އިސްތިއުފާ ދިން މުވައްޒަފު ޓޫރިޒަމް މިނިސްޓްރީ އަށް ކުރި ތުހުމަތުތައް މަޖިލީހުން ބަލަނީ

ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މުވައްޒަފުންނަށް ފުރައްސާރަކޮށް ބިރު ދައްކާ ކަމަށް ތުހުމަތުކޮށް އެ މިނިސްޓްރީން އިއްޔެ އިސްތިއުފާ ދިން އަންހެން މުވައްޒަފު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ތުހުމަތުކޮށްފައި ހުރި މައްސަލަތައް އާއްމު ކޮމެޓީން ބެއްލެވުމަށް ނަޝީދު އަންގަވައިފި އެވެ.


ޓޫރިޒަމް މިނިސްޓްރީގެ ބައެއް ވެރިންނާއި މުވައްޒަފުންގެ ފަރާތުން ލިބުނު ފުރައްސާރަ އާއި އަނިޔާތަކުގެ ސަބަބުން ކަމަށް ބުނެ އިއްޔެ އިސްތިއުފާ ދެއްވީ ސީނިއާ ޕްލޭނިން އޮފިސަރެއްގެ މަގާމުގައި ހުންނެވި ފާތިމަތު ޝަރުމާ އެވެ.

ޖިންސީ ގޯނާގެ ތުހުމަތަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކުރުމުން އެ މިނިސްޓްރީ ހިންގުމާ ހަވާލުކުރައްވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އިސްތިއުފާގެ ސިޓީ ފޮނުވި ޝަރުމާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ވެސް އިސްތިއުފާ އަށް ފަހު ސިޓީ ފޮނުވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އާއްމު ކޮމެޓީން ބެލުމަށް އަންގާ ކަމަށެވެ.

"އާއްމު ކޮމެޓީން އިތުރަށް އެ ސިޓީއާ ގުޅޭ ގޮތުން ކުރިއަށް ގެންދަވާނެ ގޮތް ނިންމަވާނީ،" ނަޝީދު ވިދާޅުވި އެވެ.

ޝަރުމާގެ ސިޓީގައިވާ ގޮތުން، އޭނާ އަކީ، ޓޫރިޒަމް މިނިސްޓްރީން މި އަހަރު މުވައްޒަފުންނަށް ދިން ތިން ސްކޮލަޝިޕްގެ ތެރެއިން އެންމެ މަތިން މާކްސް ލިބިގެން ސްކޮލަޝިޕް ލިބުނު އަދި މިނިސްޓަރުގެ ބިއުރޯގައި ވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ.

އެ ސިޓީގައި ބުނީ، މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ސީދާ އަދި ނުސީދާ ގޮތުން އޭނާ އަށް ފުރައްސާރަކޮށްފައިވާ ކަމަށާއި މި އަމަލުތައް ކުރިއަށް ދާތާ ގިނަ ދުވަސްތަކެެއް ވެފައިވާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން އުފެއްދި ޓާސްކް ފޯސްތަކުގައި މަސައްކަތްކުރި އިރު ވެސް، އެކި ބާވަތުގެ ފުރައްސާރަ ކޮށްފައިވާ ކަމަށާއި އެކަން، ބިއުރޯގެ އިސް ވެރިއެއްގެ ގޮތުގައި ހުރި މުހައްމަދު ހައްސާންއާ ހިއްސާ ކުރުމުން އެހީތެރިވި ކަމަށް ސިޓީގައި ވެ އެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް މިކަން ހުށަހެޅުމުން، އެކަށީގެންވާ ފިޔަވަޅު އަޅާފައި ކަމަށް ވެސް އިސްތިއުފާ ދިން މުވައްޒަފު ބުންޏެވެ.

އަލީ ވަހީދު މަގާމުން ވަކިކުރުމަށް ފަހު ހައްސާން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެހެން މުވައްޒަފުން ވެސް މަސައްކަތް ކުރަމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެހެންވެ މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދޭން ސިޓީގައި ޝަރުމާ އެދިފައިވެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތަށް އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކޮށް އޭނާގެ މައްޗަށް މިހާރު ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ. އަދި ރާއްޖޭން ބޭރަށް ފުރުން ވެސް ވަނީ މަނާ ކޮށްފަ އެވެ.