ސީއެންއެމްގެ ޓީމު ވީއެފްޕީގެ ނަމުގައި އެނބުރި އަތުވެއްޖެ

ސިޔާސީ ޕްރެޝަރާ ހެދި މީގެ ތިން މަސްދުވަސް ކުރިން ހުއްޓާލި އޮންލައިން ނޫސް ސީއެންއެމްގެ ޓީމު، ވޮއިސް އޮފް ފްރީ ޕްރެސް (ވީއެފްޕީ)ގެ ނަމުގައި މިރޭ އާ އޮންލައިން ނޫހެއް ނެރެން ފަށައިފި އެވެ.


ސަލްސާ ރޯޔަލްގައި ބޭއްވި ހަފުލާއެއްގައި ވީއެފްޕީގެ ވެބްސައިޓް ލޯންޗްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު) އެވެ. އެ ހަފުލާގައި ރާއްޖޭގެ މީޑިއާތަކުގެ ބައެއް އިސް ބޭފުޅުންނާއި އެކި ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ޒާހިރު ވިދާޅުވީ ރައްޔިތުންގެ ނުތަނަވަސްކަމާއި އުނދަގޫތަކާ މެދު އަޑު އުފުލައި ގައުމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތައް ނުކުޅެދިފައި ވާއިރު، ދެން އޮތް އުއްމީދަކީ ނޫސްވެރިން ކަމަށެވެ. އެއް ފަހަރު ޓަކި ޖަހައިގެން ނުވެއްޖެ ނަމަ ތަކުރާރުކޮށް ޓަކި ޖަހައިގެން ނަމަވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނީ މީޑިއާތަކަށް ކަމަށް ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވީއެފްޕީ ލޯންޗްކުރުމުގެ ހަފުލާގެ ބައެއް ބައިވެރިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ރައްޔިތުންގެ އުދާސްތަކެއް، ދަތިތަކެއް އެބަހުރި އާއްމުންނާ ހަމަ އަށް ނުގެނެސްދެވޭ. އެ ކަންތައް އެބަޖެހޭ ނޫސްވެރިން ގެންނަން. އެއީ، އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުންގެ އަޑު އުފުއްލަވާ ބަޔަކަށް މިހާރު މި ތިބީ ނޫސްވެރިން،" ޒާހިރު ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި ރާއްޖޭގެ ޝަރުއީ ދާއިރާ އޮތް ހާލަތާއި ނޫސްވެރިކަމަށް ކުރިމަތިކުރަމުން ދާ ހުރަސްތަކާއި ފަރުދީ މިނިވަންކަމަށް އަދި ޑިމޮކްރަސީ އަށް ހުރި ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ވީއެފްޕީގެ މަސްއޫލުވެރިޔާ އިސްމާއިލް ރަޝީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިން ސީއެންއެމް ހިންގި ޓީމުން ފެށި ވީއެފްޕީގެ މަސްއޫލުވެރިޔާ އިސްމާއިލް ރަޝީދު ވިދާޅުވީ އެކި ގޮތް ގޮތުން ހުރަސްއަޅައި ސީއެންއެމް ހުއްޓުވާލި ގޮތަށް މިރެ އިން މިރެ އަށް ވެސް ވީއެފްޕީ ނުހުއްޓުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އެކަމަކު ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތި ކުރުވިޔަސް، ވީއެފްޕީގެ ޓީމު އޮތީ ދޫ ދޭން ތައްޔާރަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީއެންއެމް ހުއްޓާލަން ޖެހުނީ ސިޔާސީ ބޭނުމަށް ދީލައި ނުލައިގެން. މިއަދު އަޅުގަނޑު ޔަގީންކަން މި ދެނީ މިި ނޫސް ވެސް އިރާދަކުރެއްވިއްޔާ އެފަދަ އެއްވެސް ނުފޫޒެއްގައި ނުޖެހި ދުއްވަމުން ގެންދާނަން،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.