އިޒްރޭލާ ދެކޮޅު ގަރާރެއް މަޖިލީހަށް ހުށަހަޅައިފި

އިޒްރޭލުން ފަލަސްތީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލަން ގޮވާލުމާ އެކު ފަލަސްތީންގެ ރައްޔިތުންނަށް ދޭ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް، އެ އަނިޔާތައް ހުއްޓާލަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.


ވިލިނގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކޮށް، އެ ގައުމުގެ ވެރިރަށަކީ ގުދުސް ކަމަށް ރާއްޖެ އިން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ. ފަލަސްތީންގެ ބިންތައް އިޒުލޭރުން ފޭރިގަތުމަކީ ސުލްހަވެރި، ވަކި ދެ ދައުލަތެއް ގާއިމްކުރަން އޮތް ހުރަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ ބައިވެރިވެފައިވާ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިސްރާއިލުން ބޯ ނުލަނބާ މައްސަލައިގައި އެ ގައުމު ޖަވާބުދާރީ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލުމަކީ ވެސް މުހިންމު ކަމެއް،" ގަރާރު ހުށަހަޅުއްވަމުން ސައުދު ވިދާޅުވި އެވެ.

ދިވެހިން އެދެނީ އިޒްރޭލާއި ފަލަސްތީން ވެސް އޮތުން: ނަޝީދު

ސައުދު އެ ގަރާރު ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭން ކުރިންސުރެ ވެސް އެދެނީ އިޒުރޭލާއި ފަލަސްތީން ވެސް ގައުމެއްގެ ގޮތުގައި އޮތުން ކަމަށެވެ. އެއީ ކުރީންސުރެ އެ މައްސަލާގައި ރާއްޖޭގެ ރަސްމީ ސްޓޭންޑް ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހި ރާއްޖެ އާއި އިޒުރޭލާ އޮތް ސިޔާސީ ގުޅުން ދިވެހި ރާއްޖޭން ސަސްޕެންޑް ކުރީ. ކަނޑައެއް ނުލާ. [ކުރީގެ ބޮޑުވަޒީރު އަދި ރައީސް] އިބްރާހިމް ނާސިރު އިޒްރޭލްގެ ސަރުކާރަށް ލިޔުއްވާފައިވާ ސިޓީއެއް ރައީސް އޮފީހުގައި ވާނެ. މިސިޓީގައި އެ ގުޅުން އޮތް ގޮތް އެންމެ ފަހުން ނިމުނުއިރުގައި އޮތް ގޮތް ބަޔާން ކޮށްދީފައި ވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިފަހުން ވެސް ފަލަސްތީންގެ ބިންތަކެއް އަތުލަން އިޒްރޭލުން މަސައްކަތް ފެށި ކަމަށެވެ. އެކަމާ ފްރާންސާއި އިނގިރޭސީން އިޒްރޭލާ އެއްބަސް ނުވުމުން އެކަން ވަރަށް ބޮޑަށް ވަޅުޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ދާދި ފަހުން އިޒުރޭލްގެ ސަރުކާރުން ފަލަސްތީންގެ އިތުރު ބިން އިޒުރޭލްގެ ބިމުގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ދެވުނު އިންޒާރެއް މި ގަރާރު އަޅުގަނޑުމެންނަށް ލިބިގެން އައިއިރުގައި ބައިނަލްއަގުވާމީ މަޝްރަހުގައި މިދެންނެވި އިންޒާރު ވަރަށް ހޫނުކޮށް ބަހުސް ކުރެވެމުން ދިޔަ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފަލަސްތީންގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ދަތުރު ކުރެވެން ފެށުމާ އެކު އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.