ނޫމަޑިއާ އެއްކޮޅަށް ދޮގުބަޔާނެއް ދިން ކަމަށް ތުހުމަތުކޮށް މުއިއްޒަށް ދައުވާކޮށްފި

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން އުވައިލުމުން ދައުލަތުން ބަދަލުދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.


ޕީޖީ އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މުއިއްޒާ ދެކޮޅަށް ދައުވާކުރީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. ގާނޫނުލްއުގޫބާތުގެ އެ މާއްދާގައިވާ ގޮތުން ހުވައެެއް ކޮށްގެން ހުރެ، ދޮގުކަން އެނގި ހުރެ ދޮގު ބަޔާނެއް ދިނުމަކީ ކުށެކެވެ.

ދެން އެންމެ އަވަހަށް އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާފައިވާ މުއިއްޒުއާ ދެކޮޅަށް ދައުވާ ކުރީ، ޕީޖީ އޮފީހުން މިއަދު ބުނިގޮތުގައި، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސީ އޭޖީ އިން ދިވެހި ސަރުކާރާ ދެކޮޅަށް ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ކުރި ދައުވާގެ ޝަރީއަތަށް ދޮގު ބަޔާނެއް ދެއްވާފައި ވާތީ އެވެ. ނެދަލޭންޑްގެސް ދަ ހޭގްގައި ހުންނަ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ދެއްވި ބަޔާނުގައި، އޭނާ ވިދާޅުވި ކަމަށް ޕީޖީ އޮފީހުން ބުނީ ނޫމަޑިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރަމުން އައި ކަމަށެވެ. އެ ކުންފުންޏަށް ދޫކޮށްފައިވާ ޅ. ދިއްފުށިމައިދޫ ދައުލަތަށް އަނބުރާ ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވާ ކަމަށް ވެސް ޕީޖީން ބުންޏެެވެ.

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ކުރިން ދެއްވި ބަޔާން ދައުލަތަށް ގެއްލުންވާ ގޮތަށް ބަދަލުކުރުމުގެ ސަބަބުންނެވެ. އެހެންވެ އެ ފައިސާ ދޭން ޖެހުމާ ގުޅިގެން، މުއިއްޒުގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ބަލައި ފުލުސް އޮފީހަށް ފޮނުވީ އެވެ.

އެ މައްސަލައިގައި މުއިއްޒު އެންމެ ފަހުން ފުލުހަށް ހާޒިރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މައްސަލައިގައި މުއިއްޒު އެންމެ ފުރަތަމަ އެ އިދާރާ އަށް ހާޒިރުކުރީ ފެބްރުއަރީ މަހު އެވެ.