ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން އިތުރަށް ހޯދަން ޖެހޭ ރައުޔެއް ނެތް: ޔައުގޫބް

ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓްގައި ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމަށް ޓަކައި އިތުރަށް ހޯދަން ޖެހޭ ރައުޔެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާްންދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ޔައުގޫބް "މިހާރު" އަށް ވިދާޅުވީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގެ ކަންތަކުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ފިނޭންސް މިނިސްޓްރީން ގޮތެއް ނިންމާފައިވާ ކަަމަށާއި އެ މައްސަލަގައި އިތުރަށް ހޯދަން ޖެހޭ ރައުޔެއް އޮތް ކަަމަށް ދެކެވަޑައިނުގަންނަވާ ކަަމަށެވެ. އެންޓި ކޮރަޕްޝަނުން އޭރު ބެލީ އެމްއޭސީއެލް އިން އޭރު އަމަލުކުރަން އުޅުނު ގޮތް ކަމަށާއި އެހެންވީމާ އޭސީސީގެ ރައުޔެއް މިހާރު ބޭނުން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސީޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޭން ހުޅުވާނުލައި ލަސްކުރަން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. މާލިއްޔަތު ކޮމިޓީން ވަނީ އެކަމުގައި ގޮތެއް ނިންމައިފައި. އޭސީސީން ބަލަމުން އަންނަނީ ޓާމިނަލް ފުރަތަމަ ކުއްޔަށް ދޭން އުޅުނު ގޮތުގައި ކޮރަޕްޝަނެއް އޮތްތޯ. އެއީ މުޅިންް ވަކި މައްސަލައެއް،" ޔައުގޫބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތަށް ލިބޭ އަމްދަނީ މަދުވެފައިވާ މި ވަގުތު ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމަކީ އަވަސްކުރަން ޖެހޭ ކަމެކެވެ.

ދައުލަތަށް ގެއްލުންވާ ގޮތަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން އުޅޭ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަަލަ ކުރިން ބެލި އެވެ. އޭރު އެ ކޮމިޓީން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި ހާއްސަ އޮޑިޓަކުން އެނގުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ޓީއެމްއޭއާ ދެމެދު މަޝްވަރާކޮށޮށްފައިވާ ގޮތަށް ކުއްޔަށް ދިން ނަމަ ދައުލަތަށް އަހަރަލު ލިބެން އޮތް 41 މިލިޔަން ޑޮލަރު ގެއްލޭނެ ކަމެވެ. އެ ހިސާބުން ސަރުކާރުން ވަނީ ޓާމިނަލް ކުއްޔަށް ދޫކުރުުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދު އެމްއޭސީއެލް އަށް ދީފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ ހުށަހެޅުމަކީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޫކުރުމެވެ. އެ ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީ ޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަަ އަށް ހިންގަން ވާން ޖެހޭ ތައްޔާރީތައް ނިމި ޓާމިނަލްއާ ހަވާލުވާން ވެސް އެ ނިންމުމުގައިވެ އެވެ.

އެކަމަކު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ ޓާމިނަލް ކުއްޔަށް ދިނުމާ މެދު އެންޓިކޮރަޕްޝަން ކޮމިޝަންގެ ލަފަޔަށް އެދިފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން އޭސީސީގެ ރެސްޕޮންސަކަށް މަޑުކޮށްގެން މި ވަގުތު މި ތިބީ. އެ ބޭފުޅުން އާނއެކޭ ހަމަ ވިދާޅުވާ އިރަށް ކޮންޓްރެކްޓްތައް އަޅުގަނޑުމެން ހަވާލު ކުރާނަން،" ސޯލިހު ވިދާޅުވި އެވެ.

އެމްއޭސީއެލް އާއި ޓީއެމްއޭގެ އެ މަޝްވަރާގެ ކަންތައް ފެންމަތިވީ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓަކަށް ފަހު އެވެ. އޭރު ނެރުނު އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޓީއެމްއޭ އިން އެދޭ ގޮތަށް ޓާމިނަލް ކުއްޔަށް ދީފި ނަމަ ދައުލަތަށް އަހަރަކު 41 މިލިޔަން ޑޮލަރު ގެއްލޭނެ އެވެ.

ސީ ޕްލޭން ޓާމިނަލްގެ މައްސަލައިގައި ފިނޭންސް މިނިސްޓަރު އަމީރު އެންމެ ފަހުން ވިދާޅުވެފައި ވަނީ އެކަމުގައި ސަރުކާރުގެ ނިންމުން ތަންފީޒު ކުރައްވާނެ ކަމަށެވެ. އެއީ މިދިޔަ ފެބްރުއަރީ މަހެވެ.

އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.