ބޮޑުފިނޮޅުން ބިދޭސީން ބާލުވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި

ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީން ރަށުން ބާލުވަން، އެ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން ނިންމި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ދެމުން އަންނަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


އެ ޖަމިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޒަރޫރީ ބޭނުންތަކެއްގައި ބޮޑުފިނޮޅުން ފޭބި ހަތަރު ބިދޭސީއަކު އެ ރަށަށް އަނބުރާ އެރުމުގެ ހުއްދަ ފުލުހުންނާއި ސީލް މޯލްޑިވްސް އިން ނުދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ބާކީ ތިބި ބިދޭސީން ރަށުން ބޭލުވުމުގެ މަސައްކަތް ސީލް މޯލްޑިވްސް އިން މިއަދު ކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވެސް ބުންޏެވެ.

މުސާރަ ނުދިނުމުން މި މަހުގެ ކުރީކޮޅު ބިދޭސީން ހަމަނުޖެހުން ހިންގައި، ބޮޑުފިނޮޅުގެ މުދަލަށް ވަނީ ގެއްލުން ދީފަ އެވެ. އެކަމާ ގުޅިގެން ބައެއް ބިދޭސީން ހައްޔަރު ކޮށްފައިވެ އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ރަށުގެ ކޮންޓްރެކްޓަރު، ރިޒް ކުންފުންޏާއި އެ ކުންފުނީގެ ދެ ޑިރެކްޓަރުންނާ ގުޅޭ މައްސަލައެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް ވަނީ މިދިޔަ ހަފުތާގައި ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި މަސައްކަތްތެރިންނަށް ނުދީ ހުރި މުސާރަ އާއި އިނާޔަތްތައް އެއްފަހަރާ ދިނުމާއި އެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަކިގޮތެއް ކަނޑައަޅަންދެން، ރިޒް ކުންފުންޏާއި އެ ކުންފުނީގެ ދެ ޑިރެކްޓަރުން، މަސައްކަތްތެރިންނަށް ކެއުންބުއިމާއި ސިއްހީ ފަރުވާ އާއި އެންމެހާ ޒަރޫރީ ބޭނުންތައް ފުއްދާނެ ގޮތް ހަމަޖައްސާފައި ބޭއްވުމަށް ވަނީ އެދިފަ އެވެ.

"މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 18 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ވެސް ޒިންމާއެއްކަން މި ފުރުސަތުގައި ފާހަގަކޮށް، އެ ބިދޭސީ މަސައްކަތްތެރިންނަށް މި ވަގުތަށް ލިބިފައިވާ ބޯހިޔާވަހިކަމުން މަހުރޫމް ކުރުމާއި އެ ފަރާތްތަކަށް ކެއުމާއި ބުއިމާއި ސިއްހީ ފަރުވާ އާއި އެންމެހާ ޟަރޫރީ ބޭނުންތައް ނުފުއްދޭނެ ފަދަ ހާލަތްތައް މެދުވެރި ކުރުވުމަކީ އެ ފަރާތްތަކުގެ އިންސާނީ ހައްގުތަކާ ގުޅޭ ކަމެއް ކަމުގައިވާތީ، ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެންގެވުމުގައި މި މައްސަލަ ބައްލަވައި އަވަސް ފިޔަވަޅުތައް އެޅުއްވުމަށް މި ޖަމިއްޔާގެ ފަރާތުން އެ އިދާރާތަކަށް އިލްތިމާސްކުރަމެވެ،" ޕީއައިއެލްސީގެ ބަޔާނުގައި ބުންޏެވެ.

އެ ޖަމިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޒަރޫރީ ބޭނުންތަކެއްގައި ބޮޑުފިނޮޅުން ފޭބި ހަތަރު ބިދޭސީއަކު އެ ރަށަށް އަނބުރާ އެރުމުގެ ހުއްދަ ފުލުހުންނާއި ސީލް މޯލްޑިވްސް އިން ނުދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ބާކީ ތިބި ބިދޭސީން ރަށުން ބޭލުވުމުގެ މަސައްކަތް ސީލް މޯލްޑިވްސް އިން މިއަދު ކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވެސް ބުންޏެވެ.

ބޮޑުފިނޮޅުގައި ރިޒް ކުންފުނިން ބޭތިއްބި 179 ބިދޭސީންނަށް މި މަސް ނިމުމުގެ ކުރިން މުސާރަ ދިނުމަށް ލޭބަ ރިލޭޝަންސް އޮތޯރިޓީން ވަނީ އިއްޔެ އަންގައިފަ އެވެ. އެ އެންގުމާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

ރިޒް ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް ކޮށް ފުލުހުން އަންނަނީ އެ މައްސަލަތައް ބަލަމުންނެވެ. އެ ތުހުމަތުތަކުގެ ތެރޭގައި ރިޒް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދެއްކުމާއި ބިދޭސީންނަށް މަޖުބޫރުކޮށް، އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގުން ވެސް ހިމެނެ އެވެ. އެ މައްސަލަތަކުގެ ތަހުގީގަށް، ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާ ފުލުހަށް ހާޒިރުކޮށްފައި ވެސް ވެ އެވެ.

ޕީއައިއެލްސީން ބުނީ ބިދޭސީން ބޯހިޔާވަހިކަމުން މަހުރޫމްކޮށް މަގުމަތި ކުރުމަކީ، މިހާރު ވެސް ނިކަމެތިވެފައިވާ އެ މީހުންނަށް ލިބޭނެ އިތުރު ގެއްލުމެއް ކަމަށެވެ.

ބޮޑުފިނޮޅުން ބިދޭސީން ބާލުވަން، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުން ވެސް އަމުރު ނެރެފައި ވެ އެވެ. ނަމަވެސް މިހާތަނަށް އައި އިރު ވެސް އެ އަމުރު ތަންފީޒު ކޮށްފައެއް ނުވެ އެވެ.

ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަކީ ސީލް މޯލްޑިވްސް އިން ބުނާ ގޮތުގައި އެ ރަށް ތަރައްގީކުރަން ހަވާލުކުރި ރިޒް ކުންފުނިން ގެންދިޔަ މީހުންނެވެ. އެކަމަކު ރިޒް ކުންފުނިން ބުނެފައިވަނީ އެއީ ކޮން ބައެއްކަން އެނގޭނެ ލިޔެކިޔުން ވެސް ނެތް ކަމަށާއި އެ ރަށުގައި ތިބީ ރިޒްގެ 14 ބިދޭސީ މުވައްޒަފުން ކަމަށެވެ. ރިޒުން ބުނެފައިވަނީ މުވައްޒަފުންނަށް މުސާރަ ނުދެވުނީ ސީލް އިން ފައިސާ ނުދޭތީ ކަމަށެވެ. އެކަމަކު ސީލް އިން ވަނީ އިން ވަނީ އެ ތުހުމަތަށް އިންކާރުކޮށް، ފައިސާ ދިން ކަމަށް ބުނެފަ އެވެ. އަދި ބުނެފައިވަނީ ރިޒްގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގައި އޮންނަ ގޮތުން ރިޒްގެ ޒިންމާއެއް ކަމަށާއި އެއީ ސީލް އިން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.