މަރަދު އާއި ހުޅުމީދޫ ގޭދޮށު މަސް ޕްލާންޓް ހަދަން ދެ ކުންފުންޏަކާ ހަވާލުކޮށްފި

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައިހިންގާ ގޭދޮށު މަސް ޕްލާންޓު މަޝްރޫއުގެ ދަށުން މަރަދޫ އާއި ހުޅުމީދޫގެ ފްލާންޓްތަކުގެ މަސައްކަތް ވެސް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.


މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މަރަދޫގައި މަސްޕްލާންޓްގެ މަސައްކަތް ހަވާލުކުރީ ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ލޮޖިސްޓިކްސް އެންޑް އޮޕަރޭޝަންސް ބައްސާމް ތައުފީގެވެ. މަރަދޫގައި މަސް ޕްލާންޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމައި ހިންގަން ފަށަން ޖެހެ އެވެ. އަދި މި މަޝްރޫއަށް އިންޑިއާ ސަރުކާރުން ހަ މިލިއަން ރުފިޔާ ހަރަދުކުރާ އިރު ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑުން 22.1 މިލިއަން އިންވެސްޓްކުރާނެ އެވެ.

ހުޅުމީދޫ މަސް ޕްލާންޓްގެ މަސައްކަތް ހަވާލުކުރީ މެކޯ ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނީގެ ފަރާތުން މި ކައުންސިލާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޖާވިޒެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމީދޫގެ މަސް ޕްލާންޓުގެ ފުރަތަމަ ފޭސްގެ މަސައްކަތް 11 މަސް ދުވަހުގެ ތެރޭގައި ނިންމައި ހިންގަން ފަށަންޖެހެ އެވެ. އަދި މި މަޝްރޫއަށް ހަ މިލިއަން ރުފިޔާ އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ދީފައިވާ އިރު އަދި މެކޯ އިން މަޝްރޫ އަށް 6.6 މިލިއަން ރުފިޔާ އިންވެސްޓްކުރާނެ އެވެ.

މަރަދު އާއި ހުޅުމީދޫގެ މަސް ޕްލާންޓްގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކުރުމުގެ ކުރިން ކައުންސިލުން ވަނީ ހިތަދޫގައި ގާއިމުކުރާ މަސް ޕްލާންޓްގެ މަސައްކަތް މިދިޔަ މެއި މަހު އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.

އައްޑޫގައި ކުރިއަށް ގެންދާ ގޭދޮށު މަސް ޕްލާންޓް މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް (އެޗްއައިސީޑީޕީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މަސްޕްލާންޓްތައް ހެދުމުން 400-800 ޓަނާ ދެމެދުގެ އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރެވޭނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން އައްޑޫގެ އިގްތިސާދީ ތަރައްގީ އަށް މަގުފަހިވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ. މީގެ ތެރެއިން މަސް ޕްލާންޓްތައް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، ވެލިއު އެޑްކުރެވޭ ބާވަތްތައް އުފެއްދުން ހިމެނެ އެވެ. އެގޮތުން މަސްޕްލާންޓުތަކުން މަސްކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމް ޕެކްކުރުމާއި ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ވެސް ކުރެވޭނެ އެވެ. ގޭދޮށު މަސް ޕްލާންޓްތައް ހެދުމާއި އައްޑޫގެ އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދަން ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 2 ގަ އެވެ.