ނިއު ނޯމަލް އަށް ތައްޔާރުވެފައިވާ ވަރު ބަލަން މެމްބަރުން އެއާޕޯޓަށް

ކޮވިޑް-19 ފެތުރުން ކޮންްޓްރޯލްކުރަން އެޅި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަންނަ މަހުގެ 15 ގައި އަލުން ހުޅުވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އެެކަމަށް ތައްޔާރުވެފައި އޮތް ވަރެއް ބައްލަވަން ރައްޔިތުންގެ މަޖިލީހުގެ ބައެެއް މެމްބަރުން މިއަދު އެއާޕޯޓަށް ވަޑައިގެންފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ގެ މެމްބަރުން ރާއްޖޭގައި މައި އެއާޕޯޓަށް މިއަދު ވަޑައިގަތީ، ނިއު ނޯމަލްގައި އެއާޕޯޓު އަލުން ހުޅުވާއިރު، އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތުގެ ތަފްސީލު އެމްއޭސީއެލުން މަޖިލީހަށް ދީފައި ވަނިކޮށެވެ. ވީއައިއޭ ހިންގާ އެމްއޭސީއެލުން ވަނީ އެއާޕޯޓް އަލުން ހުޅުވާއިރު، އަމަލުކުރާނެ ގައިޑްލައިން އެސްއޯއީ ކޮމިޓީއާ ހިއްސާކޮށް، އެ އަށް ފަހު އެކުންފުނީގެ ވެރިން ކޮމިޓީ އަށް ވަޑައިގެން، މެމްބަރުންގެ ސުވާލުތަކަށް މިދިޔަ ހަފުތާފައި ޖަވާބު ދެއްވައިފަ އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މެމްބަރުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، ނިއު ނޯމަލްގެ ތައްތާރީތަކުގެ މައުލޫމާތު އެމްއޭސީއެލްގެ އޮފިޝަލަކު ސާފުކޮށްދެއްވަނީ.

އެ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި، މުގައްރިރު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ނިއު ނޯމަލްގައި ވީއައިއޭ ހުޅުވަން ވާން ޖެހޭ ތާރީތައް އެ ދުވަހާ ހަމައަށް ނިމޭނެ ކަމަށް އެމްއޭސީއެލުން އަންގާފައިވާ ކަމަށެވެ. ކޮމިޓީގެ ރިޕޯޓު ނިންމުމުގެ ކުރިން އެކަން ކަށަވަރު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ކޮމިޓީގެ މެމްބަރު، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ ރިޕޯޓު ފައިނަލް ކުރުމުގެ ކުރިން މެމްބަރުން އެއާޕޯޓަށް ވަޑައިގެން ބައްލަވައިލެއްވުމަށް، ކުރިން ބޭއްވި ބައްދަލުވުމުގައި އޭނާ ހުށަހަޅުއްވައިގެން ފާސްކޮށްފައިވާ ކަމަށެވެ. އެހެންވެ، މެމްބަރުން އެއާޕޯޓު ބައްލަވާފައި ނޫނީ ރިޕޯޓަށް ވޯޓަސް އަހައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މެމްބަރުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން އެންމެ ފަހުގެ ތައްޔާރީތައް ބައްލަވަނީ.

"އެއީ އަޅުގަނޑުމެން، 19 ވަނަ މަޖިލީހަކީ ވަރަށް ޒިންމާދާރުކޮށް، ކަންކަން ކުރަން ބޭނުންވާ މަޖިލީހަކަށް ވާތީ، ސީދާ އެކަން އޮތް ގޮތް މެމްބަރުން ލޮލުން ބަލައި އަތުން ހިފުން އެއީ މެމްބަރުން އަޒުމު ކަނޑަޅައިގެން ތިބި ކަމެއް،" ހަލީމް ވިދާޅުވި އެވެ.

އެގޮތުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް މެމްބަރުން ކުރިން ވަޑައިގެންފައިވާ ކަމަށާއި އެއީ ވަރަށް ފައިދާ ހުރި ދަތުރަކަށް ވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގަން އެއާޕޯޓުގައި ނުވެ ހުރި އެތައް ކަންތައްތަކެއް މެމްބަރުންގެ ދަތުރުން ފާހަގަވެ، އެ ކަންތަކަށް އެޑްރެސް ކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދޮންބިލެތް ހަލީމް ވާހަކަ ދައްކަވަނީ.

"އަޅުގަނޑުމެން އެ ދަތުރު ކުރީތީ ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ ހަމަ ވަރަށް ބޮޑު ހަރަދެއް ސަރުކާރުން ކޮށް، މިއިން ދުވަހަކު އައްޑު އަތޮޅު އެއާޕޯޓަށް ނުލިބޭ ބޮޑު ތަރައްގީއެއް ލިބި، އެ ތަނަށް ކުރި ދަތުރަކަށް ފަހު، އެކަން ކުރެވިއްޖެ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އަޅުގަނޑުމެން ވެލާނާ އެއާޕޯޓަށް ދަތުރެއް ކޮށްފިއްޔާ އެ ކަހަލަ ކުރިއެރުމެއް އައުމުގެ ފުރުސަތު ބޮޑުކަމަށް ފެނޭ،" ހަލީމް ވިދާޅުވި އެވެ.