ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު ސޯލިހަށް ދައުވާ، ދިފާއުވާން ފަސް ވަޒީރެއްގެ ނަން ހުށަހަޅައިފި

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލައިފި އެވެ.


ޓޫރިޒަމް މިނިސްޓްރީގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ނަމަވެސް، މި މައްސަލައިގައި މިހާރު ސަސްޕެންޑު ކޮށްފައިވާ ސޯލިހުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ރަށްތަކުގެ ތެރެއިން ރަށަކާއި ތިން ފަޅެއްގެ މައްސަލައަކާ ގުޅިގެންނެވެ

ދައުވާގައި ބުނެފައި ވަނީ އެ ރަށްތަކުގެ މައުލޫމާތު ރިޔާސީ ކޮމިޝަނުން ޓޫރިޒަމް މިނިސްޓްރީ އަށް މިދިޔަ އަހަރު އަންގައި، އެ ތަންތަނުގެ ހެޑްލީސް ބަދަލު ނުކުރަން އެދިފައި ވަނިކޮށް، އޭގެ ތެރެއިން އެއް ރަށަކާއި ތިން ފަޅަކާ ގުޅޭ އެއްވެސް ތަހުގީގެއް ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ސޯލިހު ސިޓީ ފޮނުއްވި ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސޯލިހުގެ ވަކީލު އަބްދުﷲ ޝާއިރު ވަނީ އެ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެ، ގިނަ ސުވާލުތަކެއް އަމާޒު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދައުވާގައި އޮތީ އެ ރަށްތަކުގެ ހެޑްލީސް ބަދަލު ނުކުރަން ރިޔާސީ ކޮމިޝަނުން އެންގި އެންގުމެއްގެ ވާހަކަ ކަމަށާއި އެހެންވެ، ސޯލިހަށް ދައުވާ ކުރަނީ ހެޑްލީސް ބަދަލު ކުރަން ހުއްދަ ދީގެންތޯ ނުވަތަ އެހެން ކަމެއް ކޮށްގެންތޯ ސުވާލު އުފެދޭ ކަމަށެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ ދައުވާ ކުރަނީ ހެޑްލީސް ބަދަލު ކުރަން ހުއްދަ ދީގެން ނޫން ކަމަށާއި ސޯލިހު ކުރެއްވި އަމަލަކީ ބައެއް ފަޅުތަކާއި ރަށްތަކާ ގުޅޭ ތަހުގީގެއް ހިނގަމުންދާ ކަން އެނގިވަޑައިގެން ހުންނަވައި، އެފަދަ ތަހުގީގެއް ނުހިނގާ ކަމަށް ވިދާޅުވެ، ދެ ފަރާތަކަށް ސިޓީ ފޮނުވުމާއި އިތުރު ފަޅެއްގެ ސަބް ލީސް ބަދަލު ކުރަން ހުއްދަ ދެއްވުން ކަމަށެވެ.

ގާނޫނުލްއުގޫބާތު އޮތްގޮތުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ނުފޫޒު ބޭނުން ކޮށްގެން ތިމާ އަށް ނުވަތަ ފައިދާއެއް ލިބެން ނުޖެހޭ ފަރާތަކަށް މަންފާއެއް ހޯދައި ދިނުން ކަން ފާހަގަ ކުރައްވައި، ޝާއިރު ވަނީ މި މައްސަލައިގައި ކުރި އެފަދަ އަމަލެއް ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ.

ސްޓޭޓް މިނިސްޓަރު ސޯލިހު: ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް އަމަލެއް ސޯލިހު ނުހިންގަވާ ކަމަށް އޭނާގެ ވަކީލު ޝާއިރު ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވި.---ފޮޓޯ: މިހާރު

ޖަވާބުގައި ދައުލަތުން ބުނިގޮތުގައި، ފަޅެއްގެ ސަބްލީސް ބަދަލު ކުރަން ހުއްދަ ދިނުމުގައި ސޯލިހުގެ ނުބައި ނިޔަތެއް އެބައޮތެވެ. ތަހުގީގެއް ހިނގަމުންދާ ނަމަ ސަބް ލީސް ބަދަލު ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ދައުލަތުން ބުނެ އެވެ. އެކަމަށް އޭނާ ހުއްދަ ދެއްވީ ކަމަށް އެ ފަޅާ ގުޅިގެން ވެސް ތަހުގީގެއް ހިނގާކަން އެނގިވަޑައިގެން ހުންނަވައި ކަމަށް ދައުލަތުން ބުންޏެވެ.

އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި، އެގޮތަށް ދައުލަތުން ބުނުމުން ޝާއިރު ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު ހިންގަން ފަށައި، ރަށްތަކުގެ ހެޑްލީސް ބަދަލު ނުކުރަން ރިޔާސީ ކޮމިޝަނުން އެންގިއިރު، އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބެނީ ކޮން ގާނޫނީ ހަމައަކުންތޯ ސުވާލު ކުރައްވައިފަ އެވެ.

ރައްދުގައި ދައުލަތުން ބުނީ ރިޔާސީ ކޮމިޝަނަކީ ގާނޫނުއަސާސީގެ ދަށުން ރައީސް އުފައްދަވައި، އަދި ފަހުން ގާނޫނެއްގެ ދަށުން މަސައްކަތްކުރާ ކޮމިޝަނެއް ކަމަށާއި އެ ކޮމިޝަންގެ ގާނޫނީ ސައްހަކަމާ މެދު ސުވާލެއް އުފެދިފައި ނެތް ކަމަށެވެ. އެފަދަ ކަމެއް ނެތީސް، އެގޮތަށް ސުވާލު އަމާޒު ނުކުރެވޭނެ ކަމަށާއި އެހެން ނޫން ނަމަ، ކޮންމެ ތަހުގީގީ އިދާރާއެއްގެ ސައްހަކަމާ މެދު ސުވާލު އަމާޒުވާން ފަށާނެ ކަމަށް ދައުލަތުން ބުންޏެވެ.

ސޯލިހުގެ ދިފާއީ ހެކިންނަށް މިނިސްޓަރުން

އެ ސުވާލުތަކަށް ފަހު ދައުވާ އަށް ޖަވާބުދާރީވަމުން ޝާއިރު ވިދާޅުވީ، އެ ދައުވާ އަށް އިންކާރުކުރާ ކަމަށާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް އަމަލެއް ސޯލިހު ނުހިންގަވާ ކަމަށެވެ. ނުފޫޒެއް ބޭނުންކުރައްވައިގެން، ސޯލިހަށް ނުވަތަ ފައިދާއެއް ލިބެން ނުޖެހޭ އެހެން މީހަކަށް އޭނާ ފައިދާއެއް ހޯދައި ދެއްވާފައި ނުވާނެ ކަމަށް ވެސް ޝާއިރު ވިދާޅުވި އެވެ.

ސޯލިހު ދައުވާއަށް އިންކާރު ކުރެއްވުމުން އޭނާއާ ދެކޮޅަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅީ ޓޫރިޒަމް މިނިސްޓްރީގެ ދެ މުވައްޒަފާއި ގިނަ އަދަދެއްގެ ލިޔުންތަކެވެ.

ދިފާއުގައި ސޯލިހުގެ ފަރާތުން ހެކިންގެ ހުށަހެޅުއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޕްލޭނިން މިިނިސްޓަރު މުހައްމަދު އަސްލަމާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމެވެ. ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދާއި އިތުރު ބައެއް މީހުންނާއި ގިނަ އަދަދެއްގެ ސިޓީތަކެއް ސޯލިހުގެ ފަރާތުން ވެސް ހެކީގެ ގޮތުގައި ހުށަހެޅުއްވި އެވެ.

ދައުލަތުން ވަނީ ސަބަބު ބަޔާން ކުރުމެއް ނެތި އެގޮތަށް ދިފާއީ ހެކި ހުށަނޭޅޭނެ ކަމަށް ބުނެފަ އެވެ. އަދި ގިނަ އަދަދެއްގެ މިނިސްޓަރުން ހެކިންގެ ގޮތުގައި ހުށަހެޅިއިރު، އެ ބޭފުޅުންގެ ނަން ހުށަހެޅުއްވީ ކޮން ކަމެއް ސާބިތު ކުރަންތޯ ވެސް ދައުލަތުން ސުވާލުކުރި އެވެ.

ޖަވާބުގައި ޝާއިރު ވިދާޅުވި ގޮތުގައި އެ ހުރިހާ މިނިސްޓަރުންނަކީ ވެސް ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކައުންސިލްގެ މެމްބަރުންނެވެ. އެ ހުރިހާ ބޭފުޅުންގެ ނަން ހުށަހެޅުއްވީ ވެސް ސޯލިހް އެފަދަ އަމަލެއް ނުކުރައްވާ ކަން ސާބިތުކުރަން ކަމަށް ޝާއިރު ވިދާޅުވި އެވެ.

ހެކިތަކަށް ބެއްލެވުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އިބްރާހިިމް އަލީ ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންވެ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ދެ ފަރާތަށް ވެސް ގާޒީ ފުރުސަތު ދެއްވި އެވެ.

ގާޒީ އިބްރާހިމް ވިދާޅުވީ ހެކިން ހުށަހެޅިޔަސް، ހެކިން ހާޒިރު ކުރުމާ މެދު ގޮތެއް ނިންމަވާނީ ފަހުން ކަމަށެވެ.