ހިޔާއިން ޕޮޒިޓިވްވި ކުއްޖާގެ ދެވަނަ ޓެސްޓް ނެގެޓިވްވެއްޖެ

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖަކު، ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވް ވިޔަސް އޭނާގެ ދެވަނަ ޓެސްޓް ނެގެޓިވް ވެއްޖެ އެވެ.


އޭނާ ބަލިވެގެން ކޮވިޑަށް ޓެސްޓު ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އިއްޔެ އެ ޓެސްޓުގެ ނަތީޖާ ލިބުނު އިރު، ނަތީޖާ ޕޮޒިޓިވް އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ކުއްޖާ ކޮވިޑް-19 އަށް ނެގެޓިވްކަން އިނގުމުން މިހާރު ވަނީ އައިސޮލޭޝަން އިން ދޫކޮށްލާފައި ކަމަށެވެ. އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.

އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ވެސް މިހާރު ވަނީ ކަރަންޓީނުން ދޫކޮށްލައިފަ އެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 2،999 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިހާރު ފަރުވާ ހޯދަމުން ދަނީ 600 މީހުންނެވެ. 2،369 މީހުން މި ބަލިން ރަނގަޅުވެފައި ވާ އިރު 15 މީހަކު ވަނީ މަރުވެފަ އެވެ.