އައިޖީއެމްއެޗުގެ ނަރުހުންގެ ޔުނިފޯމަށް އަނެއްކާ ވެސް ބަދަލެއް

އައިޖީއެމްއެޗުގެ ނަރުހުންގެ ޔުނީފޯމަށް އަނެއްކާވެސް ބަދަލެއް ގެނެސް މާދަމާ އިން ފެށިގެން އާ ޔުނިފޯމެއް ލާ ގޮތަށް ހަމަޖައްސައިފި އެވެ.


ސަރުކާރުގެ މައި ހޮސްޕިޓަލުން ވަނީ މެއި 12، 2018 ގައި ވެސް ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފަ އެވެ. އޭރު ބަދަލުކުރީ ވިލު ނޫ ކުލައަކަށް ދާ ޔުނީފޯމަކަށެވެ. އޭގައި ހުދު ކުލަ އާއި ވިލު ނޫ ކުލައިގެ މާތަކެއް ހުރެ އެވެ.

އަލަށް ބޭނުންކުރާ ޔުނިފޯމުގެ ކުލައަކީ ވެސް ވިލު ނޫ ކުލަ އެވެ. މިހާރުގެ ޔުނިފޯމާ އަޅާބަލާއިރު މާ ބޮޑު ބަދަލުތަކެއް ނެތަސް ކުލަ ތަންކޮޅެއް މަޑުވެފައި އެއްވެސް ޑިޒައިނެއް ނުހުންނާނެ އެވެ.

މިހާރު ބޭނުންކުރާ ޔުނީފޯމް ހުންނަނީ އަތް ކުރުކޮށެވެ. ބުރުގާގެ ގޮތުގައި ބޭނުންކުރަނީ ވެސް ވިލު ނޫކުލައިގެ ވަށް ބުރުގަލެވެ. ނަމަވެސް އާ ޔުނީފޯމުގެ އަތް ދިގުވެފައި، ވަށް ބުރުގާގެ ބަދަލުގައި ޝޯލް އެޅޭނެ އެވެ.

ގިނަ ނަރުހުން މިހާރު ޔުނީފޯމު ލަނީ ޑިއުޓީ އަށް ނުކުމެފަ އެވެ. މިދުވަސްކޮޅު ގެއިން އާ ޔުނީފޯމް ލައިގެން ދިޔަ ކަމުގައި ވިއަސް، އެ ޔުނީފޯމާ އެކު ގެއަށް ނުދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ނަރުހުންނަށް އަންގާފައި ވެ އެވެ.

އެންމެ ކުރިން ނަރުހުން ލީ ހުދު ކުލައިގެ ޔުނީފޯމެކެވެ. މިއީ މިފަހުން ޔުނީފޯމް ބަދަލު ކުރި ތިން ވަނަ ފަހަރެވެ.