ހަ ކިލޯގެ ކެނަބިސްއާ އެކު ޑްރަގް ނެޓްވޯކެއް އަތުލައިގެންފި

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު 6.8 ކިލޯގެ ކެނަބިސްއާއެކު ރޭ ހުޅުމާލެއިން ހައްޔަރު ކޮށްފި އެވެ.


ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގެ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އެ މައްސަލާގައި ތިން ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި 6.8 ކިލޯގެ ކެނަބިސް ހޯދާފައި ވަނީ ހަ ތަނެއް ބަލައިފާސް ކޮށްގެންނެވެ. ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އެކެއްގެ ގެ ބަލައި ފާސް ކުރިއިރު އެއްވެސް މަސްތުވާއެއްޗެއް ފެނިފައި ނުވާތީ އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓް---

ދެން ހައްޔަރު ކުރި ދެ މީހުން މަސައްކަތްކުރާ ތަނުން މަސްތުވާތަކެތި ފެނިފައިވާއިރު އެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަކީ ވެސް ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ ބައެކެވެ. އެ މީހުންނާ ގުޅުން ހުރި ބައެއް މީހުން އެފަދަ މައްސަލަ ތަކުގައި މިހާރު ވެސް ބަންދުގައި އެބަ ތިއްބެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިހާރު އަންނަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގިނަ ބަޔަކު ހައްޔަރު ކުރެ އެވެ.