ޚިޔާނާތާއި މަރު ކޮމިޝަންތަކުގެ ތަހުގީގުގެ މައްސަލަ ދެ ކޮމެޓީއަކަށް ފޮނުވައިފި

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ދެ ކޮމެޓީއަކަށް ފޮނުވައިފި އެވެ.


އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ދެ ކޮމިޝަނެއް އޮތީ އުފައްދަވައިފަ އެވެ. އެކަމަކު އެ ދެ ކޮމިޝަނުން އެއްވެސް މައްސަލައެއްގެ ތަހުގީގު މިހާތަނަށް ނިންމާފައެއް ނުވެ އެވެ. އެހެންވެ، އެ މައުލޫމާތު ސާފު ކުރުމަށާއި އެ މައްސަލަތަކުގައި ދައުވާކުރުން ލަސްވަމުންދާ ސަބަބުތައް ސާފުކުރަން މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒެވެ.

މަޖިލީހުން ކުރި ޓްވީޓެއްގައިވަނީ އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވާފައިވާ ކަމަށެވެ.

މަޖިލީހުން ކުރި ޓްވީޓް

ޚިޔާނާތުގެ މައްސަލަތައް ބަލަން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ބައެއް މައްސަލަތައް ބަލަން ފަށައި، އޭގެ ތެރެއިން ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާ ބެހޭ ބައެއް މައްސަލަތަކުގެ މައުލޫމާތު ވެސް ކުރިން އާންމުކުރި އެވެ. އެކަމަކު އެއިން އެއްވެސް މައްސަލައެއްގައި މިހާތަނަށް ދައުވާ ކޮށްފައެއް ނުވެ އެވެ.

ރިޔާސީ ކޮމިޝަންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ތަހުގީގަށް މީހުން ހާޒިރު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.