އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު ދޮންބިލެތް ހަލީމް ދެއްވައިފި!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މި ސަރުކާރުން މެމްބަރުން އައްޔަންކުރީ ވަރަށް ފޮނި އުއްމީދެއްގައި ކަމަށާއި އެކަމަކު ފައިސާގެ ބޮޑެތި މައްސަލަތައް ހުރީ ނުބެލި ކަމަށް ވިދާޅުވެ، އެ މެމްބަރުން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ދެއްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި އޭނާ އެ އިންޒާރު ދެއްވިއިރު، އޭގެ ކުރިން މިއަދު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވެސް ހަލީމް ވަނީ އޭސީީސީގެ މެމްބަރުންނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވައިފަ އެވެ. އަދި ބޮޑެތި ތުހުމަތުތަކެއް ވެސް އޭނާ ކުރެއްވި އެވެ.

"އޭސީސީއަށް މި ސަރުކާރުން އަޅުގަނޑުމެން އަލަށް ލީ މެމްބަރުން ފެއިލް ވެއްޖެ. އެމްއެމްޕީއާރުސީ އާއި މިހިރަ ބޮޑެތި މައްސަލަތައް ޕްރޮސެކިއުޓާއާ ހަމައަށް ލިސްޓެއް ހަދާފައި ފޮނުވަން ބުނެގެން ވެސް އޭސީސީގެ ރައީސް ސީދާ ލިޔުމުން އެބައޮތް ބުނެފައި އެކަމެއް ނުކުރާނަމޭ، ނުދޭނަމޭ ބުނެފައި. އެހެންވީމަ މިއީ ވަރަށް ބިރުވެރިކަމެއް،" ހަލީމް ވިދާޅުވި އެވެ. އޭގެ ފަހުން ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުންގެ ހާޒިރުގައި ހަލީމް ވިދާޅުވީ، މިހާރަަށް ވުރެ "ހަރުދަނާކޮށް ތިޔަބޭފުޅުން ނޫޅުއްވާ ކަމަށް ވަންޏާ" މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިތުރު ގޮތަކަށް "މިކަން ނިންމަން ޖެހޭނީ" ކަމަށެވެ.

އެކަމަކު، އެ ވާހަކައަކަށް އޭސީސީގެ މެމްބަރުން ވަކި ޖަވާބެއް ނުދެއްވަ އެވެ.

"އެތައް އަހަރެއްގެ ސަގާފަތެއްގައި އޮތް އިންސްޓިޓިއުޝަނެއް ރިފޯމް ކުރުމަކީ އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ވެސް ނޫން. އަޅުގަނޑު މި މަގާމާ ހަވާލުވިތާ 10 މަސް. އެ 10 މަހުގެ ތެރެއިން ތިން މަސް ލޮކްޑައުންގައި. އަޅުގަނޑުމެން ވަރަށް ބައިވަރު ބަޔާން ނަގައި، ސްޓޭޖުގައި ހުރި ކަންކަން އަޅުގަނޑުމެންނަކަށް ނުކުރެވުނު ލޮކްޑައުންއާ ހެދި،" --- ޝިއުނާ

މިނިވަން މުއައްސަސާތަައް ޖަވާބުދާރީ ކުރުވައި، އެ ތަންތަނަށް މެމްބަރުން އައްޔަންކުރުމާއި ވަކިކުރުމުގައި ގޮތްތައް ކަނޑައެޅުމުގެ ބާރު އޮންނަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. އެހެންވެ، ހަލީމްގެ އެ ވާހަކަ އަށް ބަލާއިރު، އޭސީސީގެ މެމްބަރުން ކަންކަން ރަނގަޅު ނުކުރައްވާ ނަމަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ ވިދާޅުވަނީ އެ ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށެވެ.

ހަލީމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކޮށްފައިވާ ބޮޑެތި ވައްކަމުގެ މައްސަލަތަކަކީ އެ ކަންތައްތައް އެހެން ކޮށްފައިވާކަން އާއްމުންނަށް ވެސް އެނގޭހާ ސާފު ކަންކަން ކަމަށާއި އެކަމަކު އޭސީސީ އަށް އެ މައްސަލަތައް ނުބެލޭ ކަމަށެވެ. އޭސީސީން ބަލަމުން އަންނަ މައްސަލަތައް ނިންމުން ލަސްވަނީ އެ ކޮމިޝަންގައި އިންސާނީ ވަސީލަތްތައް މަދުކަމާ އެކު، ބަލަން ހުރި ކަންކަން ގިނަކަމުން ކަމަށް އޭސީސީން ބުނެ އެވެ.

ނަމަވެސް ހަލީމް ވިދާޅުވީ، އެއީ ބަލައިގަނެވޭ ކަހަލަ އުޒުރެއް ނޫން ކަމަށާއި އެންމެ މައްސަލައެއް ވެސް ނުބެލުނީމާ އޭސީސީ ފެއިލް ވެއްޖެ ކަމަށެވެ.

"ތިޔަބޭފުޅުންގެ އެތެރޭގައި ކަންތައްތައް ހުރި ކަމާއި މުވައްޒަފުން މަދުކަމާއި ވަސީލަތްތައް މަދުކަމާއި މި ވާހަކަތައް ދެއްކެވިޔަކަސް އެ އެއް އަޅުގަނޑުމެންނަކަށް އަޑެއް ވެސް ނޭހޭނެ. އަދި މި ރާއްޖޭގެ ރައްޔިތުން ގަބޫލެއް ވެސް ނުކުރާނެ. މި އަށް ވުރެ ހަރުދަނާކޮށް، މި އަށް ވުރެ ބާރަށް މި އަށް ވުރެ ހަރުދަނާކޮށް، މަސަައްކަތް ކުރެވެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަލީމް ވާހަކަ ދައްކަވަނީ.

އޭސީސީގެ މެމްބަރުންނާ ހަލީމް ކުރެއްވި އެއް ސުވާލަކީ މަސައްކަތްތަކަށް އިސްކަން ދެއްވާ ތަރުތީބާ ބެހޭ ގޮތުންނެވެ.

އެ ސުވާލާ އެކު، އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ބޮޑެތި މައްސަލަތައް ހުއްޓައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް އޭސީސީން ވަނީ ބަލައިފަ އެވެ. އޭނާ އެ ވިދާޅުވަނީ، ނަޝީދު ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި ބައެއް މުވައްޒަފުން، އަރިހުގައި ގެންދެވުމުގެ ސަބަބުން ޓިކެޓުގެ އަގަށް އިތުރު 444ރ އެރި މައްސަލައިގެ ވާހަކަ އެވެ.

މައްސަލަތަަކަށް އިސްކަންދޭ ތަރުތީބާ ބެހޭ ގޮތުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، ގިނަ ކަންތައްތަކަށް ބަލައިގެން އިސްކަންދޭ ލިސްޓެއް ހަދާފައިވާ ކަމަށެވެ. އޭސީސީ އަށް އާ މެމްބަރުން އައްޔަން ކުރުމުން، ރައްޔިތުން ކުރި އުއްމީދުތަކެއް އެބަހުރި ކަމަށާއި އެކަމަކު އެތައް އަަހަރެއް ވަންދެން ވަކި ސަގާފަތެއް އޮތް މުއައްސަސާއެއް ކުއްލިއަކަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތައް އަހަރެއްގެ ސަގާފަތެއްގައި އޮތް އިންސްޓިޓިއުޝަނެއް ރިފޯމް ކުރުމަކީ އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ވެސް ނޫން. އަޅުގަނޑު މި މަގާމާ ހަވާލުވިތާ 10 މަސް. އެ 10 މަހުގެ ތެރެއިން ތިން މަސް ލޮކްޑައުންގައި. އަޅުގަނޑުމެން ވަރަށް ބައިވަރު ބަޔާން ނަގައި، ސްޓޭޖުގައި ހުރި ކަންކަން އަޅުގަނޑުމެންނަކަށް ނުކުރެވުނު ލޮކްޑައުންއާ ހެދި،" ޝިއުނާ ވިދާޅުވި އެވެ.

"ތިޔަބޭފުޅުންގެ އެތެރޭގައި ކަންތައްތައް ހުރި ކަމާއި މުވައްޒަފުން މަދުކަމާއި ވަސީލަތްތައް މަދުކަމާއި މި ވާހަކަތައް ދެއްކެވިޔަކަސް އެ އެއް އަޅުގަނޑުމެންނަކަށް އަޑެއް ވެސް ނޭހޭނެ. އަދި މި ރާއްޖޭގެ ރައްޔިތުން ގަބޫލެއް ވެސް ނުކުރާނެ. މި އަށް ވުރެ ހަރުދަނާކޮށް، މި އަށް ވުރެ ބާރަށް މި އަށް ވުރެ ހަރުދަނާކޮށް، މަސަައްކަތް ކުރެވެން ޖެހޭނެ،" --- ދޮންބިލެތް ހަލީމް

އޭނާ ވިދާޅުވި ގޮތުގައި، މައްސަލަތައް ކުއްލިއަކަށް ބެލުމާއި މުޅި ތަން އެއްކޮށް ބަދަލުކޮށްލުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތުން އޭސީސީގައި ކުރިން ތިބި މުވައްޒަފުން ކުއްލި ގޮތަކަށް ވަކިނުކުރެވޭނެ ކަމަށް ވެސް ނުލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝިއުނާގެ އެ ވާހަކަައަށް ފަހު ހަލީމް ވިދާޅުވީ، ވަކި ސަރުކާރެއްގެ މައްސަލަތަކެއް ނުބަލައި ދޫނުކުރާ ކަމަށް އޭސީސީން ކުރިން ބުނެފައިވާ ކަމަށާއި އެކަމަކު ކުރީގެ ސަރުކާރުގެ މައްސަލަތައް ނުބެލޭ ކަމަށެވެ.

"ތިޔަބޭފުޅުންނަށް ކުރީގެ ސަރުކާރުގެ މައްސަލައެއް ނުބެލޭ. އެއްވެސް މައްސަލައެއް ބެލިފައެއް ނެތް. އަޅުގަނޑަށް ވެސް ހަމަ މިނިސްޓްރީތަކުން ވާހަކަ ވެސް ދެއްކޭ. ޕްރޮސެކިއުޓާ ޖެނެރަލްއާ ވެސް ވާހަކަ ދެއްކޭ،" ޝިއުނާގެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ހަލީމް ވިދާޅުވި އެވެ.

"ތިޔަބޭފުޅުންގެ އެއްބާރުލުމެއް ވެސް މިހާތަނަށް ދެވިފައެއް ނެތް."

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އޭސީސީގައި ހުރި މައްސަލަތަކަށް ވީނުވީއެއް ނޭނގޭ ކަމަށް ވިދާޅުވެ، އެ ކޮމިޝަންގެ މެމްބަރުންނާ މެދު ނުރުހުން ފާޅުކުރައްވައިފަ އެވެ.