ސަލާމް ބުނަންޖެހޭ ކޮންމެ ފަހަރަކު ސެޓްފިކެޓް ގެންދަން ޖެހުން ރަނގަޅެއް ނޫން: އުޝާމް

ބަލިވެގެން ވަޒީފާ އަށް ނުނުކުމެވޭތީ ސަލާން ބުނަންޖެހޭ ކޮންމެ ދުވަހަކު މެޑިކަލް ސެޓްފިކެޓް ގެންނަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި ނަމަ އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް އުފެދޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.


ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގެ ބިލުގެ ބަހުސްގައި އުޝާމް ވިދާޅުވީ ސަލާމްބުނާ ކޮންމެ ދުވަހަކު ސެޓްފިކެޓް ގެންނަން ޖެހޭ ގޮތަށް ބަދަލުކޮށްފި ނަމަ ސިއްހީ ނިޒާމަށް ބާރުބޮޑުވެ، އާސަންދަ އަށް ވެސް ބާރުބޮޑުވާނެ ކަމަށެވެ. ބައެއް ބާވަތްތަކުގެ ބަލިތަކަކީ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުދިޔަ ނަމަވެސްް ގޭގައި މަޑުކޮށްލަން ޖެހޭ ފަދަ ބަލިތައް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކު، އޮފީހަށް ނުދާ ކޮންމެ ދުވަހަކު ސަލާމުގެ ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި ނަމަ އޭގެ ނަތީޖާއަކަށް ވެގެން މިދަނީ ކިތަންމެ ކުޑަކުޑަކު ކަމަކާ ގުޅިގެން ވެސް ހޮސްޕިޓަލްތަކަށް ދާން ޖެހުން. އަަޅުގަނޑުމެންގެ މިހާރު ވެސް އޮލްރެޑީ އޯވަލޯޑްވެފައި އޮތް ހެލްތު ކެއާ ސިސްޓަމަށް އިތުރު ބުރަޔަކަށް މިކަން ވެގެންދާނީ،" އުޝާމް ވިދާޅުވި އެވެ.

ވަޒީފާ އަށް ނުނިކުމެވޭ ކޮންމެ ދުވަހަކު ސަލާމުގެ ސެޓްފިކެޓް ގެންދަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުން ރަނގަޅު ނޫން ކަމަށް ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް އަމަލުކުރަން ބަލާއިރު އަތޮޅުތެރޭގައި ޑޮކްޓަރަކު ނުހުންނަ ހާލަތް ވެސް އޮންނަ ކަމަށެވެ.

"ރަށް ފުށުގެ ރަށްރަށުގައި ސިއްހީ ހިދުމަތަކީ ގިނަ ފަހަރު ޑޮކްޓަރަކު ވެސް ނުހުންނަ ރަށްތައް އެބަހުރި. އެހެންވީމާ ސަލާމުގެ ސެޓްފިކެޓް ހުށަހެޅުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން،" ސަނީފް ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރުުމުގެ ބިލުގައި އޮތް ކަންބޮޑުވާ އެހެން މައްސަލައެއް ކަމަށްވާ ޕްރޮބޭޝަން މުއްދަތު ހަމަސް ދުވަހަށް ދެންމުމާ މެދުގައި ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އުޝާމް ވެސް ވިދާޅުވި ގޮތުގައި ޕްރޮބޭޝަން މުއްދަތު (އެއްބަސްވުމެއް ނެތި ވަގުތީ ގޮތުން ވަޒީފާގައި މީހަކު ގެންގުޅެވޭ މުއްދަތު) އިތުރުކުރަން ހުށަހަޅާފައި އޮތް އޮތުމެވެ. ވަޒީފާ އަދާކުރާ މީހުން އެކަމާ ކަންބޮޑުވާ ކަަމަށް އޭނާ ވިދާޅުވި އެވެ. ޕްރޮބޭޝަން މުއްދަތު އެގޮތަށް އިތުރުކުރުމަކީ އޭނާ ވިދާޅުވި ގޮތުގައި ވަޒީފާ އަދާކުރާ މީހުންނަށް ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.

"އިނގޭ އެއްޗަކީ ޕްރޮބޭޝަން މުއްދަތު މިގޮތަށް އިތުރުކޮށްފި ކަމުގައި ވަނީ ނަމަ ވަޒީފާ އަދާކުރާ ބައެއް ފަރާތްތަކަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވެގެންދާނެކަން،" އޭނާ ވިދާޅުވި އެވެ.

ޕްރޮބޭޝަން މުއްދަތު ހަމަވުމުން ވަޒީގައި ނުބައިތިއްބައި މީހުން ދޫކޮށްލުމަކީ އެގޮތުން މިހާރު ވެސް ހިނގާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.