ހިޔާ މަޝްރޫ: ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު އާންމުކޮށްފި

ހިޔާ މަޝްރޫގެ ފްލެޓްތަކަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ.


ހިޔާ ފްލެޓްތައް ދޫކުރުމުގެ ކުރިން އެ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ގުޅައި އެމީހަކު ދިރިއުޅޭ ތަނަކަށް ޒިޔާރާތް ކުރެ އެވެ. ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އާންމުކޮށްފައި ވަނީ މިގޮތަށް ގުޅި ގުޅުމުން ދީފައިވާ ނަންބަރަށް ނުގުޅޭ މީހުންގެ ނަންތަކެވެ.

މި ލިސްޓުތަކުގައި ހިމެނެނީ ހިޔާ މަޝްރޫގެ ދަށުން ފްލެޓަށް އެދިH4 ،H5 ،H6 ، H8 އަދި H10 މި ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު މީހުންނެވެ. އަދި H7 އަދި H9 ކެޓަގަރީއަށް ފޯމު ލީ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް އަދި ނުނިމޭތީ، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީގައި ނުގުޅޭ މީހުންގެ ލިސްޓްތައް ވެސް އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މި ލިސްޓުތަކުގައި ޖުމްލަ 475 މީހުން ހިމެނެ އެވެ. ކޮމިޓީން ބުނީ މިއީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށެވެ.

މި ލިސްޓުގައި ނަން ހިމެނޭ މީހުން ކޮމިޓީއަށް އެކަން އަންގަން ވަނީ އެދިފަ އެވެ. އެގޮތުން މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ކޮމިޓީން ކަނޑައަޅާފއިވާ ފޯމު ފުރައި ހުށަހަޅަން ޖެހެ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރަން ފެށި 7،000 ފްލެޓު ނިންމަން ޗައިނާގެ ކުންފުންޏާ އެކު އެއްބަސްވެފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރަށެވެ. އެކަމަކު މަސައްކަތް ނިންމަން އަދި އަށް މަސްވަރު ނަގާނެ ކަމަށް، އާ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވި އެވެ.

މި ފްލެޓްތައް ލިބުނު މީހުންގެ ލިސްޓް ކުރީ ސަރުކާރުން ވަނީ ނެރެފަ އެވެ. އެކަމަކު މި ސަރުކާރުން ނިންމީ ފްލެޓް ލިބުނީ ހައްގު މީހުންނަށްތޯ ކަށަވަރުކުރަން އަލުން ފޯމްތައް ބަލައި، ހާލަތު ވަޒަންކުރާ ގޮތަށެވެ.

އަސްލަމް ވިދާޅުވީ މިހާތަނަށް 40 ޕަސެންޓް ގޭގެ އަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ބާކީ ހުރި 60 ޕަސެންޓް ގެތަކުގެ ހާލަތު ބެލުމަށް ފަހު، މި މަސް ނިމޭއިރު ލިސްޓް އާއްމުކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.