އިންޑިއާ ސަަރުކާރުގެ އެހީގައި އައްޑޫގައި މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ހިންގަން ނިންމާފައިވާ މަޝްރޫއުގެ ދަށުން ހިތަދޫގައި ގާއިމުކުރާ "ގޭދޮށު މަސް ޕްލާންޓް"ތަކުގެ މަސައްކަތް މިއަދު އައްޑޫ ސިޓީ ކައުންސިލުން ބަޔަކާ ހަވާލުކޮށްފި އެވެ.
އާންމުކޮށް އިއުލާންކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއުގެ ދަށުން ހިތަދޫގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެލްނާތު މޯލްޑިވްސްއާ އެވެ. ހަ މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއުގެ މަސައްކަތް ފަށާތާ 280 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް (އެޗްއައިސީޑީޕީ) ގެ ދަށުން ދޭ އެހީގައި ހިންގާ މި މަޝްރޫއުގެ ދަށުން އައްޑޫގައި ގޭދޮށު މަސްޕްލާންޓްތައް ގާއިމުކުރަން ހަމަޖެހިފައި ވަނީ ހިތަދޫގެ އިތުރުން ހުޅުމީދު އާއި މަރަދޫގަ އެވެ. މި އަވަށްތަކަކީ އައްޑޫގައި މަސްވެރިކަން އެންމެ ފުޅާކޮށް ކުރާ އަވަށްތަކެވެ.
މަސްޕްލާންޓްތައް ހެދުމުން 400-800 ޓަނާ ދެމެދުގެ އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރެވޭނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން އައްޑޫގެ އިގްތިސާދީ ތަރައްގީ އަށް މަގުފަހިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މީގެ ތެރެއިން މަސް ޕްލާންޓްތައް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، ވެލިއު އެޑްކުރެވޭ ބާވަތްތައް އުފެއްދުން ހިމެނެ އެވެ. އެގޮތުން މަސްޕްލާންޓުތަކުން މަސްކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމް ޕެކްކުރުމާއި ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ވެސް ކުރެވޭނެ އެވެ.
ގޭދޮށު މަސް ޕްލާންޓްތައް ހެދުމާއި އައްޑޫގެ އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދަން ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 2 ގަ އެވެ.
އައްޑޫގައި ގޭދޮށު މަސް ޕްލާންޓްތަކެއް ގާއިމުކުރާ އިރު، މިފްކޯ އިން ހުޅުމީދޫގައި މަސް ފެކްޓްރީއެއް ވެސް ހަދާފައިވެ އެވެ.