ޔަމަން މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: ކަރެކްޝަންސް

ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގައި ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، މޯލްޑިވްސް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.


އޭނާގެ ހާލު ކުޑަކޮށް ރަނގަޅު ކަމަށް ބުންޏަސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އިން ނުދެ އެވެ.

ޔާސިރަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ، ބަނޑުހައިހޫނުކަމުގެ ހަޅުތާޅެއް ފަށައި ހާލު ސީރިއަސްވުމުންނެވެ. އެކަމަކު އޭނާ އަލުން ކާން ފެށި ކަމެއް ކަރެކްޝަންސް އިން ނުބުނެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށެވެ. އޭނާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގަ އެވެ.

މިއީ އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރި ދެ ވަނަ ފަހަރެވެ.

އެ ހަޅުތާލާ ގުޅިގެން އެ ފަހަރު ވެސް ޔާސިރުގެ ހާލު ވަރަށް ދެރަވެ، އައިޖީއެމްއެޗްގައި އައިވީ ގުޅައިގެން ފަރުވާ ދިނެވެ. އަލުން ކާން ފެށީ ގިނަ ދުވަސްތަކެއް ވަންދެން ހަޅުތާލު ކުރުމަށްފަހުގަ އެވެ.

ރާއްޖޭގައި ކައިވެންޏެއް ކޮށްގެން އުޅެމުން އަންނަނިކޮށް އޭނާގެ ހަގީގަތް އެނގުމުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާޗު 3، 2017 ގަ އެވެ. އެކަމަކު މިހާތަނަށް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެ އެވެ.

ދޫކޮށްލާފައި ހުރެއްޖެނަމަ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުން ވެދާނެ ކަމަށް ބެލެވޭތީ ހައްޔަރުކޮށްފައި ހުރި ޔާސިރު ދިވެއްސަކާ އިނދެ ދަރިއަކު ވެސް ހުރެ އެވެ. އޭނާގެ ހަގީގަތް އެނގުނު ހިސާބުން ވިސާ ކެންސަލްކޮށް ރާއްޖެ އިން ފުރައިގެންދާން އެއް މަސް ދުވަހުގެ މުއްދަތެއް އިމިގްރޭޝަނުން ދިނެވެ.

އެކަމަކު އޭނާ ފުރަން އިންކާރުކުރީ އެވެ. ފުރަން އެއްބަސްވިހާ އަވަހަކަށް އެކަން ހަމަޖައްސައިދޭނެ ކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެ އެވެ. އެހެންވެ ފުރުވައިލެވެން ދެން ޔާސިރު ބަހައްޓާފައި ހުރީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގަ އެވެ.