ބްރޯޑްކޮމްގެ ބައެއް މެމްބަރުން ބައްދަލުވުމެއްގައި.---ފޮޓޯ: ބްރޯޑްކޮމް
29 ޖޫން 2020 - 21:31
ޖިންސީ ގޯނާގެ މައްސަލަތައް ބްރޯޑްކާސްޓް ކުރުމުގައި ސަމާލުވުމަށް، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން މިއަދު އިލްތިމާސްކޮށްފި އެވެ.
ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ބައެއް މީޑިއާތަކުން އެކަން ރިޕޯޓު ކުރި ގޮތާމެދު ހިތްހަމަ ނުޖެހި ބްރޯޑްކޮމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބައެއް މީޑިއާތަކުން އެ މައްސަލަ ރިޕޯޓު ކުރަމުން ދަނީ އަނިޔާ ލިބުނު މީހާގެ ޒާތީ މައުލޫމާތުތަކާ އެކުގައި ކަމަށެވެ. އަދި އެ ގޮތަށް ހަބަރު ފެތުރުމަކީ އޭގެ ސަބަބުން އެ މީހާ އިތުރަށް ވިކްޓިމައިޒްޑްވެ، އޭނާއާ ގުޅުން ހުރި އެހެން މީހުންގެ ހައްގަށް ނުވަތަ އިންސާނީ ކަރާމާތަށް އުނިކަން އަންނާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.
ސަފާރީގައި އަންހެން މީހާ ރޭޕް ކުރި ކަމަށް، އަންހެން މީހާއާ ހަވާލާދީ ކަމަށް ބުނެ އޮންލައިން ނޫހަކުން ވަނީ މައުލޫމާތުތަކެއް ފަތުރާފަ އެވެ. އަދި ހަމަ އެ ވާހަކަތައް ބައެއް ޓީވީ ޗެނަލްތަކުން ވެސް ގެނެސްދީފައި ވެ އެވެ. އެކަމަކު ފަހުން އޭނާ "މިހާރު"އަށް ދިން އިންޓަވިއުއެއްގައި ބުނީ ރޭޕް ނުކުރާ ކަމަށާއި ކުރީ ޖިންސީ ގޯނާ ކަމަށެވެ. އަދި އެ މައުލޫމާތުުތައް "މިހާރު" ނޫން އިތުރު މީޑިއާއަކަށް ވެސް ނުދޭ ކަމަށް އޭނާ ބުނެފައި ވެ އެވެ.
ބްރޯޑްކޮމުން ބުނީ މި ފަދަ މައްސަލަތަކުގެ މައުލޫމާތު ސައްހަކަން ކަށަވަރުކޮށްގެން ނޫނީ ފަތުރައިގެން ނުވާނެ ކަމަށެވެ. އެހެން ނޫނީ ހަގީގަތް ރައްޔިތުންނަށް އޮޅި، އޭގެ ނުރަނގަޅު އަސަރު މުޖުތަމައުއަށް ކުރާނެ ކަމަށް ބުންޏެވެ.
އެހެންވެ، އެ ކޮމިޝަނުން އެދުނީ ޖިންސީ ގޯނާގެ ހާދިސާތަކާ ގުޅޭ ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އަނިޔާ ލިބޭ ފަރާތްތަކުގެ މައުލޫމާތު ހާމަނުކުރުމަށާއި ހާދިސާ ހިނގާދިޔަ ގޮތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި މެނުވީ، ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށެވެ. އަދި ބްރޯޑްކާސްޓް ކުރުމުގެ ގަވައިދާއި ކުޑަކުދިންނާއި އަހްނެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގައިޑްލައިންތަކާ އެއްގޮތަށް ބްރޯޑްކާސްޓް ކުރުމަށް ވެސް އެދުނެވެ.
"މި ދެންނެވި ހަމަތަކާ ހިލާފަށް އަމަލު ކުރާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނާ ގަވައިދުގެ މަތިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ." ބްރޯޑްކޮމްގެ ބަޔާނުގައި ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy