ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްތައް ބެލުމަށް އިދިކޮޅު ކޯލިޝަނުން އެދިއްޖެ

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބެލުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރުގައި މިއަދު އެދިއްޖެ އެވެ.


ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން، ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމަށް ފޮނުވި ސިޓީއެއްގައި ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިމުމަކާ ހަމައަށް ގޮސްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވައި، ބޭނުންކުރުން ލަސްވާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އެ ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ.

އެހެންވެ، މިސްކިތުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި މަސައްކަތްތައް ކުރިއަށް ދާ ގޮތް ބެލުމަށް ކޯލިޝަންގެ ލީޑަޝިޕްގެ 20 ބޭފުޅަކަށް ފުރުސަތު ދިނުމަށް ސިޓީގައި އެދިފައި ވެ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން މަސައްކަތް ކުރަމުން އައީ މި އަހަރުގެ ރޯދަ މަހަށް އެ މިސްކިތުގެ މަސައްކަތް ނިންމުމަށެވެ. އެކަމަކު މާލެ ސަރަހައްދުގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެ މިސްކިތުގެ މަސައްކަތް ވެސް މިިދިޔަ އޭޕްރީލް ހިސާބުގައި އޮތީ ހުއްޓާލައިފަ އެވެ. މަސައްކަތް އަލުން ފެށި ކަމެއް ސާފެއް ނުވެ އެވެ.

ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ ސަރުކާރާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރެއްވި، ސައޫދީގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ ކަންކަން ފެށީ ސީދާ ޔާމީންގެ ބެއްލެވުމުގެ ދަށުންނެވެ. އެއީ އެ މަނިކުފާނުގެ އެދިވަޑައިގަތުމަކަށް ސައޫދީގެ ރަސްގެފާނު ދެއްވި އެހީ އެކެވެ. ކިންގް ސަލްމާން މި މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާ އެކު އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުން ވަނީ، ހުޅުމާލޭގައި ގާއިމްކުރާ ހިޔާ ފްލެޓަށް ވެސް މި މަހުގެ 7 ގައި ދުވަހު ޒިޔާރަތްކޮށް، އެ ތަނުގެ މަސައްކަތްތައް ހިނގާ ގޮތް ވެސް ބަލައިފަ އެވެ.