29 މެއި 2020 - 20:32
ސައިކަލް އެކްސިޑެންޓުގައި ދިރިއުޅުން ފުނޑުފުނޑުވި ހާދިސާ އަށް މިއަދު ދެ އަހަރުވީ އެވެ. ވޯކާގެ އެހީގައި މަޑުމަޑުން ނަމަވެސް އުމަރު ސަލީމް (އޮއްތޮ) އަށް މިހާރު ގޭތެރޭގައި ހިނގާލެވެ އެވެ. އެކަމަކު ކައިރީގައި އަބަދުވެސް މީހަކު ހުންނަން ޖެހެ އެވެ. ވޭތުވެދިޔަ ދެ އަހަރު އޮއްތޮގެ މި ހިތްދަތި ދިރިއުޅުމުން ފެންނަނީ ހިތްވަރުގަދަކަމާއި ސާބިތުކަމެވެ. އަނބިމީހާ އާއި އާއިލާގެ ލޯތްބާއި އަޅާލުމެވެ.
އޮއްތޮގެ އެކްސިޑެންޓަށް ދެ އަހަރު ފުރުމާ ގުޅިގެން އޭނާގެ އަންހެނުން ފާތުމަތު ނައުފާ ވަނީ މިހާތަނަށް އޮއްތޮ ރަނގަޅު ވާން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. އޮއްތޮ ރަނގަޅުވާން ކުރާ މަސައްކަތުގައި އެންމެ ބޮޑު ހިތްވަރަކީ އާއިލާ އާއި ރައްޓެހިންގެ ލޯބި ކަން ފާހަގަކޮށް، ޝުކުރު އަދާކޮށްފައިވެ އެވެ.
"މިހާރު ވަރަށް ބޮޑަށް އިމްޕްރޫވް ވެފައި ހުރީ. ނިއުރޯ ޑޮކްޓަރު ވެސް ބުނި އެހާ ބޮޑަށް އަނިޔާވެފައި ހުރި މީހަކާ ބަލާފައި ރިކަވަރީ ވަރަށް ރަނގަޅޭ. އެކަހަލަ ބަސްތައް ލިބުނީމަ އަސްލު އޮއްތޮ އެހާ ޕުޝްކުރަނީ ރަނގަޅުވާން،" ނައުފާ ބުންޏެވެ.
ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން އޮއްތޮގެ ސައިކަލުގައި ޖެހި މެއި 29، 2018 ގައި ހިނގި އެކްސިޑެންޓާ ގުޅިގެން 17 ދުވަހު ކޯމާގައި އޮތެވެ. ސިކުނޑިއަށް ލިބިފައި ހުރި ބޮޑެތި ޒަހަމްތަކުން އޮއްތޮގެ ފުރާނަ ސަލާމަތްކޮށްދިނީ ޓްރީޓޮޕް ހޮސްޕިޓަލުން ކުރި ބޮޑު އޮޕަރޭޝަނުންނެވެ. ލިބިފައި ހުރި އަނިޔާތަކާ ގުޅިގެން ޑޮކްޓަރުންނަކަށް ވެސް އޭނާ ރަނގަޅު ވާނެ ކަމާ މެދު އޭރަކު މާ ބޮޑު އުއްމީދެއް ނެތެވެ.
Oththo's 2years Recovery
— Fathimath naufa (@n0wfar) May 29, 2020
Oththo’s journey during the past two years is living proof that not giving up and trying your best is the way to go.
A big thank you to everyone who has helped us through Oththo’s recovery. A special heartfelt thanks to both our families. pic.twitter.com/V4TAcvp63q
ޕިޒިއޮތެރަޕީ އާއި ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސައިކޮލޮޖީ ތެރަޕީއާއެކު އޮއްތޮ ދައްކާ ވާހަކަ ރަނގަޅަށް އެނގެ އެވެ. ދެ އަހަރުގެ ދަރިފުޅާ އެކު ލަވަ ވެސް ކިޔައި ދެބަފައިން ވަގުތު ހޭދަކުރެ އެވެ.
"މިކާއަށް ނަގައިގަނެވޭ އެހެން ކުދިންގެ ބައްޕަ އުރާގޮތަކަށް މިކާގެ ބައްޕައަކަށް ނޫރޭކަން. އެކަމަކު ދެ މީހުންގެ ގުޅުން ވަރަށް ރަނގަޅު،" ނައުފާ ބުންޏެވެ.
ފަރުވާގެ ކަންކަމާ ގުޅޭގޮތުން ތައްޔާރުކުރި ދެ މިނިޓުގެ ވީޑިއޯގައި ފާމަސީއަކަށް ދަނިކޮށް ހިނގި އެކްސިޑެންޓުގެ ފުޓޭޖާއެކު ވީޑިއޯ ފަށައި ދެން ގެނެސްދީފައި ހުރީ މި ހިސާބަށް އައުމަށް އޮއްތޮ ކުރި މަސައްކަތެވެ.
ހިތްވަރާ އެކު ގޮނޑިން ތެދުވެ އޮއްތޮ، 34، ބުނެލަ އެވެ.
"އިރާދަކުރެއްވިއްޔާ އަދި އެކަނި މަ ހިނގާނަން،"
މި ދުވަސްވަރު ކޮވިޑް-19 އާ ގުޅިގެން ޕިޒިއޮތެރަޕީ ހަދަން ވަކި ތަނަކަށް ނުގެންދެ އެވެ. ނަމަވެސް ނައުފާ އާއި އިތުރު މީހަކު ވެގެން ގޭގައި ސިޑިން އަރައި ބައިސްކަލް ދުއްވަ އެވެ. ކުރިން ވިސްނާފައި އޮތީ އިތުރު ފަރުވާ އަށް ތައިލެންޑަށް ދާށެވެ. އެކަމަކު މި ބަލިމަޑުކަމާ ގުޅިގެން އެކަން މަޑުޖައްސައިލީ އެވެ.
"މިހާލަތު ރަނގަޅުވިހާ އަވަހަކަށް ދާނަން. އޮއްތޮއަކީ ވަރަށް ދަތުރުކުރާ ހިތްވާ މީހެއް. އެހެން އަބަދު އިނުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާނެ. ތައިލެންޑަށް ގޮސް ޑޮކްޓަރަށް ދައްކައި ފަރުވާގެ ކަންކަން ބަލާލަން. މިކޮޅުން ވެސް ފިޒިއޮތެރަޕީ ވަރަށް ރަނގަޅު،" ނައުފާ ބުންޏެވެ.
ކައިވެންޏަށް ފަސް އަހަރުވި ނަމަވެސް 2004 ވަނަ އަހަރުން ފެށިގެން ދެ މީހުން ދަނެ އެވެ. ނައުފާ ބުނާ ގޮތުން އޮއްތޮއަކީ ކަމެއް ހާސިލްކުރަން ބޭނުންވެއްޖެ ނަމަ ހިތްވަރު އެލުވާލާނެ މީހެއް ނޫނެވެ. ރަނގަޅުވުމަށް މި ދެ އަހަރު ކުރި މަސައްކަތަކީ އޭގެ އެއް ހެއްކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން
30 May 2020
މި ޒުވާނާއަށް އަވަސް ޝިފާއެއް މިންވަރުކުރަށްވާށި. އަނބިމީހާގެ ކެއްތެރިކަމުގެ މޭވާ އަދި ލިބޭނެ އިރާދަކުރެއްވިއްޔާ.
މިލޭ
30 May 2020
އިންޝާﷲ.. އަދި ރަނގަޅު ވާނެ. ހިތްވަރު ދޫނުކުރާތި
ސކޕއ
30 May 2020
އިންޝާ ﷲ
ސުނާމީ ވޮލެންޓިއަރެއް
30 May 2020
އިރާދަކުރެއްވިއްޔާ އޮއްތޮ އަށް އަވަސް ޝިފާއެއް ދެއްވާނދޭވެ. ނައުފާ ފަދަ ހިތްވަރުގަދަ, ވަފާތެރި ހަޔާތުގެ ބައިވެރިއަކު ލިބުމަކީ އޮއްތޮގެ ނަސީބު. ~އތޫ~
ަެއެންމެންގެ ހައްގު
30 May 2020
މި ކަހަލަ ފުރުސަތުތައް ނޫނީ ހައްގު ތަައް ގެއްލިފާތިބޭ ގިނަބައެއްގެ ވާހަކަތައް ގެނެސް ދޭނަމަ ވަރަށް ރަންގަޅުވާނެ. ☆
މުލޭ
30 May 2020
ނުލާހިކު ރީތި ނަމެއް ކިޔާ މިޒުވާނާއަށް ތިޔަ މުޚާތަބު ކުރެވެނީ ކޮންކަހަލަ ނަމަކުން.
ޖަޒީރާ މޭން
31 May 2020
އެމީހަކު ހިތްހަމަޖެހޭ ނަމަކުން މުހާތަބު ކުރީމާ ހުންނާނީ ރަނގަޅަށް.
މުޙައްމަދު އިޙުސާން އިބްރާހީމް
30 May 2020
މި ޒުވާނާގެ ވާހަކަ މިހެން ކިޔާލެވޭ ކޮންމެފަހަރަކު ލޮލުން ކަރުނަހިލިގެންދޭ، ހަމަ އެހެންމެ މި ޒުވާނާއަށް ފުރިހަމަ ސިއްޙަތެއް ދެއްވުމަށާއި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ﷲގެ ހަޟުރަތުގައި ދުޢާކުރެވޭ، ޔާﷲ މި ޒުވާނާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާދޭވެ. އަދި އެނާގެ ތުއްތު ދަރިފުޅާއި އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުމުގެ ހެޔޮތަޢުފީގު ދެއްވާށި. އާމީން.
މޫސާ މިނިކް
30 May 2020
އިންޝާﷲ ތިކަންވާ އާމިން
އަހުމަދުއަލޯ
30 May 2020
ޔާ ﷲ. ފުރިހަމަ ޝިފާއެއް މިންވަރުކުރައްވާށި. އާމީން.
ދޮން މަނިކު
30 May 2020
އިންސާފު ހޯދަން މަސަައްކަތްކަތް ކުރާނެ ކަ މައް އުއް މީދުކުރަން..... ރަގަޅު ސިއްހަތެއް ދެއްވުމައް އެދި ﷲ ގެ ހަޒުރަތުގައްި ދުއާ ދަންނަވަމެވެ.