އިއްޒުއްދީން ސްކޫލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފައިލް ފޮޓޯ؛ ހުސެން ވަހީދު /މިހާރު
23 ޖޫން 2020 - 16:16
އަންނަ މަހު 1ގައި ސްކޫލް ހުޅުވަން ތައްޔާރުވާން ބޭނުންވާ ފައިސާ ހަމަޖެހި ތައްޔާރީތައް ބާރަށް ކުރިއަށް އެބަ ދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ މާލެ އާއި ރަށްރަށުގެ ސްކޫލުތަކުގައި ވެސް ކޮވިޑް-19ގެ ހާލަތަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގައި ފައިސާގެ ދައްޗެއް ނެތް ކަމަށާއި ސްކޫލްތައް ހުޅުވެންވާ އިރަށް ހުރިހާ ކަމެއް ނިމޭނެ ކަމަށެވެ.
ސްކޫލްތައް ހުޅުވަންވާ އިރަށް ބޭނުންވާ 8.4 މިލިއަން ރުފިޔާ އަދި މުޅިން ހަމަނުވާ ކަމަށް ޔުނިސެފާ ހަވާލާދީ "މިހާރު"ގައި ޖެހި ފަހުން އާތިޔާ ވިދާޅުވީ އެއީ އޮޅުމެއް ކަމަށާއި ހަމަނުވަނީ ތިން ބަޔަކަށް ބަހާލައިގެން ތިން އަހަރު ދުވަހުގެ ތެރޭގައި ކުރިއަށް ގެންދާ އިމަޖެންސީ ރެސްޕޮންސް ޕްލޭނަށް ބޭނުންވާ މުޅި ބަޖެޓު ކަމަށެވެ. އެއީ 20.9 މިލިއަން ޑޮލަރު (322 މިލިއަން ރުފިޔާ) އެވެ.
މިނިސްޓްރީން ބުނިގޮތުގައި ސެނިޓައިޒާ އާއި ޑިސްއިންފެކްޓްކުރަން ބޭނުންވާ ސާމާނާއި އަތްދޮންނަ ސައިބޯނި ހޯދައި ގިނަ ސްކޫލްތަކަށް ވަނީ ފޮނުވައިފަ އެވެ. އަދި އަތް ދޮންނަން ސިންކު ބަހައްޓައި ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް އެބަ ދާ ކަމަށާއި ސްކޫލް ހުޅުވެންވާ އިރަށް އެކަން ވެސް ނިމޭނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ސެނިޓައިޒާ އާއި ޑިސްއިންފެކްޓްކުރާނެ ގޮތުގެ ތަމްރީން މުވައްޒަފުންނަށް ދިނުމާއި 11،000 ޓީޗަރުންނަށް ބޭސިކް ސައިކޯސޯޝަލް ސަޕޯޓާއި ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިން ދިނުން ވެސް އާ ހާލަތުގައި ސްކޫލް ހުޅުވަންވާ އިރަށް ވަނީ ފަށައިފަ އެވެ.
މިނިސްޓްރީން ބުނީ ސްކޫލް ހުޅުވުމުގެ ތައްޔާރީތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސީ ސަރުކާރުގެ ބަޖެޓުންނާއި ޔުނިސެފާއި ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާ އެކު ކަމަށެވެ.
އިމަޖެންސީ ރެސްޕޮންސް ޕްލޭންގައި ހިމެނެނީ ސްކޫލް ހުޅުވުމުގެ ތައްޔާރީތަކާއި ހުޅުވޭ މަރުހަލާ އާއި އޭގެ ފަހުން ކުރަން ޖެހޭ ކަންކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިލޭރު1
23 June 2020
އަތްދޮންނަ ސިންކު ބަހައްޓާ ތައްޔާރުކުރި ސްކޫލެއްގެ ނަން ނޫސްވެރިން ސާފުކޮށްލަ ދެއްވުން އެދެން. މީހަކު ބުނާ އެއްޗެއް ލިޔުމުގެ ކުރިން އެކަމުގެ ހަގީގަތްވެސް ބަލާލަން ޖެހޭނެކަމަށް ފެނޭ
ގަޓް ބްރޯ
23 June 2020
ރާއްޖޭގެ ސްކޫލް ތަކުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކީ ސްކޫލްގެ ކަންކަމުގަ ދަރިވަރުންގެ ފަރާތުން ބައިވެރިވެ އުޅޭ ބެލެނިވެރިންނަށް. މިފަދަ ނުރައްކާތެރި ރޯގާއެއް ކޮންޓްރޯލް ނުވެ ފެތުރެމުންދާ ދުވަސްވަރެއްގަ ސްކޫލްތައް ހުޅުވައި ދަރިވަރުންނާ ޓީޗަރުންނާ ބެލެނިވެރިން ނުރައްކަލަކަށް ހުށަހަޅަން ހެޔޮނުވާނެ. ރާއްޖޭގެ ގިނަ ސްކޫލްތަކުގަ ނެތް މިވަރުގެ ކަމަކާ ކުރިމަތިލުމުގެ އެއްވެސް ގާބިލް ކަމެެއް ވަސީލަތްތަކެއްވެސް ގަވައިދު ހުންނާނީ ކަރުދާހުގަ.