އެހެން ހުރިހާ އިންތިޒާމެއް ވަކިން ހަމަޖެއްސުމެވެ.
"އެ މީހަކު ބަހައްޓަންވާނީ ވަރަށް ވެންޓިލޭޝަން ރަނގަޅު ކޮޓަރިއެއްގައި. ފާޚާނާ ވެސް ވަކި ކުރެވިފައި. ގޭގައި ތިބޭ އެހެން މީހުންނާ އޭނާ މުއާމަލާތްކޮށް ހެދުން ރަނގަޅެއް ނޫން،" މުއާޒް ވިދާޅުވި އެވެ.
ހޯމް ކަރަންޓީންގައި ހުންނަ މީހާ އަށް ކާ އެއްޗެހި ގެންގޮސް ދޭއިރު ވެސް ވަަރަށް ބޮޑަށް ވިސްނައި މާސްކް ބޭނުންކުރުން ފަދަ ރައްކާތެރިވުމުގެ ފިޔަވަޅު އަޅަން ޖެހެ އެވެ. ހޯމް ކަރަންޓީންގައި ހުންނަ މީހާ، ގޭގައި ތިބޭ އެހެން މީހުންނާ ބައްދަލުވެ ވާހަކަ ދައްކައި ހެދުން ރަނގަޅެއް ނޫނެވެ.
ހޯމް ކަރަންޓީނަކީ އުނދަގޫ ކަމެއް، އެކަމަކު ވިސްނަންވީ ތިމާއަކީ ބަލި ޖެހިފައި ހުރެދާނެ މީހެއް ކަން. އެހެންވީމާ ތިމާގެ ފަރާތުން އާއިލާގެ އެއްވެސް މީހަކަށް ނުވަތަ އެއްކޮށް އުޅޭ އެއްވެސް މީހަކަށް ބަލި ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުން: މުއާޒް
މާލޭގައި، އެއް ގެއެއްގެ ތެރޭގައި ގިނަ ބަޔަކު ދިރިއުޅެމުންދާކަން ފާހަގަކުރައްވަމުން ޑޮކްޓަރުން ވިދާޅުވި ގޮތުގައި، އެފަދަ ހާލަތެއްގައި ހޯމް ކަރަންޓީންގައި ހުންނަ މީހާއާ އެކު އެއް ފާޚާނާ ބޭނުންކުރަން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. އެންމެ މުހިއްމު ކަމަކީ ކޮންމެ ފަހަަރަކު ވެސް ފާޚާނާ ބޭނުންކުރުމުގެ ކުރިން ޑިސްއިންފެކްޓް ކުރުމެވެ.
ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ހޯމް އައިސޮލޭޝަންގައި ހުންނަ މީހަކު ބޭނުންކުރާ ފާޚާނާއެއް އެހެން ބަޔަކު ބޭނުން ކުރާ ނަމަ، ކޮންމެ ފަހަރަކު ވެސް ފާޚާނާ ދޮރުގެ އަތްގަނޑާއި އިސްކުރާއި އެ ނޫން ވެސް، ގިނައިން އަތްލާ ތަންތަން ރަނގަޅަށް ދޮވެ ސާފުކުރުން މުހިއްމު ކަމަށެވެ.
އެކަހެރިކޮށްފައި ހުންނަ މީހާ ބޭނުންކުރާ ތައްޓާއި ސަމުސަލާއި ތުވާލި ފަދަ ތަކެތި އެހެން މީހުން ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އެ ތަކެތި ތަށި ދޮންނަން ބޭނުންކުރާ ޚާއްސަ އެއްޗެއް ބޭނުންކޮށްގެން ތާފަނާ ފެނުން ދޮންނަން ވާނެ އެވެ. ކަރަންޓީންގައި ހުންނަ މީހާގެ ހެދުންތައް ވަކިން ދޮވުމާއި ދެ ކޮތަޅު ލައްވާފައި ކުނި އަޅަން ވެސް ވަކިން ވަށިގަނޑެއް ބެހެއްޓުމުގެ މުހިއްމު ކަން ޕެނަލްގެ ޑޮކްޓަރުން ކިޔައި ދެއްވި އެވެ.
އެކަކު ފަރާތުން އަނެކަކަށް މި ވައިރަސް އަރަނީ ކެއްސައި ކިނބިހި އަޅާއިރުކަން ފާހަގަކުރައްވައި ނަޒްލާ ވިދާޅުވީ ހޯމް ކަރަންޓީންގައި ހުންނަ މީހާއާ އަބަދުވެސް ހަ ފޫޓުގެ ދުރުމިން ބަހައްޓަން ހަނދާން ކުރަން ޖެހޭ ކަމަށެވެ. ނުވަތަ ރޯގާ ފޮޅާފައި އަތްލެވޭ ތަންތަން، އެހެން މީހަކަށް އޮޅިގެން ވެސް އަތްލެވިދާނެތީ ސާފުކުރަން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ފާޚާނާ ސާފުކުރުމުގައި ވެސް ގޭތެރޭގައި އާއްމުކޮށް ބޭނުންކުރާ ތަކެތި ބޭނުން ކުރެވިދާނެ އެވެ. ސައިބޯނި ރަނގަޅަށް ފިލުވުމަށް ފަހު، ޑިސްއިންފެކްޓް ކުރުމުގައި ރަނގަޅު ގޮތަކީ އެއް ޖޯޑު ބްލީޗްގެ ތެރެއަށް ނުވަ ޖޯޑު ފެން އަޅައިގެން ސޮލިއުޝަން ތައްޔާރުކުރުން ކަމަށް ނަޒްލާ ވިދާޅުވި އެވެ.
މި ސޮލިއުޝަން އަވި ނުދޭ ތަނެއްގައި، ބަހައްޓައިގެން 24 ގަޑިއިރު ބޭނުން ކުރުމަކުން މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބްލީޗް ސޮލިއުޝަން އުނގުޅާލުމަށް ފަހު ގާތްގަނޑަކަށް 10 ވަރަކަށް މިނިޓް ބަހައްޓަން ޖެހޭނެ އޭގެ އަސަރު ކުރަންދެން،" ނަޒްލާ ވިދާޅުވި އެވެ.
ގެއެއްގައި ތިބޭ އެންމެންނަކީ ހޯމް ކަރަންޓީންގައި ތިބި ބަޔަކަށް ވެއްޖެ ނަމަ، ޑެލިވަރީގެ ޚިދުމަތް ބޭނުންކުރާ އިރު ވެސް ފިޒިކަލް ޑިސްޓެންސިން އަށް ސަމާލުވުމަށް ނަޒްލާ އެދިވަޑައިގަތެވެ. އެއީ ޑެލިވަރީގެ ޚިދުމަތަށް ގެއަށް އަންނަ މީހާއާ ވެސް ދުރުމިން ބެހެއްޓުމެވެ.
"އޮންލައިން ޓްރާންސެކްޝަނަށް އިސްކަންދީ، ޑެލިވަރީ އަށް އަންނަ މީހާ ބޭރުގައި އެއްޗެހި ބެހެއްޓީމަ ގޮސް ނެގުން އެންމެ ރަނގަޅީ،" ނަޒްލާ ވިދާޅުވި އެވެ.
ގެއަކަށް ޑެލިވަރީ ކޮށްދެނީ: މިގޮތަށް ގެންނަ އެއްޗެހި ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ދޮންނަން ޖެހޭ.
ޑެލިވަރީކޮށްދޭ މީހާ އަކީ ވެސް ބަލި ޖެހިފައި ހުރެދާނެ މީހަކަށް ވުން އެކަށީގެންވާތީ އޭނާ ގެނެސްދޭ އެއްޗެހީގެ ތެރެއިން ރަނގަޅަށް ސައިބޯނިލައިގެން ދޮވެވެން ހުރި އެއްޗެހި ދޮވުމަށް އިސްކަންދޭން ނަޒްލާ އެދިވަޑައިގަތެވެ. އެއާއެކު އެގޮތަށް ގެންނަ ތަކެތީގައި ހުންނަ ވައިރަހުގެ އަސަރު ތިން ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ދަށްވާނެތީ އެ މުއްދަތަށް ތަކެތި ބެހެއްޓިދާނެ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ކުޑަ ރިސްކެއް އެހެން ގެންނަ އެއްޗަކުން އެރުން. ނަމަވެސް ސަމާލުވެ އުޅުން މުހިއްމު، އެންމެ މުހިއްމު ކަމަކީ މި ކަހަލަ އެއްޗެހީގައި އަތްލާފައި ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުން،" ނަޒްލާ ވިދާޅުވި އެވެ.
ހޯމް ކަރަންޓީންގައި ތިބޭ މީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އެޗްޕީއޭގެ ހޮޓްލައިން 1617 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރަން ވެސް އެތަނުން އެދެ އެވެ.
ޕެނަލްގައި ހިމެނިވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ކިޔައިދެއްވީ އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކުގައި ބޭސްކުރާ މީހުންނަށް ބަލީގެ ނުރައްކާ ބޮޑުވާނެތީ، އެ މީހުންނާ މެދު ޚާއްސަ އިސްކަމެއް ދީގެން އަމަލުކުރުމުގައި ސަމާލުވާން ޖެހޭ ކަންކަމެވެ.
މި ބަލީގައި ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ދުންފަތުގެ އިސްތިއުމާލްކުރުމުން ފުއްޕާމޭ ހަލާކުވެފައި ތިބޭ މީހުންނާއި ޓީބީ ކަހަލަ ބައްޔެއްގައި ފުއްޕާމޭގެ ޓިޝޫތައް ހަލާކުވެފައި ތިބޭ ނުވަތަ ނޭވާލާމުގެ ނިޒާމާއި ހިތާއި ކިޑްނީގެ ބައްޔާއި ކެންސަރާއި ސްޓްރޯކް ޖެހުން ފަދަ ކަމެއްގައި އެނދުމަތިވެފައި ތިބޭ މީހުންނަށްކަން ފާހަގަކުރެއްވި އެވެ.
ޝަހީދު ވިދާޅުވީ މިފަދަ ހައި ރިސްކުގެ މީހުން އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުގޮސް މަޑުކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ މީހުންނަށް ގޭގައި ވަކި ކޮޓަރިއެއްގައި ތިބެވޭނެ އިންތިޒާމެއް ހުރި ނަމަ އެގޮތަށް އަމަލުކުރުމާއި އެކަން އެގޮތަށް ނުވެއްޖެ ނަމަ އެހެން މީހުންނާ ދުރުމިން ބެހެއްޓުމަށް އެދިވަޑައިގަތެވެ.
"ހައި ރިސްކް މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދޭން ވަރަށް މުހިއްމު ދުޅަހެޔޮކޮށް ތިބޭ މީހުންގެ ޒިންމާ ބޮޑު. މިދިޔަ ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި އެއްވެސް ވަރަކަށް ބޭރަށް ނުނިކުމެވޭ، ދިގު މުއްދަތަކަށް އެނދުމަތިވެފައި ތިބި މީހުންް ޕޮޒިޓިވްވެފައި ހުރިކަން. މިގޮތަށް ވަނީ ގޭގައި ހުންނަ ކޮންމެވެސް އެހެން މީހެއްގެ ޒަރިއްޔާއިން ވައިރަސް ފެތުރިގެން،" ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަލި ފެތުރިދާނެ ހައި ރިސްކު މީހުން މި ދުވަސްކޮޅު ގެންގުޅޭ ސާމާނު ވަކި ކުރުމާއި ދާއިމީ ބަލިތަކަށް އާއްމުކޮށް ކައި އުޅޭ ބޭސްތައް ހުއްޓާނުލައި ކުރިއަށް ގެންދަން ޖެހެ އެވެ. އެންމެ ތަނގަޅު ގޮތަކީ ގޭގައި ތިބެގެން އޮންލައިން ކޮންސަލްޓޭޝަން މެދުވެރިކޮށް ފަރުވާ ކުރިއަށް ގެންދިއުމެވެ. އެއާއެކު ކުއްލިއަކަށް ހޮސްޕިޓަލަށް ގެންދަން ވެއްޖެ ނަމަ، ވެސް ޑޮކްޓަރުގެ ލިއުންތައް ފަސޭހަ އިން ގެންދެވޭނެ ގޮތަކަށް ބެހެއްޓުން މުހިއްމު ކަން ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަންޝަން
16 May 2020
ބަންގާޅީންނަށް ހޭހަންކޮށްދީ ހިތްފުރުނީމަތޯ ނަޒްލާ ތިނުކުތީ. ގޭގައި ކަރަންޓީނު ކުރާ ވާހަކަ ދައްކަން މިފެށީ ކައްވާލެވޭނެ އިތުރު ކަންތައްތަކެއް މިސަރުކާރުގެ ބޮޑުންނަށް ނުފެނިގެންތަ؟ އަދިވެސް ދަނޑިފަނުން ދެތިންތާގައި ދެތިން ބިތްގަނޑުޖަހާފައި 800 މިލިޔަން އަރުވާލާ. އަޑުއިވޭ މިހާރު އެތައްބަޔަކު މުއްސަނދިވެއްޖެޔޭ ކިޔާ ވާހަކަ.
މުހައްމަދު..
16 May 2020
ނަޒްލާއަށް "އެސްކިއުޒްމީ އެވެސް އިންސާނުނަންވީ" ހަމަ އެކަނި ބިދޭސީން، ވަންނާނެތަނެއްނެތި، ބިކަވި ދިވެހިން އިންސާނުންނަކަށް ނުވި، އެމީހުންމިވީ ދިހަ ބާރަމީހުން ބަލިވިޔަސް ހަތްފޫޓް އަށްފޫޓް ކޮޓަރީގައި ބަންދުވެތިބެން. ބޭރުގައުމުގަކުގެ މީހުންނާއި މީޑިޔާތަކުގައި ޑްރާމާ ކުޅެވޭނެ ކަމެއްކުރެވިއްޔާ، މި ސަރުކާރަށް އެއޮތީ ހުރިހާކަމެއްވެ ނިމިފަ.
ދުމައިން
16 May 2020
ތިޔަ ކަރަންޓީނު ކުރެވޭ ހާލުގަހުރީ މާލޭގެ ކިތަށްގޭބީސީތޯ؟ ހެޔޮނުވާނެދުރުވިސްނޭ މީހަކު ހުޅުމާލޭ ފޭސް 2 ހިއްކާ ލައްކަ ކަންކަންކޮށއފަ ވެއްޖެ.. ޒާތީ ނުވެ އެތަނުގަ ހެދިފަހުރި 7000 ފުލެޓުގެ ބޭނުން ހިފާބަލަ. ކުދި މަރާމާތުހުރިއްޔާ ތިޔަ ބޭކާރު ޚަރަދުނުކޮށް އެތަން ތަނުގަ ކުރަންހުރިކަންކަން ނިންމައިގެން އެ ބޭނުންކޮށްބަލަ.
ގަޓް ބްރޯ
16 May 2020
ރާއްޖޭގެ ޚާއްސަކޮށް މާލެ ސިޓީގެ ޢާންމު ހާލަތު ވަޒަންކޮށްލަންވެސް ނޭނގޭ ބަޔަކާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ހަވާލުކުރީމަ ދެން އެޅޭނީ މުޅިންވެސް ޅަ އެއްޗެތި. މާލޭގަ ކުދުިކުދި ތަންތަންކޮޅުގަ އެއް ފާޚާނާއެއް ބޭނުުން ކޮށްގެން ދިވެހި ކިތަންމެ އާއިލާއެއްވެސް އެބައުޅޭ މިކަމަކީ މާލޭ ސިޓީކައުުންސިލް އަށްވެސް އެނގޭ ކަންކަމެއްނޫން.
މަންނާނު
16 May 2020
ބަޔަކުމީހުން އަންބޮޑި ފުރުނީދޯ މިހުރިހާދުވަހު ބޮޑުއަގުދީގެން ނަގައިގެން އުޅުނު ރިސޯޓްތައް މިހާރުކޮބާ އަދިވެސްއިތުރު ރިސޯޓް ތިކަމަށްނެގޭނެ ކޮންމެހެންނުޖެހޭ ހޯމްއައިސޮލޭޓްކުރާކަށް
ފަރުދުންގގ
16 May 2020
ކޮރޯނާ ވައިރަހަހުގެ ޝިފާއަކީ ޒަމްޒަމް ފެން.
ސާޖިދު
16 May 2020
އާ ޔޫ ސީރިއަސް؟
އަލީ އަލީ
16 May 2020
ބޮޑުލާރިދީފަ ހެދި ފެސިލިޓީސްތައް ބިދޭސީންނަށް! ދިވެހި ރައްޔިތުމީހާ ކަރަންޓީނުވާންވސް މިޖެހުނީ ގޭގަ! ކިހާދެރަވަރުގެ ކަމެއް! ރައްޔިތުމީހަ މިހުރީވަޒީފާ ގެއްލި ގެއިން ނިނުކުމެވިފަ! ދައުލަތުން ބޯހިޔާވަހިކަންވެސް ދޭންވީ އަދިވެސް ބިދޭސިނަށް! މިއޮތީވާ ގައުމެއް! ޝުކުރިއްޔާ!
ޙުސެންފުޅު
16 May 2020
މިސްކިތްތައް ބަންދުކޮށްގެން ހުކުރު ނަމާދުވެސް ކުރިއަ ނުދީ ތިއީތަ ތިކުރި ކަމަކީ؟
އިންސާފް
16 May 2020
ތަންދޮރުނޭގުނަސް ބޮޑުވަރު. ބަލި ފެތުރުނަނުދީ މައިތިރިކުރެވޭތޯ މަސައްކަތްކުރީ. ބޯހަރުކަމުން ގޭގަނޯވިވިގެން ގޮސް މީހުނާ ކޮންޓެކްޓްވީމަ ވާނެ ހައެތި ވެފަމިއޮތީ
ޢެޑްމުންޑޯ
16 May 2020
މިބައްޔަށް ބޭނުންކުރަން ލިބުނު އެއްޗެއްވިއްޔާ ލިބެނީ ހިލޭ ، އެކިގައުމުތަކުންނާއި ޑަބްލިއު އެޗްއޯ އަދި ބައެއް މުއްސަދިން ، ވީއިރު 800 މިލއަން ރުފިޔާ ކަރަދުކޮށް ބޭކާރު މަސައްކަތްތަކެއް ކުރީ ކީއްވެހޭ ހިތައްއަރަނީ ، ހޯމްކަރަންޓީން ދުނިޔޭގެ އެހެންގައުމުތަކުގައި ކުރިއަސް މިމާލޭގެ މީހުންގެ ދިރިއުޅުމުގެ ހާލަތަކީ އެފަދަ ކަމެއްކުރެވޭނެ ހާލަތެއްނޫން ، އެންމެނަށް ބަލިޖެހުން ނޫންކަމެއް ނުވާނެ.
މުސަޅު
16 May 2020
ގިނަ ދިވެހިންނަކީ ތި ޑޮކްޓަރުންހާ ތަނަވަސް ބައެއް ނޫން. ވަކި ކޮޓަރިއެއްގަ އެކަހެރިވެވޭނެހާ ފެންވަރެއް ނުހުރޭ
އަޅުކަލޭގެ
16 May 2020
އެބުނަނީ އެފަދަ ވަސީލަތްތައް ހުރިގޭގޭތަކުގައި އެކަން ކުރާވާހަކަހެން ހީވަނީ. އެއްކޮޓަރިއެއްގައި 6 މީހުން އުޅެންޏަކާ ނުވާނެދޯ އެކަމެއް. އެކަމަކު ގޭގައި ވަކިކޮޓަރިއެއްގައި އުޅެމުން އަންނަ މީހަކު ކަރަންޓީނު ފެސިލިޓީއަކަށް ގެންގޮސް ސަރުކާރުން ޚަރަދު ކުރުމަށްވުރެ، އެކަން ގޭގައި ރަނގަޅަށް ކުރެވެން އޮތް ހާލަތެއްގައި ކުރުމަކީ އެއްމެންނަށްވެސް ބުރަ ކުޑަވެފައި ހަމަ ރަނގަޅު ކަމެއްހެން ހީވަނީ. އެހެން ގައުމުތަކުގައިވެސް އެހެން ހަދަނީ.
އާދޭސް
16 May 2020
ގެއަކު ނެއް ކަރަންޓީން ވާނެ ތަނެއް، އެންމެ ކޮޓަރިިިިިިިިއެއްގަ ކައިގެން އެއްޗިހި ދޮވެގެން 2 ކުދިން ގޮވައިގެން މިއުޅެނީ. މަށަށް ޙައްޤުވާ ފްލެޓް ދީ އަވަހަށް