މާދަމާ އާއި ބުރާސްފަތި ދުވަހު ސަރުކާރުގެ އޮފީސްތަައް ނުހުޅުވާނެ

ސަރުކާރުގެ އޮފީސްތައް މާދަމާ އިން ފެށިގެން އަލުން ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރެއްވި ނަމަވެސް މި ހަފުތާގައި ކުރިއަށް އޮތް ދެ ދުވަހު ވެސް އޮފީސްތައް ހުޅުވާނީ ކޮވިޑް-19 އާ ގުޅިގެން ފަހަކަށް އައިސް ހަމަޖައްސާފައިވާ އުސޫލުން ކަމަށް އެ މަނިކުފާނު އެންމެ ފަހުން ކަނޑައަޅުއްވައިފި އެވެ.


ރައީސް، މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ފެތުރޭތީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތުމަށް ފަހު، ރައްކާތެރިވެ ތިބުުމުގެ ފިޔަވަޅުތަކާ އެކު އޮފީސްތައް މާދަމާ ހުޅުވާނެ ކަމަށެވެ. ކޮވިޑް-19ގެ މަސައްކަތްތައް ކުރަން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މަސައްކަތްތައް މާދަމާ ނިމުމަކަށް އަންނާނެ ކަމަށާއި އާ މަރުހަލާގައި، އޮފީސްތަކާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަމަވެސް އޮފީސްތަކަށް މުވައްޒަފުން ނުކުންނާނެ ގަޑިއާ މެދު ސުވާލު އުފެދިފައި ވަނިކޮށް، ރައީސް އޮފީހުން އާންމުކުރި ބަޔާނެއްގައިވާ ގޮތުން، މާދަމާ އާއި ބުރާސްފަތި ދުވަހު ވެސް އޮފީސްތައް ހުޅުވާނީ ކޮވިޑް-19 އާ ގުޅިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް އޮފީސްތައް ހުޅުވާ އުސޫލުންނެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު 1 އަށެވެ. މިއީ މިދިޔަ މަހެއްހާ ދުވަހު ވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް އޮފީސްތައް ހުޅުވި ވަގުތެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، އެ އިދާރާއެއް ހުޅުވައިގެން ދޭނެ ޚިދުމަތްތައް ކަނޑައަޅާނީ އެ ތަނެއްގެ އިސްވެރިޔާ ނުވަތަ ވަޒީރެވެ. އެ ތަނެއް ހުޅުވަން ޖެހެނީ މުވައްޒަފުން ހާޒިރު ވެގެން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށެވެ.

ރައީސް ކަނޑައަޅުއްވާފައިވާ ގޮތުން، އޮފީސްތަކަށް އާންމުން ހާޒިރުވެގެން ދޭން ޖެހޭ ޚިދުމަތްތަކަށް ކުރިއެކޭ އެއްގޮތަށް މާދަމާ އާއި ބުރާސްފަތި ދުވަހު ވެސް ހުޅުވައެއް ނުލާނެ އެވެ. އެކަަމަކު، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އާންމުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް އެ އިދާރާއަކުން ފޯރުކޮށްދެވިދާނެ ކަމަށް ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.

"މި ދެންނެވި މުއްދަތުގެ ތެރޭގައި އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ކަމުގައި ވިޔަސް، ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، މި ނޫން ވަގުތުތަކުގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން ޚިދުމަތްތައް ދެވިދާނެ އެވެ،" ރައީސް ކަނޑައެޅުއްވި އުސޫލުގައި ވެ އެވެ.

މާދަމާ އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވާނެ ކަމަށް އެ މަނިކުފާނު މިއަދު ހެނދުނު އިއުލާން ކުރެއްވި ނަމަވެސް އެކަން ބަދަލުވިއިރު، އޮފީސްތައް ހުރީ އެ ކަމަށް ތައްޔާރުވެފައި ނޫން ކަމަށް ވެ އެވެ. އެގޮތުން، އޮފީސްތައް ޑިސްއިންފެކްޓް ކުރުމާއި އާންމުންނަށް ހުޅުވައިގެން ދޭންޖެހޭ ޚިދުމަތްތަކަށް ވެސް އެޗްޕީއޭގެ ގައިޑްލައިނުގައިވާ ގޮތަށް ދިނުމަށް ތައްޔާރެއް ނޫނެވެ. މީގެ އިތުރުން، ބައެއް މުވައްޒަފުން އެކި ރަށްރަށުގައި ތިބި އިރު، އެ މީހުންނާ މެދު އަމަލު ކުރާނެ އުސޫލެއް ވެސް ނެތެވެ.

ރައީސް ކަނޑައަޅުއްވާފައިވާ ގޮތުން، މި ދެ ދުވަހު ވެސް އޮފީސްތައް ހުޅުވައިގެން ޚިދުމަތްތައް ދޭން ވާނީ އެޗުޕީއޭ އިން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށެވެ.

ސަރުކާރުގެ އޮފީހެއް، މާދަމާ އާއި ބުރާސްފަތި ދުވަހު ހުޅުވި ނަމަވެސް މިހާރެކޭ އެއްގޮތަށް، އެ ތަނަކުން ދޭ ޚިދުމަތްތަކުގެ ތެރެއިން ގޭގައި މުވައްޒަފުން ތިބެގެން ދެވެން ހުރި ޚިދުމަތްތައް ދޭން ވާނީ އެ ގޮތަށް ކަމަށް ރައީސް ކަނޑައެޅުއްވި އެވެ. އަދި އެ އޮފީހަކުން އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް ދޭންޖެހެނީ އޮންލައިންކޮށެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވުމުގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލު ކުރާނެ އުސޫލެއް އަދިއެއް ނޭނގެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި އުސޫލު ޚާއްސަ ވަނީ މާދަމާ އާއި ބުރާސްފައްޗަށް އެކަންޏެވެ.

ސަރުކާރުގެ އޮފީސްތައް ބަންދުކުރީ، ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މާޗް 12 ގައި އިއުލާން ކުރެއްވި ސިއްހީ ނުރައްކަލުގެ ހާލަތާ އެކު އެވެ. އެކަމަކު، ވަކި ހިސާބަކުން ފެށިގެން ކޮންމެވެސް ވަރެއްގެ ލުޔެއް ދީ، ކޮންމެ ދުވަހެއްގެ ވަކި ވަގުތުތަކެއްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް މުވައްޒަފުން އޮފީހަށް ނުކުމެ އައީ މަސައްކަތް ކުރަމުންނެވެ.