ބަރުލަމާނީ ނިޒާމާ މެދު ވިސްނަވާކަށް ރައީސަށް ވަގުތެއް ނެތް

ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ވިސްނަވާކަށް އެމަނިކުފާނަށް ވަގުތެއް ނެތް ކަމަށާއި ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ވެރިކަން ހިންގާ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ވެއްޖެ ކަމަށް އަޑު އުފުލަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ބައެއް މެމްބަރުންނެވެ. ކޯލިޝަން ސަރުކާރުގެ އެއް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެން މުހިއްމު ކަންކަން އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގެންފައި އެބަހުރި ކަމަށެވެ. އިސްކަން ދެއްވަނީ ފަސް އަހަރަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށް ވިދާޅުވި އެވެ.

މި މަގާމަށް އަޅުގަނޑު މިއައީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑުގެ ސިކުނޑި އާއި ވަގުތު އެހެން ކަމަކަށް ހޭދަކުރާކަށް އަޅުގަނޑު ބޭނުމެއް ނުވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދަނޑިވަޅު ބަރުލަމާނީ ނިޒާމުގެ ވާހަަކަ ދެއްކުމަކީ އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް ނޫން. --ރައީސް

އެމަނިކުފާނު ދެން ފާހަގަކުރެއްވީ ރާއްޖޭގައި ވެރިކަން ހިންގާނެ ނިޒާމާ މެދު ރައްޔިތުން ކުރިން ގޮތެއް ނިންމާފައި އޮތް ކަމެވެ. ގާނޫނުއަސާސީ އެކުލަވާލި އިރު ވެރިކަން ހިންގާނެ ނިޒާމަކާ މެދު 2007 ގައި ނެގި ވޯޓުގައި ރައްޔިތުން ބުރަވީ ރިޔާސީ ނިޒާމަށެވެ. އެކަމަކު އޭރު ވެސް އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމެވެ.

ރައީސް ވިދާޅުވީ ނިޒާމް ކަނޑައެޅުމުގައި ދެން ވެސް ދާން އޮތީ ރައްޔިތުންގެ ގާތަށް ކަމަށެވެ.

"ދެން ވެސް އެއްވެސް އިރެއްގައި ނިޒާމާ ބެހޭ ގޮތުން ގޮތެއް ނިންމާ ކަމަށް ވަންޏާ ފުރަތަމަ އަހަން ޖެހޭނީ ރައްޔިތުންގެ ކައިރިން، ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ގާނޫނުއަސާސީއަށް ބަދަލެއް ގެންނަން ނިންމާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ބަހެއް ނެތި ނިޒާމް ދެން ވެސް ބަދަލު ނުކުރައްވާނެ ކަމަށް. --ފޮޓޯ/ރައީސް އޮފީސް

މަޖިލިސް މެމްބަރެއްގެ ގޮތުގައި 25 އަހަރު ހޭދަކުރައްވައި ވެރިކަމަށް ވަޑައިގަތް ރައީސް ވިދާޅުވި ގޮތުގައި ވެރިކަން ހިންގުމުގެ ނިޒާމާ މެދު ގޮތެއް ކަނޑައަޅަން ރައްޔިތުންގެ ގާތަށް ދިޔައީ މަޖިލީހުގައި އެތައް ބަހުސެއް ކުރުމަށް ފަހު އެވެ. އެ ބަދަލު ގެނެސްފައި އޮތީ ރައްޔިތުން ބޭނުންވި ގޮތަށް ކަން ފާހަގަކުރައްވައި އެ ނޫން ގޮތަކަށް އެކަން ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަކަށް އެމަނިކުފާނު ތާއީދު ކުރައްވަނީ އެއީ ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަށް ވުމުން ކަމަށެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރުމުގެ މަސައްކަތްޕުޅުގައި އުޅުއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެގޮތަށް ބޭނުންފުޅު ވުމުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު މަދަރުސީ ދައުރުން ފެށިގެން އަޅުގަނޑު އެކަން ދެކޭ ގޮތް އެއީ. އެކަން އެގޮތަށް ބަދަލުކުރާނީ ރާއްޖޭގެ ރައްޔިތުން. އަޅުގަނޑު ހަމަގައިމުވެސް އެކަމާ އުޅޭނީ މުޅި އެމްޑީޕީން އެކަމާ އުޅެން ބޭނުންވީމަ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މަސައްކަތްކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.