ސީއެސްސީ އަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު އިތުރުކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ ހަތަރު މެމްބަރުންގެ ޖާގަ އަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު އިތުރުކޮށްފި އެވެ.


ސީއެސްސީން ހަތަރު މެމްބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އެކަމަށް އެދި ކުރިމަތިލާން މިދިޔަ އަންގާރަ ދުވަހު ފުރުސަތު ހުޅުވައިލީ، މިއަދުގެ ނިޔަލަށް މުއްދަތު ހަމަވާ ގޮތަށެވެ. ނަމަވެސް މަޖިލީހުގެ އިދާރާ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ސީއެސްސީގެ މެމްބަރުކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ ހައެއްގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މި ކަމަށް ޝައުގުވެރިވާ މީހުން އެ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމާއި އެހެނިހެން ލިޔެކިޔުންތައް މަޖިލީހުގެ އިދާރާ އަށް ހުށަހަޅަން ޖެހެ އެވެ.

މަޖިލީހުގެ އިދާރާގެ މީޑީއާ ޑައިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ، މުއްދަތު އިތުރުކުރަން ނިންމީ ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ދޭން ކަމަށެވެ. މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބާ އާއި އަޟްހާ އީދާ ގުޅިގެން އަންނަ ހަފުތާ އެއްކޮށް ބަންދު ވާނެތީ، މިކަމަށް ހުށަހަޅަން އުނދަގޫ ވާނެ ކަމަށް މަޖިލީހުގެ އިދާރާ އަށް ގަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީއެސްސީ އަށް މެމްބަރުން އައްޔަނު ކުރާނީ ރައްޔިތުންގެ މަޖިލީހުން، ކުރިމަތިލާ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތައް:

* ދިވެއްސަކަށް ވުމާއި މުސްލިމަކަށް ވުން.

* ބުއްދި ސަލާމަތުން ހުރުން

* އުމުރުން 30 އަހަރު ވުން

* އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ ނުވުން. އަދި ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޝަރީއަތަށް ސާބިތުވެފައި ނުވުން.

* ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުން ނުދިއުން

* އެހެން ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން.

* ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކުރުމަށް ފަހު، ސަރުކާރުގައި ނުވަތަ ސަރުކާރު ނޫން ތަނެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތް ކޮށްފައި ވުން.

ސީއެސްސީގެ ހަތަރު މެމްބަރުން ވަކި ކުރަން ނިންމުމުން، ހަމަ އެ ދުވަހު އެ ކޮމިޝަނުގެ ތިން މެމްބަރުން އިސްތިއުފާ ދެއްވި އެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން ހިމެނެ އެވެ. އިސްތިއުފާ ނުދެއްވުމުން، މަޖިލިހުން ވަކިކުރީ މެމްބަރު އިބްރާހިމް ޝަހީގު އެވެ.

މެމްބަރުންނާއި ވަކިކުރި މެމްބަރުގެ އިތުރުން މި ސަރުކާރުގައި 2018 ގައި އެ ކޮމިޝަނަށް އައްޔަންކުރި މެމްބަރު ފާތިމަތު އާމިރާ ވަކިކުރަން ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ފާހެއް ނުވި އެވެ. އެހެންކަމުން ސީއެސްސީގެ މެމްބަރުކަމުގައި މި ވަގުތު ހުންނެވީ އާމިރާ އެކަންޏެވެ.