ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ވާހަކަ ދައްކަވަނީ. އިމްރާން ވިދާޅުވީ ޓޫރިސްޓުންނަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅުކަމަށް.
02 ޖޫން 2020 - 14:29
ހުޅުމާލޭގައި ޓޫރިސްޓުންނަށް ވަޅިން ދިން ހަމަލާގެ ތަހުގީގު ފުލުހުން ކޮށްފައި ވަނީ ރަނގަޅަށް ކަމަށާއި އެ މައްސަލަ ނިމެންވާނީ ކޯޓުގައި ކަމަށް ގަބޫލުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ ފެބްރުއަރީ މަހު ހުޅުމާލޭގައި ޓޫރިސްޓުންނަށް ވަޅިން ހަމަލާދިންކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހުން ދޫކޮށްލީ އެ މީހުންނާ ދެކޮޅަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ތަހުގީގު އަލުން ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވައިލުމުން، ކޯޓުން އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ނުކޮށްދީގެންނެވެ. އެ މައްސަލައިގައި ހައްޔަރުކުރި އަށް މީހުން ވެސް ވަނީ އެގޮތުން ދޫވެފަ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އިމްރާން ރޭ ވިދާޅުވީ ހުޅުމާލޭގައި ޓޫރިސްޓުންނަށް ވަޅިން ދިން ހަމަލާގެ ތަހުގީގުގައި އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސްގެ މާހިރަކު ވެސް ބައިވެރިވި ކަަމަށާއި އެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގުކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.
"އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސްގެ [ފަރާތުން] އެކަމުގައި ބައިވެރިވެރިވެވަޑައިގެންނެވި ބޭފުޅާ ހަމަ ވިދާޅުވި ތިމަންނަ ވަަރަށް ހިތްޖަމަ ޖެހޭ، ކޮންފިޑެންސް އެބަ އޮތޭ މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމާ މެދު. އެހެން ނަަމަވެސް އަޅުގަނޑު ހަމަ ގަބޫލުކުރަން އިނގޭތޯ ދައުވާ ކުރުމުގެ ޒިންމާ އޮތީ މިނިވަން ޕްރޮސެކިއުޓާ ޖެނެރަލެއްގެ ޒިންމާގެ ތެރޭގައި. އެބޭފުޅާ ނިންމަވާނީ އެ ބޭފުޅާގެ ޕްރޮފެޝަނަލް އޮޕީނިއަން. އެހެންވީމާ އެ ނިންމެވުމަށް އަޅުގަނޑު އިހުތިރާމްކުރަން. އެހެން ނަމަވެސް އަޅުގަނޑު، ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން، އެ މައްސަލަ ތަހުގީގުކޮށް ގެންދެވިފައި އޮތް ހިސާބަށް ބަލާއިރު އަޅުގަނޑު ގަބޫލުކުރަނީ، އެންމެ ކުޑަމިނުން އެ މައްސަލަ ނިމެން ވާނީ ކޯޓުގެ ތަޅުމުގެ ތެރޭގައި [ކަމަށް]،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން އެ މައްސަލައިގެ ތަހުގީގު ފެށީ އެއްވެސް ހެއްކެއް ލިބެން ނެތި ހަމައެކަނި އިންޓެލިޖެންސް މައުލޫމާތުތަކުގެ އަލީގައި ކަމަށާއި އެހެން ނަަމަވެސް ހަމަލާދޭން ބޭނުންކުރި ހަތިޔާރާއި ދަތުރުކުރި ވެހިކަލް ވެސް ފަހުން ހޯދި ކަަމަށެވެ. އެގޮތުން ހޯދި އެއްވެސް އެއްޗެއްގައި ތުހުމަތުވާ މީހުންގެ ޑީއެންއޭ ހުރިތޯ ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ހަތިޔާރު ހޯދުނީ ކަނޑަށް އެއްލާފައި ހުންނަތާ އެތައް ދުވަހެއް ފަހުން ކަމަށެވެ. އެކަމަކު އެ ހަތިޔާރާ ހިސާބަށް ފުލުހުން ވާސިލުވި ވާސިލުވުން އެއީ ވަރަށް ހުށިޔާރު މަސައްކަތްތަކެއް ކަމަށެވެ. ހަތިޔާރާއި ސައިކަލާއި އެޅި ހެލްމެޓް އަދި ހެދުން ވެސް ހޯދުުނީ ފުލުހުން ކުރި ހުށިޔާރު މަސައްކަތުގެ ސަބަބުން ކަމަށް ވިދާޅުވި ނަމަވެސް ޑީއެންއޭ ހުރިތޯ ކުރި ސުވާލަށް ސާފު ޖަވާބެއް އިމްރާން ނުދެއްވަ އެވެ.
"އެއްްވެސް އެވިޑެންސެއްް ނެތް ތަހުގީގެއް އެއީ. އެހެން ނަމަވެސް އިންޓެލިޖެންސްގެ އެހީއާ އެކުގައި އެ ހުރިހާ ހަގީގަތަކާ ހަމައަށް ވާސިލުވުން އެއީ އަޅުގަނޑުހިތުން، އަޅުގަނޑު ހަމަ ޔަގީނުން ވެސް އުފާ ކުރާ ކަމެއް،" އިމްރާން ވިދާޅުވި އެވެ.
ހުޅުމާލޭގައި ޓޫރިސްޓުންނަަށް ހަމަލާ ދިން ކަމުގެ ތުހުމަތަށް ހައްޔަރުކުރި އަށް މީހުންގެ ފައިގައި މިހާރު ވަނީ ޓެގް އަޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
03 June 2020
މިހާހިސާބަށް ފުލުހުން އެންމެ މޮޅަށް ކުރާ ކަމަކީ ޓްރެފިކް ގަވާއިދާއި ޚިލާފުވުމުން ސްޓިކަރ ޖެހުމާއި ކޮވިޑު ލޮކްޑައުންނާއި ޚިލާފުވުމުން ޖޫރިމަނާ ކުރުން. ކުށަކަށްވާ ވަރުގެ ކުށެއްވިއްޔާ އަބަދުވެސް ދައްކާނެ ވާހަައަކީ ކޯޓުގެ ސަބަބުން ބަންދުނުކުރެވިގެން ނުވަތަ ބަންދުން ދޫވެގެން ނުވަތަ ކުށްވެރިޔާ ހޯދާނުފެނިގެން ނުވަތަ ޕީޖީއިން ދައުވާކޮށްނުދީގެން ނުވަތަ ކޯޓުން ދޫކޮށްލުމުގެ ވާހަކަ. އަޅެ އެއްފަހަރުވެސް ހިތަށްއެރިތޯ ތިމަންނާމެންގެ މައްސަލައެއް އުޅެޔޭ!
އަލީބެ
02 June 2020
ހެދުމާ ބޫޓާސޫޓާ ފެނުނީމަ އެކޮޅުކޮޅުން ބާއްވައިގެންވިޔަސް ތަހުގީގު ފުރިހަމަ ކުރެވެންޖެހޭނެ. އިމްރާންގެ ބޭނުމަކީ މިފަދަ ކުށްވެރިންގެ ތާއީދުހޯދުން. މީނާ މަގާމަކަށް ކުފޫހަަމަނުވޭ. ބާރުލާފަ އެވެނިފުރުސަތެއް މިވެނި ފުރުސަތެއް ނުދޭނަމޭ ބުނުންފިޔަވާ މީނަޔަށްވީ އެއްކަމެއްނެތް. ފުލުހުންގެ ދެލޯންޗު އެއޮތީ ރޯކޮށްލާފަ. އެބަޔަކު ނުހޯދޭ. ދެންކޮންކަމެއްވާނީ. ފެންކުންފުނި ވަށައިގެން ސިފައިން ތިއްބަކަސް ރައްޔިތުންނަކަށް އަމާންކަމެއްނެތް.
އުއްމީދުކާރިބެ
02 June 2020
މަގާމަށް ކުފޫ ހަމައެއް ނުވާނެތާ މަގުމަތީގައި ހަޅޭއްލަވަން އޮއްވާ ދަމާ ކޫތާފަ ނެގެސް ކެބިނެޓަށް ލީމާ
އެންދެރި
02 June 2020
އެމް ޑީ އެން ގެ މައްސަލަ އުޅޭ ހިސާބު ބުނެދީ ބަލާށެވެ.
ހުސިޔާރު
02 June 2020
ދުވަހަކުވެސް ހެއްކެއް ނުހުންނާނެ ރާއްޖޭގައި ބޮޑު މައްސަލައެއްގައި ވެއްޖިއްޔާ! ކިލޯކިލޯއިން މަސްތުވާތަކެތި ގެންގުޅެނިކޮށް ހައްޔަރުކުރެވޭ މީހާވެސް ހެކި ނެތޭ ކިޔާފަ ދޫކޮށްލާ ގައުމެއްނު މީ ދޯ.
ްައަހަރެން
02 June 2020
ޢިމރޯނު ދެން ގޮޅިއައް ވައްދާނީ ކާކުތޯ
އަބުރޭ
02 June 2020
މިހެން މޮޅުވާހަކައެއްދަށްކާ އެއްކަމެއް ކުރިއަށް ނުދޭ. ގައުމު ދަނީ ނުބައިދިމާލަކަށް.
މަރީން
02 June 2020
ވަރަށް ރަގަޅު ހޯމްމިނސްޓަރ ވާހަކަދެއްކެވީތީ. މައްސަލަ ނިއްމަންވާނީ ކޯޓްގެތެރެއިން. އަދި އެފަދަ ހަމަލާ ދެވަނަ ފަހަރައް މީހަކައް ނުދެވޭވަރަށް އަހަރެމެންގެ ގާނޫނީ އޮނިގަޑު ޖެހޭމީ ހަރުކަށިވާން.
ހަތާވީސް
02 June 2020
އޭރުން ގޯސްވާނީ މައްސަލަ ބަލާ ޤާޟީ. އޭރުން ކިޔާނީ އެ ޤާޟީއަކު ރިޝްވަތު ނެގީއޭ. ބަލަ އިމްރާން މިހާރު ތި ނުފޫޒު ފޯރުވަނީ ޕީޖީއަށް.
ިއިޔެ1
02 June 2020
ހިނގަމުންދާ ތަހުޤީގެއް ހެކީގެ ފުރިހަމަ ތަފުސީލު މިހާ އާންމުކޮށް ކިޔާދިނުމުން ހޯމް މިނިސްޓަރު މަގާމަށް ކުފޫހަމަނުވާކަން އިނގޭ. ހޯމްމިނިސްޓަރުގެ ޒިންމާ އަކީ ސިޔާސަތު ކަނޑައެޅުން. ދުވަހުން ދުވަހަށް ހިނގަމުންދާ މައްސަލަތަކަށް ބަސްބުނެ ބާރު ފޯރުވުމަކީ ގާނޫނާއި ހިލާފު ކަމެއް.