ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ސައުދުﷲ އަހްމަދު އެ ތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރާ ތުހުމަތާ ގުޅިގެން މަގާމުން ވަކިކޮށްފި އެވެ.
ގޭމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިއްޔެ ރޭ ބޭއްވި އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ޖަލްސާގައި، އެސްޖީގެ މަގާމުންނާއި ހިންގާ ކޮމެޓީގެ މެމްބަރުކަމުގެ މަގާމުން ވަކިކުރަން، އެ ކޮމެޓީގައި ހިމެނޭ 14 މެމްބަރުން ފާސްކޮށްފައިވާ ކަމަށެވެ.
ގޭމްގެ އެޑްމިނިސްޓްރޭޓާއަކަށް އުޅުނު އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ބަޔާން ވެސް ފުލުހުން ވަނީ ނަގައިފަ އެވެ.
ޖިންސީ ގޯނާގެ މައްސަލަ ބެލޭނެ އެކަށީގެންވާ މާހައުލެއް ނެތުމުން ކަމަށް ވިދާޅުވެ އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހް ވަނީ މީގެ ކުރިން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެއާ އެކު، ސަބަބު ހާމަކުރުމެއް ނެތި، ސައުދު ކުއްލި ގޮތަކަށް ސަސްޕެންޑްކުރި އެވެ.
އޭނާގެ ގޯނާ ތަޖުރިބާކުރި ކަމަށް ބުނާ ވިކްޓިމް "މިހާރު" އަށް ކިޔައިދިން ގޮތުގައި އެކި ފަހަރު މަތިން ސައުދު އޭނާ އަށް ޖިންސީ ގޯނާކުރީ ވަޒީފާ ހަމަޖައްސައިދިނުމަށް ފަހު އޭގެ ބަދަލެއްގެ ގޮތުން ކަމަށް ބުނެ އެވެ. ވަޒީފާއެއް ބޭނުންވެފައި ހުއްޓައި ގޭމް އިން ވަޒީފާ ލިބުނީ ސައުދުގެ އެހީތެރިކަމާ އެކުގައި ކަމަށް ވިކްޓިމް ބުންޏެވެ. "ވަޒީފާ އަށް ނުކުތް ހިސާބުން ފެށިގެން ވެސް އެކި ދުވަސް މަތިން ދިޔައީ ގޯނާކުރަމުން. ފުރަތަމަ ސަމާސާއަކަށް ހަދާފައި، ބޮޑު މަޖާގަނޑަކަށް ހަދައި އެ އަމަލުތައް ހިންގަމުން ދިޔައީ. އެކަމަށް އިންކާރުކުރާތީ ބުނަނީ ވަޒީފާ ހަމަޖައްސައިދިނީމަ ބަދަލެއްގެ ގޮތުން ކޮންމެވެސް ކަމެއް އޮންނަން ވާނެއޭ،" ވިކްޓިމް ކިޔައިދިނެވެ.
އޭނާގެ ތަޖުރިބާތައް ސޯޝަލް މީޑިއާގައި ވެސް ވަރަށް ތަފުސީލުކޮށް ހިއްސަކުރި އެވެ.
އޭނާ ބުނީ ވަޒީފާ އިން ވަކިވާން ނިންމައި މައްސަލަ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އަށް ހުށަހެޅުމުން، ޓެރަސް މަތިން ފުންމާލާނެ ކަމުގެ ބިރު ސައުދު ދެއްކެވި ކަމަށެވެ. އެކަމަކު މައްސަލަ ޕޮލިހަށް ރިޕޯޓްކުރީ، އެ ކަންތައް ބޮޑުވެ، އެހެން މީހަކަށް ވެސް އެ ބިރު އޮވެދާނެތީ ކަމަށް ބުންޏެވެ.
ޖިންސީ ގޯނާއާ ގުޅުން ހުރި އެކި މައްސަލަތަކާ ގުޅޭ ގޮތުން މި ފަހުން އަންހެނުން އަންނަނީ ވަރަށް ފާޅުކޮށް ވާހަކަ ދައްކައި، އެ މީހުންގެ ތަޖުރިބާތައް ހިއްސާ ކުރަމުންނެވެ.
އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތާ އެކު ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު މިހާރު ވަކިކޮށްފަ އެވެ.