އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި 15 މީހެއްގެ ބަޔާން ނަގައިފި

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


އަލީ ވަހީދު، މިދިޔަ ހަފުތާގައި މަގާމުން ވަކިކުރީ ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއްކޮށް، މުވައްޒަފުންތަކެއް ރައީސް އޮފީހާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުމުންނެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައި، އޭނާ ދިރިއުޅުއްވާ ގެ ފާސްކޮށް، ފޯނާއި ލެޕްޓޮޕެއް ވަނީ ގެންގޮސްފަ އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭ ގޮތުން އިސްކަންދަރުކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، އަލީ ވަހީދަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ތަހުގީގުގެ ކުރީކޮޅަށް ވުމުން މައްސަލައިގެ ތަފްސީލް ހާމަކުރަން ދަތި ކަމަށެވެ. ތަހުގީގު ކުރިއަށް ގެންދަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ މަޝްވަރާއާ އެކުގައި ކަމަށް ފުލުހުން ބުންޏެވެ.

އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕުން މައްސަލައާ ގުޅޭ ހެއްކެއް ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވި ގޮތުގައި އަލީ ވަހީދަށް ކުރާ ތުހުމަތާ ގުޅިގެން މިހާތަނަށް ފުލުހުން އޭނާގެ ބަޔާނެއް ނަގައިފައެއް ނުވެ އެވެ. ތަހުގީގަށް އެކަން ވެސް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި އޭނާ ފުރުން ވަނީ މަނާކޮށްފަ އެވެ.

ޓޫރިޒަމްގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އޭނާ ޖަވާބެއް ނުދެއްވަ އެވެ. ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ހަމައެކަނި ވާހަކަ އަކީ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށެވެ.

އެކަމަކު އަލީ ވަހީދާ ދެކޮޅަށް، މައްސަލަ ހުށަހެޅި މުވައްޒަފުން ވަނީ އެކި ދުވަސް މަތިން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރި ކަމަށާއި އޭނާގެ އުނދަގޫ ބޮޑުވެގެން މިނިސްޓްރީގެ ވަޒީފާ ބައެއް މީހުން ދޫކޮށްލަން ޖެހުނު ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް އަލީ ވަހީދަށް ކުރިއިރު، ކެބިނެޓުގައި އެކުގައި މަސައްކަތް ކުރެއްވި ޓޫރިޒަމް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭ ގޮތުން އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ބޭއަދަބީ ވާހަކަތަކެއް ދެއްކެވި މައްސަލަ ރައީސް އޮފީހަށް ހުށަހެޅުއްވި އެވެ. އަލީ ވަހީދުގެ އެ އަމަލު ބައްލަވައި ދެއްވަން ނަހުލާ އޭރު އެދިވަޑައިގަތް ނަމަވެސް ރައީސް އޮފީހުން ފިޔަވަޅެއް ނާޅަ އެވެ.

އެކަމަކު މި ފަހުން އޭނާ މަގާމުން ވަކިކުރީ، ޖިންސީ ގޯނާގެ ތުހުމަތު ކުރި މުވައްޒަފުންގެ ވާހަކަތައް ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އަޑުއެއްސެވުމަށް ފަހުގައި ކަމަށް ވެ އެވެ.