އާމިރާ ނޫން ހުރިހާ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމުން ފާތިމަތު އާމިރާ ނޫން އެހެން ހުރިހާ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދެންމެ ފާސްކޮށްފި އެވެ. ނަމަވެސް މިކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.


ސިވިލް ސާވަންޓުންގެ ކަންކަން ބަލަހައްޓާ މިނިވަން މުއައްސަސާގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އާމިރާގެ އިތުރުން އެ ކޮމިޝަންގެ ރައީސް އަލީ ޝަމީމް (އެލިޝް) އާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ކަމާއި ސީއެޗްއެސްއީގެ ޕްރިންސިޕަލްކަން ކުރެއްވި އާމިރާ ސީއެސްސީގެ މެމްބަރުގެ ގޮތުގައި ބަހައްޓަން ކޮމިޓީން ނިންމިއިރު، އާމިރާ އަކީ އެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. އެކަމަކު، ކޮމިޓީގައި މި މައްސަލައިގައި ނެގި އެއްވެސް ވޯޓެއްގައި ރޮޒައިނާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ރިޔާސަތުގައި ވެސް އިންނެވީ ނައިބު މުގައްރިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

އާމިރާ ފިޔަވައި، ސީއެސްސީގެ އެހެން ހުރިހާ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކުރިއިރު، އެކަމާ ހިޔާލު ތަފާތުވި ހަމައެކަނި ދެ މެމްބަރުންނަކީ ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގު (ފިޔެސް މޯޑު) އާއި ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމެވެ. އެ ދެބޭފުޅުން ވަކާލާތު ކުރެއްވީ، ކޮމިޝަނުން މެމްބަރުން ވަކިކުރާ ނަމަ ހުރިހާ ބޭފުޅުންނާ މެދު ވެސް އެގޮތަށް އަމަލު ކުރުމަށެވެ.

މޯޑު އާއި އުޝާމްގެ ހިޔާލު ތަފާތުވުމުން، މެމްބަރުން ވަކިކުރުމަށް އެ ދެބޭފުޅުން ވޯޓެއް ވެސް ނުދެއްވަ އެވެ.

"..އަޅުގަނޑު ދަންނަވާނީ މި ކޮމެޓީގެ ރިކޯޑުގައި ނެތޭ އެކަމަނާ އެގޮތަށް އެކަން ކުރައްވާފައި [ޝަކުވާ ހުށަހަޅުއްވާފައި]. އެހެންވެ އަޅުގަނޑު ދެކޭގޮތުގައި ސިވިލް ސާވިސް ކޮމިޝަންގެ ފަސް މެމްބަރުން ވެސް ވަކިކުރަން ޖެހޭނީ އެކީގައި. އެ ބޭފުޅުން ވަނީ އެ ބޭފުޅުން ޒިންމާތަކަށް އިހުމާލުވެވަޑައިގެންފައި،" ---މޯޑު

މޯޑު ވިދާޅުވި ގޮތުގައި، ސީއެސްސީގައި މެމްބަރުންނަށް ތުހުމަތު ކުރެވޭ ހުރިހާ ކަމެއްގައި އެ ކޮމިޝަންގެ ފަސް މެމްބަރުން ވެސް ހިމެނެ އެވެ. އޭނާ ވިދާޅުވީ، ސީއެސްސީގެ މެމްބަރުކަމަށް އާމިރާ ހަމަޖެއްސީ މި ސަރުކާރުން ކަމަށް ވިޔަސް އެ ކޮމިޝަންގައި ބޭއިންސާފުން ކުރި އެއްވެސް ކަމެއް ސަރުކާރާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ސަމާލުކަމަށް އާމިރާ ގެނެސްފައި ނެތް ކަމަށެވެ.

އާމިރާ ސަލާމަތްވީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން ފަސް ބޭފުޅެއްގެ ވޯޓާއެކުގަ އެވެ. އޭނާ ފިޔަވައި ސީއެސްސީގައި ދެން ތިއްބެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޔަން ކުރެއްވި މެމްބަރުންނެވެ. އެ ކޮމިޝަނަށް އާމިރާ އައްޔަން ކުރެއްވީ ޑިސެމްބަރު 2، 2018 ގައި މި ސަރުކާރުންނެވެ. މޯޑު ވިދާޅުވި ގޮތުގައި، އާމިރާއާ ގުޅޭގޮތުން އެ ކޮމިޓީން އެކި ގޮތްގޮތަށް ކުރިން ނިންމާފައިވާ ކަމަށެވެ. ކުރިން ފަސް މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމި ކަމުގައި ވިޔަސް ފަހުން އާމިރާއާ ގުޅޭ މައްސަލައިގެ އޯޑިއޯއެއްގެ ސައްހަކަމާ މެދު ސުވާލު އުފެދުމުން އެ އުނިކުރަން ނިންމި ކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން ވަކިކުރުން ފަދަ މައްސަލަތައް ހިމެނޭއިރު، އާމިރާ ހުންނަވައިގެން ވެސް އޭގެ ތެރެއިން ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް މޯޑު ވިދާޅުވި އެވެ. އެކަމަކު، އެކަމާ ގުޅޭގޮތުން އެއްވެސް ފަރާތަކާ އާމިރާ ޝަކުވާއެއް ކޮށްފައި ނުވާ ކަމަށް މޯޑު ވިދާޅުވި އެވެ.

އާމިރާ ފިޔަވައި، ސީއެސްސީގެ އެހެން ހުރިހާ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކުރިއިރު، އެކަމާ ހިޔާލު ތަފާތުވި ހަމައެކަނި ދެ މެމްބަރުންނަކީ ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގު (ފިޔެސް މޯޑު) އާއި ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމެވެ. އެ ދެބޭފުޅުން ވަކާލާތު ކުރެއްވީ، ކޮމިޝަނުން މެމްބަރުން ވަކިކުރާ ނަމަ ހުރިހާ ބޭފުޅުންނާ މެދު ވެސް އެގޮތަށް އަމަލު ކުރުމަށެވެ.

"..އަޅުގަނޑު ދަންނަވާނީ މި ކޮމެޓީގެ ރިކޯޑުގައި ނެތޭ އެކަމަނާ އެގޮތަށް އެކަން ކުރައްވާފައި [ޝަކުވާ ހުށަހަޅުއްވާފައި]. އެހެންވެ އަޅުގަނޑު ދެކޭގޮތުގައި ސިވިލް ސާވިސް ކޮމިޝަންގެ ފަސް މެމްބަރުން ވެސް ވަކިކުރަން ޖެހޭނީ އެކީގައި. އެ ބޭފުޅުން ވަނީ އެ ބޭފުޅުން ޒިންމާތަކަށް އިހުމާލުވެވަޑައިގެންފައި،" މޯޑު ވިދާޅުވި އެވެ.

އާމިރާ ނޫން ހަތަރު މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިން މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވި އެވެ. އެކަމަކު އޭރު ކޮމިޓީން އެގޮތަށް ނިންމާފައިވަނީ ކޮމިޓީގައި މަދު މެމްބަރުންތަކެއް ތިއްބެވި ބައްދަލުވުމެއްގައި ކަމަށް ވާތީ އެ މައްސަލަ އަނބުރާ އޮތީ ފޮނުވާލައިފަ އެވެ. އެހެންވެ، ކޮމިޓީން ކުރިން ނިންމާފައިވަނީ އާމިރާ ވެސް ހިިމެނޭ ގޮތުން ސީއެސްސީގެ ފަސް މެމްބަރުން ވަކިކުރުމުގެ މައްސަލަ އެއްކޮށް ކޮމިޓީން ކުރިއަށް ގެންގޮސް، ތަޅުމަށް ފޮނުވުމަށެވެ.