ތެލުގެ މައްސަލަ ނުބަލަން ނިންމީ 66 ފޮށީގެ ލިއުންތައް އޭޖީން ފޮނުވާފައި ވަނިކޮށް: އޭސީސީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީހުން 66 ފޮށީގެ ލިއެކިއުން ފޮނުވާފައި ވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ކުރިން ތިއްބެވި މެމްބަރުން އެ މައްސަލަ ނުބަލަން ނިންމެވި ސަބަބާ މެދު މިހާރުގެ ކޮމިޝަނުން ސުވާލު އުފައްދައިފި އެވެ.


މައުމޫންގެ ވެރިކަމުގައި ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ބުނެ ތަހުގީގުކުރުމަށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މި މައްސަލަ ތަހުގީގު ކުރަން ހަވާލުކުރިއިރު، އޭސީސީ އަށް އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އެކަމަކު އެ މައްސަލަ ނުބަލަން ނިންމައި އޭސީސީން ފައިލްކުރީ ނިމިދިޔަ ޕީޕީއެމްގެ ވެރިކަމުގެ އެވެ.

މި ވިޔަފާރި ހިންގި ދުވަސްވަރު ޔާމީން ހުންނެވީ އެސްޓީއޯގެ ޗެއާމަންގެ މަގާމުގަ އެވެ.

މި މައްސަލަ އޭސީސީން ރިވިއުކުރަމުން އަންނައިރު، ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ކުރީގެ ރައީސް މުހައްމަދު ވަހީދު ފައިސާ ދެއްވައިގެން ބައްލަވައިގަތުމަށް ފަހު، އެ ފޮރުވައިފައިވާ ކަމުގެ ތުހުމަތާ އެކު މަޖިލީހަށް މައްސަލައެއް ހުށަހަޅައި މި ފަހުން ބަހުސް ވެސް ކޮށްފައިވެ އެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ވިދާޅުވީ ތެލުގެ ވަގު ވިޔަފާރި ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި 66 ފޮށީގެ ޑޮކިއުމެންޓް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައި ވިޔަސް ކުރީގެ ކޮމިޝަން އެ މައްސަލަ ފައިލްކުރީ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޮތީ، މައްސަލަ ކުރިއަށް ގެންދެވޭ ވަރުގެ މައުލޫމާތު ލިބިފައި ނުވުން ކަމަށް ޝިއުނާ ވިދާޅުވި އެވެ.

"އެ ރިޕޯޓް ބަލާފައި ވެސް އަޅުގަނޑަށް ސުވާލު އުފެދުނު 66 ފޮށީގެ ޑޮކިއުމެންޓްސް ލިބިފައި ހުރިއިރު އެހާ ކުރު ނިންމުމެއް ނުވަތަ އެހާ އާދައިގެ ގޮތަކަށް ތަހުގީގު ރިޕޯޓް ނިންމާފައި އޮތުމުން،" ޝިއުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ހުޅުވައިގެން ބަލާކަށް ކޮމިޝަންގެ މެމްބަރުން އަދި ނުނިންމަ އެވެ. އެ 66 ފޮށީގެ ޑޮކިއުމެންޓްތައް ރިވިއުކޮށްފައި ކޮމިޝަންގެ މެމްބަރުން ގޮތެއް ނިންމާނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހާމަކޮށްފައި ވާނީ މައްސަލަ ރިވިއުކުރަން ނިންމި ވާހަކަ. މައްސަލަ ހުޅުވައިގެން އަލުން ބަލާނީތޯ ނޫންތޯ ނިންމާނީ ރިވިއުއަށް ފަހު،" އޭނާ ވިދާޅުވި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ތުހުމަތު ކުރައްވާފައި ވަނީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑުން ހިންގި ތެލުގެ ވަގު ވިޔަފާރީގައި ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދަން ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވައިލި ރިޕޯޓު ވަހީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ދައުލަތުގެ ފައިސާއިން ބޮޑު ހޭދައެއް ކުރައްވައިގެން "ގަނެލާފައިވާ" ކަަމަށެވެ. އެ ރިޕޯޓު ފޮރުވާފައިވާ ކަމަށް ތުހުމަތުކޮށް، އެ ހޯދައި މަޖިލީހަށް ހުށަހަޅަން އެ މައްސަލައިގައި ގޮވައިލި އެވެ.

ވަގު ވިޔަފާރިކުރި ކަމަށް ބުނެ ތަހުގީގުކުރުމަށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގެ ރިޕޯޓް ވެސް އާއްމުވި އެވެ.

ސެޕްޓެމްބަރު 16، 2010 ގައި ތައްޔާރުކޮށް ސަރުކާރަށް ފޮނުވި އެ ރިޕޯޓުގައި ބުނެފައި ވަނީ އެސެޓްތަކަށް ވީނުވީ ގޮތް ބަލައި ތަހުގީގު ކުރުމަށް އޭރުގެ ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މާޗް 23، 2010 ގައި ކަމަށެވެ. އެ އެސެޓް ރިކަވަރީގެ ދަށުން ކުރުމަށް ހަމަޖެހިފައި ވަނީ މައުމޫނާއި މައުމޫންގެ އާއިލާއާ ގުޅުން ހުރި ފަރާތްތަކުގެ މައްޗަށް ތުހުމަތުކޮށް، އޮޑިޓާ ޖެނެރަލް 2007 އަދި 2008 ވަނަ އަހަރުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައް ބެލުމެވެ.

ރިޕޯޓްގައި ބުނެފައި ވަނީ އެސްޓީއޯ ސިންގަޕޫރު ކުންފުނީގެ އާމްދަނީ ދައްކާ ގޮތުން 2001 ން 2002 އަށް އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި 2005 ވަނަ އަހަރާ ޖެހެންދެން ގާތްގަނޑަކަށް އަހަރަކު 100 މިލިއަން ސިންގަޕޯ ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ ކަމަށެވެ. އަދި 2006 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ދެމެދު ވިޔަފާރި ވަރަށް ބޮޑަށް ދަށްވެ، ގާތްގަނޑަކަށް 17 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށް ބުނެފައިވެ އެވެ.