ދުވާފަރު ޕްރައިމަރީ ސްކޫލު ޓެލިކިލާސް އިން ދަރިވަރުންނަށް ފިލާވަޅުތަކެއް ނަގައިދެނީ .-- ފޮޓޯ: ދުވާފަރު ޕްރައިމަރީ ސްކޫލު
16 ޖޫން 2020 - 10:33
ދުވާފަރުގެ ޕްރައިމަރީ ސްކޫލްގެ ކުދިންނަށް ކިޔަވައިދިނުމަށް އެ ސްކޫލްގެ އަމިއްލަ ޗެނަލެއް އުފައްދައިފި އެވެ.
ދުވާފަރު ސްކޫލުގެ ފޭސްބުކް ޕޭޖުގައި ރޭ ބުނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ސްކޫލުގެ އަމިއްލަ ޗެނަލެއް އުފައްދައި، ޓީވީ މެދުވެރިކޮށް ގެނެސްދޭން ފަށާފައިވާ ކަމަށެވެ. އެހެންވެ، އިއްޔެ އަކީ އެ ސްކޫލުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްލެވުނު ދުވަހެއް ކަމަށް ބުންޏެވެ.
ދުވާފަރު ޕްރައިމަރީ ސްކޫލު ޓެލިކިލާސް އިން، ޓީޗަރަކު ގްރޭޑު 1 އަދި 2 އަށް ކިޔަވައިދެނީ.-- ފޮޓޯ: ދުވާފަރު ޕްރައިމަރީ ސްކޫލު
"ދުވާފަރު ޕްރައިމަރީ ސްކޫލު ޓެލިކިލާސް" ގެ ނަމުގައި ހިންގާ ޗެނަލުން ނަގައިދޭނީ ރަސްމީ ފިލާވަޅުތަކެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ޓެލިކިލާހުގައި ވެސް ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. އެ މުއްދަތުގައި އެކި ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދީފައި ވެ އެވެ. އޭގެ ތެރެއިން އެކައްޗަކީ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ޓެލިކިލާހެވެ.
އެކި ޗެނަލްތައް މެދުވެރިކޮށް، ޓެލިކިލާހުން އަންނަނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު ހަތަކާ ހަމައަށް ފިލާވަޅުތައް ނަގައިދެމުންނެވެ.
ދުވާފަރު ޕްރައިމަރީ ސްކޫލުގައި ފައުންޑޭޝަނުން ފަށައިގެން ގްރޭޑް ހަޔަކާ ހަމައަށް ގާތްގަނޑަކަށް 600 އެއްހާ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އެ ސްކޫލު ހުޅުވީ، ޑިސެމްބަރު 26، 2004 ގެ ސުނާމީ ކާރިސާގައި އެއްކޮށް ހަލާކުވި ރ. ކަނދޮޅުދޫން ދުވާފަރަށް މީހުން ބަދަލުކުރި ހިސާބުން 2009 ވަނަ އަހަރުން ފެށިގެންނެވެ.
ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ފަހު އަންނަ މަހުގެ އެކެއްގައި ސްކޫލުތައް ހުޅުވައިލަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. ނަމަވެސް ކިޔަވައިދިނުން ކުރިއަށް ގެންދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ކެޓަގަރީގައި، ކޮވިޑް-19 ގެ ބަލި އޮތް ރަށްތަކުގައި ހުރި ހުރިހާ ސްކޫލެއް ބަންދުވާނެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގައި ހަމައެކަނި ކީ ސްޓޭޖް ހަތަރެއް އަދި ފަހެއް (ގްރޭޑު 9-12) ގެ ގްރޭޑުތަކަށް ކިޔަވައިދޭއިރު، އެ ބަލީގެ އެއްވެސް ބިރުވެރިކަމެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ކިޔަވައިދޭނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވާ އެ އުސޫލުގެ ދަށުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސްކޫލެއްގައި ގްރޭޑު 1-12 އަށް ކިޔަވައިދޭނެ އެވެ. މާލޭގައި ފުރަތަމަ ކިޔަވައިދޭނީ ގްރޭޑު ނުވައަކުން ފެށިގެން މައްޗަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާލައާދަނު
16 June 2020
މި ކަން ކުރިޔަށް ދަނީ ކޮން ގޮތަކަށް ކަމެއް އަޅުގަނޑު ނުދެނެ ހުރީމެވެ. ރާއްޖޭގައި ބްރޯޑްކާސް ކުރެވެނީ އެކަމަށް ހުއްދައެއް ހޯދައިގެން ކަމަށް ވީ ހިނދު، އެ ފަދަ ހުއްދައެއް ނެތި ބްރޯޑްކާސްޓް ކުރާ ނަމަ އެ ވާނީ ކުށަކަށެވެ. ހުއްދަ އާއި އެކު ކުރާ ނަމަ އަޅުގަނޑު ވެސް ސާބަސް ދެމެވެ.
ރާއްޖެ
16 June 2020
އައިޝަތު އަލީ އަށް މި ވަރު ވެސް ނުވި. (ގާނޫނީ ކުށަކަސް)
ނިރު
16 June 2020
މިހާލަތުގަ ލައިސަންސްސެއް ބޭނުންމެއް ނުވާނެ ސްކޫލް ކުދިންނަށް ތިޗެންއިން ކިޔަވާދިނަސް ... މިކަހަލަ ކަންތަށް ނުކުރެވޭ ރަށްރަށު މީހުން ވަރަށް ހަސަދަވެރިވާނެ
އަފުން
16 June 2020
ހެޔޮ ނިޔަތެއްގައިނަމަވެސް ތި ކުރެއްވީ ޤާނޫނީ ކުށެއް. ލައިސަންސް ނެތި ބްރޯޑްކާސްޓް އަދި ރީ ބްރޯޑްކާސްޓް ކުރުމަކީ ރާއްޖޭގެ ޤާނޫނު ހުއްދަކުރާ ކަމެއް ނޫން. ސްކޫލްތަކުގެ ވެރިންވެސް ޤާނޫނުތަކަށް ބޯލަބަން ދަސްކުރަންވާނެ. ތިކަން ކުރައްވަން ބޭނުންފުޅުނަމަ އުސޫލުތަކުގެ ތެރެއިން އަވަހަށް ލައިސަންސް ހޯއްދަވާ.
ވޮޗްޑޯގް
16 June 2020
ބްރޯޑްކާސްޓިން ގާނޫނު؟ ރަށުގެ ކޭބަލް ޓީވީ ނެޓްވޯކް ބޭނުންކޮށްގެން މިކަން ކުރެވިދާނެ. އެކަމުން އަދި ބްރޯޑްކާސްޓިން ގާނޫނު އޮތްގޮތުން މިކަން ކުރެވޭނެ ހެން ހީނުވޭ.. ރަށު ލެވެލްގައި މިގޮތަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ސަރުކާރުގެ އިދާރާތަކަށް ދޭންފެނޭ. ސިޔާސީ އަދި ދީނީ ވަކި ފިކުރެއް ފަތުރަން ފުރުސަތު ނުދޭ ގޮތަށް.
ނިޒާމް
16 June 2020
ލައިސަންސް ނެތި ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓު ނުކުރެވޭނެ އެއްވެސް ސިފައެއްގައި.. ކިތަންމެ ހެޔޮނިޔަތެއްގަ ހެޔޮކަމެއްގެ ގޮތުގަ ވިޔަސް… އެއީ ޤާނޫނީ ކުށެއް.. ލައިސަންސް ނަގައިގެން ތިކަން ކުރައްވާ. ގާނޫނީ ކުށަކައް އަރަިގަތުމައް ހިއްވަރު ނުދެއްވާ.
ވޯލްވަން
16 June 2020
މިއީ އަސްލު ލާމަރުކަޒީއަކީ.
މޮހިތު
16 June 2020
މިފެންނަނީ ކަންތައް ކުރެވޭ މީހުން! ކޮބާ ކޮފީގަ އަބަދު ފޮނިކަނޑަންތިބޭ ގުރޫޕް؟
ރަދީފްއޮފިޝިއަލް
16 June 2020
ސާބަހޭ ދުވާފަރު ޕްރައިމަރީ ސްކޫލް.