ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމުން ހުސްވެފައިވާ ހަތަރު މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވައިލައިފި އެވެ.
ސީއެސްސީގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން އިއްޔެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން އޭގެ ތެރެއިން ތިން ބޭފުޅަކު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން ހިމެނެ އެވެ.
އިސްތިއުފާ ނުދެއްވުމުން ،މަޖިލިހުން ވަކިކުރީ މެމްބަރު އިބްރާހިމް ޝަހީގު އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތައް:
* ދިވެއްސަކަށް ވުމާއި މުސްލިމަކަށް ވުން.
* ބުއްދި ސަލާމަތުން ހުރުން
* އުމުރުން 30 އަހަރު ވުން
* އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ ނުވުން. އަދި ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޝަރީއަތަށް ސާބިތުވެފައި ނުވުން.
* ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުން ނުދިއުން
* އެހެން ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން.
* ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކުރުމަށް ފަހު، ސަރުކާރުގައި ނުވަތަ ސަރުކާރު ނޫން ތަނެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތް ކޮށްފައި ވުން.
ސީއެސްސީއަށް މެންބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ކުރިމަތިލާ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.
އިސްތިއުފާ ދެއްވި ތިން މެމްބަރުންނާއި ވަކިކުރި މެމްބަރުގެ އިތުރުން މި ސަރުކާރުގައި 2018 ގައި އެ ކޮމިޝަނަށް އައްޔަންކުރި މެމްބަރު ފާތިމަތު އާމިރާ ވަކިކުރަން ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ފާހެއް ނުވި އެވެ. އެހެންކަމުން ސީއެސްސީގައި މި ވަގުތު ހުންނެވީ އާމިރާ އެކަންޏެވެ.