ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ފޯރަމެއްގެ އެމްބެސެޑަރަކަށް މަޖިލީހުގެ ރައީސް ނަޝީދު

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ފޯރަމެއް ކަމަށްވާ، ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ "ތީމެޓިކް އެމްބެސެޑަ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޔަންކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުން ބުނީ އެ މަގާމަށް ނަޝީދު އައްޔަން ކުރެއްވިކަން އެންގެވީ ސީޑީއެފްގެ ރިއާސަތު ބަލަހައްޓަވާ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލްމޯމެން ފޮނުއްވި ސިޓީފުޅެއްގައި ކަމަށެވެ.

މަޖިލީހުން ބުނީ ތީމެޓިކް އެމްބެސެޑަރުގެ މަސްއޫލިއްޔަތަކީ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭސާބަހަށް އަދާކުރައްވާނެ މަސްއޫލިއްޔަތެއް ކަމަށެވެ. ނަޝީދު އެ މަގާމަށް އައްޔަންކޮށްފައި ވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް މަޖިލީހުން ބުންޏެވެ. އަދި އެ މަގާމު ދެއްވުމުގައި ނަޝީދު ރާއްޖޭގެ ރައީސްކަމުގައި ހުންނަވައި ކުރެއްވި ހިދުމަތަށް ވެސް ބަލާފައިވާ ކަމަށް މަޖިލީހުން ބުންޏެވެ.

ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަށް 48 ގައުމު ގުޅިގެން އުފައްދާފައިވާ ފޯރަމެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ރާއްޖޭގަ އެވެ.

މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކުރުމާއި ތިމާވެއްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ.

ތިމާވެށީގެ ހިމާޔަތުގައި ވަކާލާތު ކުރައްވާ ނަޝީދަކީ އެ ދާއިރާ އިން ދުނިޔެ އަށް ވެސް މަޝްހޫރު ބޭފުޅެކެވެ. އެ މަނިކުފާނު ވަނީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރެއްވުމަށް ދާދި ފަހުން އަމިއްލަ ޖަމިއްޔާއެއް ވެސް އުފައްދަވައިފަ އެވެ.